25 ނޮވެމްބަރ 2017
އެއީ އިހުމާލާއި އަނިޔާ އިން ކުޑަކުދިން ސަލާމަތްކޮށްދޭ ބެލެނިވެރިންނެވެ. ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން އެ ކުދިން މިންޖުކޮށްދޭ ހިމާޔަތްތެރިންނެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ފިރިހެނުންގެ މަދަދުވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތެރިންނެވެ. އެކަމަކު، މުޖުތަމައުގައި ތިބި އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުން ރައްކާތެރިކޮށްދިނުމުގައި ރެ އާއި ދުވާލު ހޭދަކުރާ މި މަސައްކަތްތެރިން، ފަރުދާގެ ފުރަގަހުގައި، އުފުލަމުންދަނީ އެއްވެސް "އަގެއް ނެތް" ޒިންމާތަކެކެވެ.
އެއީ އިހުމާލާއި އަނިޔާ އިން ކުޑަކުދިން ސަލާމަތްކޮށްދޭ ބެލެނިވެރިންނެވެ. ޖިންސީ ޝިކާރަވެރިންގެ ވަކިތަކުން އެ ކުދިން މިންޖުކޮށްދޭ ހިމާޔަތްތެރިންނެވެ. ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ފިރިހެނުންގެ މަދަދުވެރިންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތެރިންނެވެ. އެކަމަކު، މުޖުތަމައުގައި ތިބި އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުން ރައްކާތެރިކޮށްދިނުމުގައި ރެ އާއި ދުވާލު ހޭދަކުރާ މި މަސައްކަތްތެރިން، ފަރުދާގެ ފުރަގަހުގައި، އުފުލަމުންދަނީ އެއްވެސް "އަގެއް ނެތް" ޒިންމާތަކެކެވެ.
ޖެންޑަ މިނިސްޓްރީގެ ވަޒީފާއި ތިބި 80 ސޯޝަލް ވޯކަރުން ކޮންމެ ދުވަހެއް ވެސް ފަށަނީ މި އިހުސާސުންނެވެ. އެ މީހުން އަދާކުރަން ޖެހޭ "24 ގަޑިއިރުގެ" ބުރަ ވަޒީފާގެ ޒިންމާތަކަށް ހައްގުވާ މުހިއްމު އިނާޔަތެއްގެ އިންތިޒާރުގައި ތިބޭތާ އަށް އަހަރުވީ އެވެ.
ސޯޝަލް ވޯކަރުންނަކީ މީހުންގެ ޒާތީ ދިރިއުޅުމާއި އާއިލީ މައްސަލަތަކުގެ ތެރެއަށް ވަންނަން ޖެހޭ، އުނދަގޫ އަދި ބައެއް ފަހަރު އަމިއްލަ ސަލާމަތަށް ނުރައްކާތެރި މަސައްކަތެއް ކުރާ ބަޔެކެވެ. ޖެންޑަ މިނިސްޓްރީގެ ދައުރު އޮންނަ މައްސަލަތައް ބަލަން ތަންތަނަށް ދިޔުމާއި އެ މައްސަލައެއްގައި ހިމެނޭ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދައި ރިޕޯޓްތައް ތައްޔާރުކުރުމަކީ ސޯޝަލް ވޯކަރުންގެ ޒިންމާއެކެވެ. އެކަމަށްޓަކައި އެ މީހުން ތިބެން ޖެހެނީ، މާލޭގައި ނަމަ ދައުރުވާ ތާވަލަކާ އެއްގޮތަށް، ކޮންމެ ވަގުތަކު ވެސް މަސައްކަތަށް ނުކުންނަން ތައްޔާރަށެވެ. އެކަމަކު، އެހެން ވަޒީފާއެއް އަދާނުކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް "ސްޕެޝަލް ޑިއުޓީ އެލަވަންސް"ގެ ގޮތުގައި ދޭން އޮންނަ އިނާޔަތް ޖެންޑަ މިނިސްޓްރީގެ ކޭސް ވޯކަރުންނަކަށް ނުލިބެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިނާޔަތްތައް ދިނުމުގެ އުސޫލު ބުނާގޮތުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ހައްގުވާ މުވައްޒަފުންގެ ތެރޭގައި "އޮފީހުގެ މަސައްކަތުގައި އާދަވެގެން ގިނަ ވަގުތު ހޭދަކުރަން ޖެހޭ އަދި އެފަދަ ހާލަތަކަށް އަބަދުމެ ތައްޔާރަށް އޮން-ކޯލްގައި ތިބޭ" މީހުން ހިމެނެ އެވެ. އެހެންވެ، ޖެންޑަ މިނިސްޓްރީގެ މުވައްޒަފުން ދެކެނީ، އެ އެލަވަންސް އެ މީހުންނަށް ނުދިނުމަކީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.
