Roadha Mihaaru
ޗާޓަޑް އެކައުންޓެންޓުންގެ ބިލް މަޖިލީހަށް ފޮނުވަނީ

ޗާޓަޑް އެކައުންޓެންޓުންގެ ބިލް، މި އަހަރު މަޖިލީހަށް ފޮނުވޭނެ: އޮޑިޓާ ޖެނަރަލް

02 ޖުލައި 2018

ރާއްޖޭގެ އެކައުންޓިން ދާއިރާގެ ގިނަ ކަންކަން ކަނޑައަޅާ، ޗާޓަޑް އެކައުންޓެންޓުންގެ ބިލް މި އަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވޭވަރު ވާނެ ކަމަށް އޮޑިޓަ ޖެނަރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ އެކައުންޓިން ދާއިރާގެ ގިނަ ކަންކަން ކަނޑައަޅާ، ޗާޓަޑް އެކައުންޓެންޓުންގެ ބިލް މި އަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވޭވަރު ވާނެ ކަމަށް އޮޑިޓަ ޖެނަރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށް ގެންދާ އެކައުންޓެންޓުންގެ ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ، ޗާޓާޑް އެކައުންޓެންޓުންގެ ބިލަށް އެޓާނީ ޖެނަރަލް އޮފީހުން މިހާރު ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން، އެކައުންޓިން ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އޮޑިޓަރުންނަށް ލައިސެންސް ދެމުން އަންނަ އުސޫލު ބަދަލުކޮށް، ވަރަށް އަވަހަށް އެކަމާ ގުޅޭ އާ އުސޫލެއް ނެރެން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ އުސޫލާ އެކު އޮޑިޓަރުންނަށް ލައިސެންސް އާ ކުރުން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ، އެކައުންޓިން ޕްރޮފެޝަނަލް ޑައިރެކްޓްރީ އިއުލާނު ކުރާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އެކައުންޓެންޓް ފޯރަމްގެ ސްޕީކަރުންގެ ތެރޭގައި ހިމެނޭ ލަކްސް ރިސޯޓުގެ ޑިރެކްޓަރު އަދި އެޗްއާރު އެސޯސިއޭޝަންގެ ރައީސް ހުސައިން އަފީފް (ކ) އަދި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދި މަނިކު (މ).-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ފަހިކޮށް، ބާރުވެރި ކުރަން ޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި އެކައުންޓިން އާއި އޮޑިޓިން ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް، މި ދާއިރާގެ މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ކުންފުނިތަކުން ފަހިކޮށްދިނުމަށް ޒިޔަތު ގޮވައިލެއްވި އެވެ.

އެސްޓީއޯގެ އެމްޑީ ޝަހީރު، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެސްޓީއޯގެ އެމްޑީ ޝަހީރު، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ފޯރަމްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، އެކައުންޓިން އިންޑަސްޓްރީ އަށް ގާނޫނެއް ހެދުމުން ވަރަށް ބޮޑަށް އިންޑަސްޓްރީ ކުރިއަރައިގެން ދާނެ ކަމަށެވެ.

"ލީގަލް ރިކޮގްނިޝަން ލިބުމަކީ މި އިންޑަސްޓްރީ ކުރިއަރައިގެން ދާން ލިބޭ އެންމެ ބޮޑު އެއް ބާރަށް ވެގެން ދާނެ،" ކަމަށް ޝަހީރު ވިދާޅުވި އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކައުންޓެންޓުންގެ ފޯރަމަކީ އިންޑަސްޓްރީގެ ތަޖުރިބާކާރު ބޭފުޅުން މައުލޫމާތުތައް ހިއްސާކޮށް، އެ ދާއިރާގެ ބޭފުޅުންގެ ގުޅުން ބަދަހިކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމުގައި ދިވެހިންގެ އިތުރުން، ބޭރުގެ ތަޖުރިބާކާރުން ޓެކްނިކަލް ސެޝަންތަކެއް ނަގާދިނުމަށް ވަނީ ހަމަޖެހިފަ އެވެ.