Roadha Mihaaru
ހުރިހާ ހަރަދެއް ބޮޑުވެއްޖެ، މުސާރަ ބޮޑުކޮށްދީ!

ހުރިހާ ހަރަދެއް ބޮޑުވެއްޖެ، މުސާރަ ބޮޑުކޮށްދީ!

22 މެއި 2023

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގު، ނުވަތަ އިންފްލޭޝަން ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓް އުފުލިފަ އެވެ. މިދިޔަ ޑިސެމްބަރުގައި 3.4 ގައި ހުރި އިންފްލޭޝަން މިދިޔަ މަސް ފެށުނު އިރު ހުރީ ހަތަރަކަށް ބަދަލުވެފަ އެވެ. އެއީ ރަސްމީ ލިޔެކިޔުންތަކުން ދައްކާ އަދަދު ކަމަށް ވިޔަސް، އާންމުންގެ އަތްމައްޗަށް އަރާ މުދަލުގެ އަގު އެއަށް ވުރެ މާ މަތިން ވަނީ ބޮޑުވެފަ އެވެ. މުދާ ގަންނަން ލިބޭ އަގާ އަޅާ ބަލާއިރު، ލިޔެކިޔުންތަކުން އެ އިންފްލޭޝަން ފެންނަން ނުހުންނަނީ އަސާސީ ހިދުމަތްތަކަށް ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދޭތީ އެވެ. އޭގެ މާނައަކީ، ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް އަސާސީ ހިދުމަތްތަކުގެ އަގު މައްޗަށް ދިޔަޔަސް އެ އަގު މައްޗަށް ދާ ތަން ރާއްޖޭގައި ނުފެނުމެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގު، ނުވަތަ އިންފްލޭޝަން ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓް އުފުލިފަ އެވެ. މިދިޔަ ޑިސެމްބަރުގައި 3.4 ގައި ހުރި އިންފްލޭޝަން މިދިޔަ މަސް ފެށުނު އިރު ހުރީ ހަތަރަކަށް ބަދަލުވެފަ އެވެ. އެއީ ރަސްމީ ލިޔެކިޔުންތަކުން ދައްކާ އަދަދު ކަމަށް ވިޔަސް، އާންމުންގެ އަތްމައްޗަށް އަރާ މުދަލުގެ އަގު އެއަށް ވުރެ މާ މަތިން ވަނީ ބޮޑުވެފަ އެވެ. މުދާ ގަންނަން ލިބޭ އަގާ އަޅާ ބަލާއިރު، ލިޔެކިޔުންތަކުން އެ އިންފްލޭޝަން ފެންނަން ނުހުންނަނީ އަސާސީ ހިދުމަތްތަކަށް ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދޭތީ އެވެ. އޭގެ މާނައަކީ، ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް އަސާސީ ހިދުމަތްތަކުގެ އަގު މައްޗަށް ދިޔަޔަސް އެ އަގު މައްޗަށް ދާ ތަން ރާއްޖޭގައި ނުފެނުމެވެ.

ރާއްޖޭގައި ކޮންޓްރޯލުން ނެއްޓިގެން އުޅެނީ އާންމު މުދަލުގެ އަގެވެ. ވޭތުވެދިޔަ ފަސް އަހަރު ކުރިއާ އަޅާ ބަލާއިރު [އެކި ސަބަބުތަކާ ހެދި] މުދަލާއި ހިދުމަތުގެ އަގުތައް ވަރަށް ބޮޑުވެއްޖެ އެވެ. ކެއިންބުއިމާއި ޒަރޫރީ އެހެން ބޭނުންތަކަށް ކުރާ ހަރަދު ދެ ގުނަ ބޮޑުވެއްޖެ އެވެ. ކުރިން 500ރ. އަށް ކުރެވުނު ވިޔަފާރި މިހާރު 1000ރ. އަށް ބަދަލުވެއްޖެ އެވެ.

އެކަމަކު، ބޮޑު ނުވި އެއްޗަކީ މުސާރަތަކެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުން ވެސް ލިބޭ އާމްދަނީ އޮތީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ހުރިހާ ހިދުމަތެއްގެ އަގުތައް މައްޗަށް ދިޔައިރު، މުސާރަތައް ގުޑާނުލައި ހުރުމުގެ ސަބަބުން ދިރިއުޅުން ވަނީ ބުރައަކަށް ވެފަ އެވެ.