"މި މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުން ޗުއްޓީ ނުނަގާހާ ހިނދަކު ތިބެން ޖެހޭނީ އެލާޓްގައި. އެއީ އީދު ބަންދު ކަމުގައި ވިޔަސް، އެ ނޫން ބަންދު ދުވަހެއް ކަމުގައި ވިޔަސް،" ނަން ސިއްރުކުރަން ޝަރުތުކޮށް ޖެންޑާ މިނިސްޓްރީގެ އިސް މުވައްޒަފަކު ބުންޏެވެ.
ޖެންޑާގައި ކޭސްތައް ބަލަހައްޓާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުގެ އެހެން އިދާރާތަކުގައި އެއް ބާވަތެއްގެ މަސައްކަތްތައް ކުރާ މީހުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބިފައި އެ މީހުން އެ އިނާޔަތުން މަހުރޫމްވުމެވެ. ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އާއި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ އިތުރުން، ގެވެށި އަނިޔާ ގާނޫނުގެ ދަށުން ވަކި މުއައްސަސާއެއްގެ ގޮތުގައި އުފައްދައި އެކަމަކު ޖެންޑަ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސޯޝަލް ވޯކަރުންނަށް ވެސް ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބެ އެވެ. އެހެންވެ، ޖެންޑާ މިނިސްޓްރީގެ އެފަދަ މުވައްޒަފުން ދެކެނީ އެ މީހުންނަށް އެ އެލަވަންސް ނުދިނުމަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށެވެ.
ދިގު މުއްދަތުގެ ޗުއްޓީތަކުގައި ތިބި ތިން މުވައްޒަފުން ނުލައި މާލެ އާއި ރަށްރަށުގައި ޖެންޑާގެ 77 ސޯޝަލް ވޯކަރުން މި ވަގުތު މަސައްކަތްކުރެ އެވެ. ކޮންމެ އަތޮޅެއްގައި ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގައި އާއްމުގޮތެއްގައި އެކަކު ނުވަތަ ދެ މީހުން ތިބޭ އިރު، އެންމެ ބުރަ ބޮޑުވަނީ ވެސް ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މައްސަލަތައް ބަލަން އަތޮޅުގެ އެހެން ރަށްރަށަށަށް ދަތުރުކުރުމުގެ އުނދަގޫތަކާއި އެކަމަށް ހޭދަވާ ގިނަ ވަގުތުތަކަކީ ބޮޑެތި ގޮންޖެހުންތަކެކެވެ. ޚާއްސަކޮށް، މަންމަގެ އަނިޔާތަކުގައި 2015ގައި މުހައްމަދު އިބްތިހާލް މަރުވުމާ ގުޅިގެން، ރިޕޯޓްކުރާ މައްސަލަތައް އިތުރުވުމާއި ސީރިއަސްވާން ޖެހޭ މިންވަރު ބޮޑުވުމުގެ ސަބަބުން ކޭސް ވޯކަރުންގެ މަސައްކަތް އިތުރަށް ބުރަވެގެން ގޮސްފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
"މިސާލަކަށް އއ. ގައި އެންމެ ސްޓާފެއް ހުންނަ އިރު، އޭނަ އަށް އިތުރު ޗޮއިސްއެއް ނޯންނާނެ. ހެނދުނު އަށަކުން ހަވީރު ހަޔަކަށް މަސައްކަތްކޮށްފައި، އަނެއްކާ ރޭގަނޑު ދިހައެއް ޖަހާއިރު މައްސަލައެއް އަޔަސް އެޓެންޑްކުރަން ޖެހޭނީ،" ކުރިން ވާހަކަދެއްކި އިސް މުވައްޒަފު ބުންޏެވެ.
"ކޭސްއެއް އައިސްދާނެ ދަންވަރު ވެސް. ނިދާފައި އޮއްވާ ވެސް."
ރަށްރަށުގައި ޖޭޖޭޔޫގެ މުވައްޒަފުން ނުތިބޭތީ ޖެންޑާގެ ސެންޓަރުތަކުން ޖޭޖޭޔޫ އަށް ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށް އޭނާ ސުވާލުކުރީ ނުރަސްމީ ގަޑީގައި ޖޭޖޭޔޫގެ މުވައްޒަފުންގެ މަސައްކަތްތައް ކޮށްދޭ އިރު ވެސް ޖޭޖޭޔޫގެ މުވައްޒަފުންނަށް ލިބޭ އިނާޔަތެއް ޖެންޑާގެ މުވައްޒަފުންނަށް ނުލިބެންވީ ކީއްވެގެންތޯ އެވެ.
