Roadha Mihaaru
ހައްޖާއި އުމްރާ އަދި ޒަކާތުގެ ބިލު މި ދައުރަށް

ހައްޖާއި އުމްރާ އަދި ޒަކާތުގެ ބިލު މި ދައުރަށް

21 މެއި 2023

ހައްޖާއި އުމްރާ އަދި ޒަކާތުގެ ބިލަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރަށް 14 ބިލެއް ހުށަހަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމައިފި އެވެ.

ހައްޖާއި އުމްރާ އަދި ޒަކާތުގެ ބިލަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރަށް 14 ބިލެއް ހުށަހަޅަން ބަންޑާރަނައިބުގެ އޮފީހުން ނިންމައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު އާންމުކުރި ލިސްޓުގައި އާ ގާނޫނެއް އެކުލަވާލަން ތަފާތު ހަތަރު ބިލެއް ހިމެނެ އެވެ.

މީގެ ތެރޭގައި، ހައްޖާއި އުމްރާގެ ބިލާއި ޒަކާތުގެ ބިލުގެ އިތުރުން، ފޮރިން އިންވެސްޓުމެންޓުގެ ބިލާއި ވަޒީފާ ގެއްލޭ މީހުންގެ އިންޝޫރަންސްގެ ބިލު މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ.

ހައްޖާއި އުމްރާގެ ބިލު އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ބިލާ ގުޅޭގޮތުން އެ އޮފީހުން އޭރު ބުނީ މި ބިލަކީ ރާއްޖެއިން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާ ބިލެއް ކަމަށެވެ.

މިގޮތުން، ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތަކާއި ހައްޖާ އުމްރާގެ ފަންޑެއް ގާއިމުކުރުމާއި ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓުކުރުމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކުރާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ހައްޖާއި އުމްރާއަށް ގެންދިއުމަށް އަމިއްލަ މީހުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރުމާ ގުޅޭ އުސޫލުތަކާއި، ހިދުމަތްދޭ ފަރާތްތަކުން ހައްޖުވެރިންނަށް ދިނުން ލާޒިމްވާ ހިދުމަތްތައް ކަނޑައެޅުމާއި ގާނޫނާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ހިމެނޭނެ ކަމަށް އޭރު ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އާންކުރި ލިސްޓުގައި ބާކީ ހުރި ބިލުތަކަކީ މިހާރު ހުރި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކެވެ.

އިސްލާހު ގެންނަން ހުށަހަޅާ ބައެއް ގާނޫނުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ހިމެނެ އެވެ.