އޭގެ އެއް މާނައަކީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ނޫން ކަމެވެ. ނުވަތަ ދައުލަތް ހިންގުމުގެ ބޭކާރު ހަރަދު ބޮޑު ކަމެވެ. ނުވަތަ، ރާއްޖެ އަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ބޭރަށް ދިއުން، ނުވަތަ މެދު/ ދަށް ފަންތި އާ ހަމައަށް ނައުމެވެ. އަނެއް މާނައަކީ، ސިވިލް ސާވިސް އާއި ދައުލަތުގެ އެހެން މުސާރަތައް ބޮޑުކުރުމަށް ސަރުކާރު އޮތީ ނުކުޅެދިފައި ކަމެވެ.

ސިވިލް ސާވިސް އަށް ހައްގު މުސާރައެއް ނޫން

ސިވިލް ސާވިސްގައި 26،600 މީހުން ވަޒީފާ އަދާކުރެ އެވެ. އޭގެ ތެރެއިން 10،000 މީހުން ވަޒީފާ އަދާކުރަނީ މާލޭގަ އެވެ.

ސިވިލް ސާވިސްގެ އެވްރެޖް މުސާރަތައް ހުރީ ވަރަށް ދަށުގަ އެވެ. މިނިމަމް ވޭޖް ކަނޑައެޅި އިރު، ސިވިލް ސާވިސްގެ ތިންބައިކުޅަ އެއްބައި، ނުވަތަ އަށް ހާހެއްހާ މުވައްޒަފުންގެ މުސާރަ ބޮޑުވި އެވެ. އެހެންވެ، އޭރު ތިންބައި ކުޅަ އެއްބައި މުވައްޒަފުންގެ މުސާރަ ހުރީ މަހަކު ގާތްގަނޑަކަށް 5،500ރ. ގަ އެވެ. ކޮވިޑާ އެކު ފިނޭންސުން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ސިވިލް ސާވިސްގެ 85 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މުސާރަ 15،000ރ. އަށް ވުރެ ދަށެވެ.

ސިވިލް ސާވިސް މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ އޮފީސްތައް ހުންނަ، ވެލާނާގެއަށް ބަޔަކު ވަންނަނީ.

ސިވިލް ސާވިސް މުވައްޒަފުން ގިނަ އަދަދަކަށް މަސައްކަތްކުރާ އޮފީސްތައް ހުންނަ، ވެލާނާގެއަށް ބަޔަކު ވަންނަނީ.

އެއީ ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ދިރިއުޅެމުންދާ މީހުންނަށް އެކަށީގެންވާ މުސާރައެއް ނޫނެވެ. އެކަން ސިވިލް ސާވިސް ކޮމިޝަނުން ވެސް، އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ގަބޫލު ކުރައްވަ އެވެ.

ވަރަށް ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވި ގޮތުގައި ސިވިސް ސާވިސްގެ މުވައްޒަފުންނަށް ދެވެނީ ހައްގު މުސާރައެއް ނޫނެވެ. އަދި "އެ ހައްގު އެ މީހުންނަށް ދޭން ޖެހޭ" ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އަމިއްލަ ތަންތަނުގެ މުސާރަތައް އާންމުކޮށް ބަދަލުވަނީ ސިވިލް ސާވިސްގެ މުސާރަތަކާ އެކު އެވެ. އެކަމަކު، މުޅި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުނުވާތާ މިހާރު އެތައް އަހަރެއްވެއްޖެ އެވެ. ސިވިލް ސާވިސްގެ މުސާރަ އަށް ބަދަލު ނުގެނެސް، ޓެކްނިކަލް ކޯ އެލަވަންސަކާއި ސަޕޯޓިން އެލަވަންސެއް ރައީސް އަބްދުﷲ ޔާމީންގެ ދައުރު ބޮޑުކުރުމުން ކޮންމެ މީހެއްގެ ޖީބަށް 35 ޕަސެންޓް ވަރު ބޮޑުވި އެވެ. އެކަމަކު، އެއްވެސް އެހެން އެލަވަންސެއް ވިޔަސް ބޮޑު ނުވާތާ އެތައް އަހަރެއް ވީ އެވެ. [ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުން ފިޔަވަ އެވެ.]

މުސާރަ ކުޑަ ވުމުގެ ޝަކުވާ އަކީ ސިވިލް ސާވިސް ކޮމިޝަނަށް ވެސް ދިމާވެފައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. ކޮމިޝަންގެ ރައީސް ސިވިލް ސާވިސްގެ ރައީސް، މުހަންމަދު ނާސިހު ވިދާޅުވި ގޮތުގައި ވަކި ދާއިރާތަކެއްގެ މުސާރަތައް ބޮޑުވެފައި، އަނެއް ބައި ދާއިރާތަކަށް ކުރިއެރުމެއް ނައިސް އޮތުމަކީ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އަދި، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަކީ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި އެނގޭނީ މުސާރަތައް ބޮޑުވީމަ ބޮޑުކުރިކަން،" އޭނާ ވިދާޅުވި އެވެ.