އޭގެ އިތުރުން، ރިސްކު އެލަވަންސް ލިބުމުގައި ވެސް އެ މީހުންނާއި އެހެން ސޯޝަލް ވޯކަރުން ތަފާތު ކަމަށް ޖެންޑާގެ މުވައްޒަފުން ބުނެ އެވެ.
"އަހަރެމެންނަށް ރިސްކު އެލަވަންސް ލިބެނީ ކޭސްއެއްގެ ސީން އަށް އެޓެންޑްކުރީމަ، ފޮތެއްގައި ލިޔެގެން. އެކަމަކު އެހެން ތަންތަނުގެ ސޯޝަލް ވޯކަރުންނަށް އެ އެލަވަންސް އެބަ ލިބޭ އޮފީހަށް ނުކުންނަ ކޮންމެ ދުވަހަކަށް،" އެއް މުވައްޒަފަކު ބުންޏެވެ.
"ވަރަށް އުނދަގޫ ހާލަތްތަކުގައި ކުރަން ޖެހޭ ވަރަށް ރިސްކު ބޮޑު މަސައްކަތެއް ކޭސް ވޯކަކީ. ގިނަ ފަހަރަށް ކޭސްތައް މި އަންނަނީ ކޮންމެވެސް މީހަކަށް އަނިޔާއެއް ލިބިގެން. ވަރަށް ރުޅިގަދަ މީހުންނާއި ވަރަށް ޝަކުވާ ބޮޑު މީހުންނާ ވެސް ކުރިމަތިލާން ޖެހޭ. ހަމައެކަނި އެ ކަމެއް ހިނގައިގެން އުޅޭ ތަނުގައި އެކަންޏެއް ނޫން އެކަހަލަ ކަންކަން ދިމާވަނީ ވެސް."
ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ރިޕޯޓްކުރަން 2009ގައި ގާއިމްކުރި 24 ގަޑިއިރުގެ ހޮޓްލައިން 1412، މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ޖެންޑާގެ ސޯޝަލް ވޯކަރުން ބެލެހެއްޓި އިރު "އެއްވެސް އެއްޗެއް ނުދެ" އެވެ.
"އޭރު ގެ އަށް ދާން ޖެހެނީ ހެލްޕްލައިންގެ ދެ ފޯނު ހިފައިގެން. އަމިއްލަ ފޯނާ އެކު ތިން ފޯނު ގެންގުޅެން ޖެހޭ. އެ ދުވަސްވަރު އެހާ ބައިވަރު ކޯލެއް ނާދޭ. އިބްތިހާލް މައްސަލަ އަށް ފަހު ހުށަހެޅޭ މައްސަލައިގެ އަދަދު އިތުރުވެ ފޯންކޯލްތައް ގިނަވީ،" ޖެންޑާގެ ކޭސް ވޯކަރަކު ބުންޏެވެ.
"އެކަމަކު ކޯލް ކިތަންމެ މަދަސް އޮފީހުގެ ކަމެއްގައި އުޅެނީ. މިސާލަކަށް ހޮނިހިރު ދުވަހު އެ ފޯނު އަތަށް އަރައިފިއްޔާ އާއިލާއާ އެކު ދަތުރެއް ދާން ވިޔަސް ނުދެވި މީހާ ތާށިވަނީ. ފޯނު ގެއަށް ގޮސްގެން އަދާކުރީ ޑިއުޓީ. އެއީ އޮފީސް މަސައްކަތެއް. އެކަމަކު އެއަކަށް އޯޓީއެއް ވެސް ނުލިބުނު. އަށް އަހަރު ވަންދެން އަހަރެމެން އެ މަސައްކަތްކުރީ އެއްވެސް އެއްޗެއް ނުލިބި."
އެންމެ ފަހުން އެ މީހުން އެ ފޯނު ގެއަށް ގެންދިޔުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުއްޓާލީ އެވެ. އެއާއެކު، 1412 އަށް ކޯލް ސެންޓަރެއް ހަދަން މަޖުބޫރުވެ މިހާރު އެ މަސައްކަތްކުރަނީ އެ ކަމަށް ޚާއްސަ ދެ މުވައްޒަފެކެވެ. އެ މީހުންގެ އޯފް ދުވަސްތަކުގައި އަދި ކޮންމެ ދުވަހެއްގެ ހެނދުނު 7:30-9:30 އަށް ސޯޝަލް ވޯކަރުން މިހާރު އެ މަސައްކަތް ކުރަނީ އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށެވެ.