ބޮޑުވާ މުސާރަތައް ވެސް އިންސާފުވެރިއެއް ނޫން

ނާސިހު ވިދާޅުވި ގޮތުގައި، އޭނާ މި ރިޕޯޓަށް ވާހަކަ ދައްކަވަނީ އަމިއްލަ ގޮތުން ކަމަށާއި މުސާރަ އެހާ ކުޑަކަމުގެ ޝަކުވާ އޮތް އިރު، ބައެއް ދާއިރާތަކަށް މުސާރަތައް ބޮޑުވުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.

"ހުރިހާ މުވައްޒަފުންނަށް އެއްފަހަރާ ބޮޑުވުމަކީ މީގެ ހައްލު. އަޅުގަނޑު އަމިއްލަ ގޮތުން ގަބޫލެއް ނުކުރަން ވަކި ދާއިރާތަކަކަށް ހާއްސަކޮށް މުސާރަ ބޮޑުވާ ބޮޑުވުން އެއީ އިންސާފުވެރި ގޮތެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންނަށް މުސާރަ ބޮޑުވި އިރު، އޭގެ ކުރިން ކައުންސިލަރުންނަށް ވެސް މުސާރަ ބޮޑުވި އެވެ. އެކަމަކު، އިދާރީ މުވައްޒަފުންގެ މުސާރަތަކެއް ބޮޑެއް ނުވެ އެވެ. އެއީ، އެއް އޮފީހެއްގައި މަސައްކަތް ކުރާ ބައެއްގެ ތެރޭގައި ހަމަހަމަ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަރުންގެ މުސާރަ ބޮޑުވެފައި އެތަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބިގެން ކޮމިޝަނަށް އޭގެ ޝަކުވާ ވެސް ލިބުނު،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނަކީ، މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގައި އެއްވެސް ރޯލެއް އޮތް ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވިފައި އޮތް ވާހަކައެއް. މުސާރަތަކަށް ބަދަލު ގެނައުމަކީ ކުރަން ޖެހިފައި އޮތް ކަމެއް."

މުސާރަ ބޮޑު ކުރުމަށް އޮތް ހުރަސްތައް ގިނަ!

ދެ ކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެން، ދެ ކުދިންނާއި ދެމަފިރިން ނުވަތަ ރާއްޖޭގެ އެވްރެޖް އާއިލާއަކަށް ދިރިއުޅެވޭނީ މަހަކު މަދުވެގެން 30،000 ވަރަކަށް ރުފިޔާ ލިބިގެންނެވެ. ދަރިންގެ ސްކޫލު ހަރަދާއި ކެއިންބުއިމާއި ކުއްޔާއި އެހެނިހެން ބިލްތަކަށް އެކަނި ވެސް އެހާ ވަރު ހަރަދުވެ އެވެ. އެކަމަކު، ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރުން ވެސް އެ އަދަދު ލިބޭނީ ވަރަށް މަދު ބަޔަކަށެވެ.

އެމްއެމްއޭގެ ޓެކްނިކަލް ދާއިރާގެ ބޭފުޅަކު ވިދާޅުވީ ދިރިއުޅުމުގެ ހަރަދާއި ލިބޭ އާމްދަނީ އޮތީ ބައްދަލު ނުވާ ހިސާބުގައި ކަމަށެވެ.

"އެއީ ހައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގަބޫލު ކުރަން ހަގީގަތަކީ ނުފެންނަ އިންފްލޭޝަންތަކެއް އެބައޮތް ކަން. ކުލިތަކަށް މާ ބޮޑު ބަދަލެއް ނަޔަސް، ހަމަ ގައިމު ވެސް ކާބޯތަކެތީގެ އަގުތަކާއި އެހެނިހެން ހިދުމަތްތަކުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ. އެއާ އެއްވަރަށް ލިބޭ އެއްޗެއް ވެސް އެބަ ބޮޑުވާން ޖެހޭ."