ޖެންޑަ މިނިސްޓްރީގެ ބައެއް ސޯޝަލް ވޯކަރުން ބައްދަލުވުމެއްގައި. ފޮޓޯ: ޓްވިޓާ/ ޖެންޑާ މިނިސްޓްރީ
އެއް މުވައްޒަފަކު ފާހަގަކުރިގޮތުގައި ސޯޝަލް ވޯކަރުންގެ މަސައްކަތަކީ "ޑިސްޕްލޭކުރެވޭ" ކަހަލަ ކަމެއް ނޫނެވެ. ސިއްރު ހިފެހެއްޓުމާއި އަނިޔާ ލިބޭ ކުދިންނާއި މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އުސޫލުތަކުގައި ހިފަހައްޓައިގެން އެ މީހުން އަދާކުރަނީ ފޮރުވިފައިވާ ދައުރެކެވެ. އެއީ ވަރަށް ބޮޑަށް ކުރާ ހިތްވެގެން ނޫނީ ނުކުރެވޭނެ ކަހަލަ މަސައްކަތަކަށް ވިޔަސް، ރާއްޖޭގެ ހާލަތު ހުރި ގޮތުން، މި ދާއިރާގައި އުޅޭ މީހުންނަށް ވެސް އާމްދަނީގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށް ސޯޝަލް ވޯކަރުން ބުނެ އެވެ. އެހެންވެ، ލިބެން ޖެހޭ އިނާޔަތެއް ނުލިބުމަކީ، ވަޒީފާގެ ހިތްހަމަޖެހުން ގެއްލި ހިތްވަރު އެލިގެންދާ ކަމެކެވެ. އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ވެސް ބައެއް ސޯޝަލް ވޯކަރުން ދެކެ އެވެ. އެއާއެކު، މި ހާލަތުގައި، ގާބިލް މީހުން މި ވަޒީފާ އަށް ޝައުގުވެރިވެދާނެތޯ އެއީ ވެސް އުފެދޭ ސުވާލެކެވެ.
"މި ތަނުގެ ރަނގަޅު ސްޓާފުން ކޮންމެ ދުވަހަކު ވެސް ތިބެނީ ގެޒެޓް ބަލައިލަބަލައިލާ، ތަންކޮޅެއް މުސާރަ ރަނގަޅު ދިމާއަކަށް ދާން. އޭގެ ދެރަ މި ލިބެނީ މިނިސްޓްރީ އަށް އަދި މި މަސައްކަތަށް،" ޖެންޑަ މިނިސްޓްރީގައި އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ މުވައްޒަފަކު ބުންޏެވެ.
"މިއީ ވަރަށް ފަންނީ މަސައްކަތެއް. އިލްމީ ގޮތުން ގާބިލްކަން ހުރެގެން އަދި ކޮމިއުނިކޭޝަން ސްކިލްސް ހުރެގެން މިކަން ކުރެވޭނީ. މިނިސްޓްރީގައި ގިނަވާނީ އެޑްވާންސްޑް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ލެވެލްގެ ކޭސް ވޯކަރުން. ހަގީގަތުގައި މިކަހަލަ ކަމެއް ކުރެވޭނީ މާސްޓާޒްއާ ހަމައަށް ކިޔަވައިގެން، ތަޖުރިބާކާރު ސުޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން މަސައްކަތް ވެސް ކޮށްފައި. އެއްގޮތަކުން ބަލާ އިރު އަޅުގަނޑުމެންނެކޭ، ޑޮކްޓަރުންނެކޭ ތަފާތެއް ނެތް. ޑޮކްޓަރަށް ވެސް ބަލި ރަނގަޅަށް ދެނެނުގަނެވެންޏާ ދެވޭ ފަރުވާ ގޯސްވާނެ. އަޅުގަނޑުމެންނަށް ވެސް ހާލަތު ރަނގަޅަށް ނޭނގި އަމަލުކޮށްފިއްޔާ އެ ކަމެއް އަދި މާ ގޯސް ވެސް ވެދާނެ."