އެހެން ނަމަވެސް، ސަރުކާރު އޮތީ މުސާރަ ބޮޑުކޮށްދެވޭ ހާލަތެއްގައެއް ނޫނެވެ. އަމިއްލަ ކުންފުނިތަކުން މުސާރަތަކަށް އާންމުކޮށް ބަދަލު ގެންނަނީ ސިވިލް ސާވިސް އިން މުސާރަތައް ގުޑުވާލީމަ، އޭގެ ޕްރެޝަރުގަ އެވެ. އެހެންވީމަ، މުޅި ލޭބާ ފޯސް އަށް އޭގެ އަސަރު ކުރުމަށް ޓަކައި ފުރަތަމަ ކުޅެން ޖެހެނީ ސިވިލް ސާވިސްގެ މުސާރައާ އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ މުސާރަތައް ބޮޑުވާން ޖެހޭ ކަމަށާއި އެކަމަކު ސަރުކާރުން ނިންމާފައި އޮތީ ބައިބަޔަށް ބަހާލައިގެން ތިން އަހަރުގެ ތެރޭގައި މުޅި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުން ކަމަށެވެ.

"2014 އިން ފެށިގެން ޕޭ ކޮމިޝަނުން އޮނިގަނޑު ހަދަމުން ދިޔައީ. މުސާރަ ބޮޑުކުރުމުގެ އޮނިގަނޑެއް ކުރީ ސަރުކާރުން ވެސް ހެދި. އަދި މި ސަރުކާރުން ވެސް އޭގެ އޮނިގަނޑެއް އެކުލަވާލައި 2019 ގައި އޭތި އާންމު ވެސް ކުރި. ބޭސިކް ސްޓްރަކްޗާ އޮތީ އެކުލަވާލައިފައި،" އޭނާ ވިދާޅުވި އެވެ.

"އޭރު އަޅުގަނޑުމެންނަށް ލަފާކުރެވުނީ މުސާރަތައް ބޮޑުކުރާ ނަމަ ދެ ތިން ބިލިއަން ރުފިޔާ އަހަރަކަށް އިތުރުވާނެ ކަމަށް. އެހެން އޮއްވާ އައީ ކޮވިޑް. އެ ހިސާބުން މުސާރަ ބޮޑުކުރާނެ ގޮތުގެ ވިސްނުން ބަދަލުވީ،" އޭނާ ވިދާޅުވި އެވެ.

"ކޮވިޑަށް ފަހު ފިސްކަލް ސްޕޭސް ލިބޭ ވަރަކުން މުސާރަ ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނު. އެކަމަކު ދެ ވިސްނުން އަޅުގަނޑުމެން ގެންގުޅުނީ. އާ އޮނިގަނޑަށް އެއްފަހަރާ ނުދެވޭނެކަން އެނގޭ ކުއްލިއަކަށް. އެހެންވެ ފުރަތަމަ ގެންގުޅުނު ވިސްނުމަކީ ފުރަތަމަ 20 ޕަސެންޓޭ ކުރާނީ. ފުރަތަމަ އަހަރު. އެގޮތަށް ތިން އަހަރުންނޭ އެއްކޮށް މުސާރަ ބޮޑުކުރާނީ."

"އޭރު އަޅުގަނޑުމެންނަށް ލަފާކުރެވުނީ މުސާރަތައް ބޮޑުކުރާ ނަމަ ދެ ތިން ބިލިއަން ރުފިޔާ އަހަރަކަށް އިތުރުވާނެ ކަމަށް. އެހެން އޮއްވާ އައީ ކޮވިޑް. އެ ހިސާބުން މުސާރަ ބޮޑުކުރާނެ ގޮތުގެ ވިސްނުން ބަދަލުވީ،"

"ކޮވިޑް އޮތީމަ ވިސްނަން ވާނެތާ އޭރު އެގޮތަށް. އެއްފަހަރާ ނުދެވުނީ ހަމަ ފިސްކަލް ސްޓްރެންތެއް ނެތީ. ސަރުކާރުން ދެން ނިންމީ ސެކްޓާ ވައިސްކޮށް ފަހަރަކު ބައެއް ނިންމަމުން ނިންމަމުން ގޮސް ތިން އަހަރުން އެއްކޮށް ނިންމަން. ފުރަތަަމަ ޓީޗަރުން. ދެން ނަރުހުން. ދެން އެހެން ބައެއް އަނެއްކާ."

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިއީ، މުސާރައިގެ މުޅި އޮނިގަނޑަށް ހިޖުރަކުރުމެއް ނޫނެވެ. މުވައްޒަފުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދިވެސް އޮތީ އާ އޮނިގަނޑަށް ހިޖުރަ ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަތައް ބޮޑުވާން ޖެހޭ. އެއީ ސުވާލެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.