ޖެންޑަ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ ސްޕެޝަލް ޑިއުޓީ އެލަވަންސް ބަޖެޓުގައި ހިމަނައި ފާސްކޮށްގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު މިނިސްޓްރީގެ އެކައުންޓަށް އެ ފައިސާ ޖަމާ ވެސް ކުރި އެވެ. އެކަމަކު އެލަވަންސް ދޭން ނުފެށުނީ، ސޯޝަލް ވޯކަރުން ބުނާގޮތުގައި، ތަނުގެ އެހެން މުވައްޒަފުންނަށް ވެސް އެ އިނާޔަތް ލިބެން ޖެހޭނެ ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވި، އުފެދުނު ޚިޔާލުތަފާތުވުންތަކުގަ އެވެ. އެކަމަކު އެއީ ކުރާ މަސައްކަތަށް ބަލާ އިރު އެހެން މުވައްޒަފުންނަށް ދޭން ޖެހޭނެ އެއްޗެއް ކަމަކަށް ސޯޝަލް ވޯކަރުން ގަބޫލެއް ނުކުރެ އެވެ.
"އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް ހިސާބުގައި ސީނިއާ ބޭފުޅުން އަޅުގަނޑުމެންނަށް ޖަވާބު ދެއްވީ ޕޭ ކޮމިޝަނުން އެލަވަންސްތައް ރިވިއުކުރަންދެން އެއްވެސް ފަރާތަކަށް އަލަށް އެލަވަންސް ދޭން ނުފަށާ ކަހަލަ ގޮތަކަށޭ އޮތީ. އޭގެ ފަހުން މިހާރު ދޮޅު އަހަރު ފާއިތުވީ،" އެއް މުވައްޒަފަކު ކިޔައިދިނެވެ.
އެހެން ބައެއް މުވައްޒަފުން ބުނާގޮތުގައި، އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް އޮންނާތީ، ސްޕެޝަލް ޑިއުޓީ އެލަވަންސް ނުލިބުނަސް މުވައްޒަފުންގެ ހައްގެއް ގެއްލިގެންދާ ކަމަކަށް މިނިސްޓްރީގެ ބައެއް ވެރިން ނުދެކެ އެވެ. އެކަމަކު އޭނާ ބުނީ، ސްޕެޝަލް ޑިއުޓީ އެލަވަންސަށް ވުރެ ބޮޑު އެއްޗެއް، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ސޯޝަލް ވޯކަރުންނަށް ލިބޭނެ ކަމަށް ވެރިން ގަބޫލުކުރިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"މިސާލަކަށް އަހަރެންގެ މުސާރައަކީ 6،295 ރުފިޔާ. އޭގެ 35 ޕަސެންޓަކީ 2،203 ރުފިޔާ. މިހާތަނަށް އަހަންނަށް އޯޓީން އެ ވަރު ލިބުނީ އެންމެ މަހަކު،" އެ މުވައްޒަފަކު ކިޔައިދިނެވެ.
"ސްޕެޝަލް ޑިއުޓީ އެލަވަންސް ދޭން ފެށީމަ އޯޓީ ލިބެން ފަށާނީ އިތުރުގަޑީގެ ގޮތުގައި 40 ގަޑިއިރު ހަމަކޮށްގެން. މާނައަކީ އޮފީސް ނިމިގެން މަޑުކުރިޔަސް އިތުރުގަޑީގެ 40 ގަޑިއިރު ހަމަވީމައޭ އޯޓީ ލިބޭނީ. މީ ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ ހާލަތުގައި އޮންނަ އުސޫލެއް. އަހަރެމެން މަހަކު 60 ގަޑި އިރު އޯޓީ ހަދައިގެން ވެސް ސްޕެޝަލް ޑިއުޓީ އެލަވަންސުން ލިބޭ ވަރަކަށް ނުލިބޭނެ. އެހެންވީމަ ކޮންމެ ގޮތަކުން ބެލިޔަސް އިތުރު ގަޑި އަށް ވުރެ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ފައިދާ މުވައްޒަފުންނަށް ބޮޑު"
ސޯޝަލް ވޯކަރުން ބުނަނީ މި ހާލަތުގައި، އެހެން ކަމެއް ނުކޮށް އޮން ކޯލްގައި ތިބެން އެ މީހުންނަށް މަޖުބޫރުކުރެވިގެން ނުވާނެ ކަމަށެވެ. އޮން ކޯލްގައި ތިބެން ޖެހޭތީ އެހެން ވަޒީފާއެއް އަދާ ނުކުރެވޭ އިރު ކިޔަވަން ދެވޭނެ ގޮތެއް ވެސް ނޯންނަކަން އެ މީހުން ފާހަގަކުރެ އެވެ.
"މާލޭގައި، މިނިސްޓްރީގައި އުޅޭ މުވައްޒަފެއް ވެއްޖެއްޔާ އެއް ހަފްތާ އެއްކޮށް އެކަކު ހުންނާނީ އޮން ކޯލްގައި. ވެރިން ގަބޫލުކުރައްވަނީ ކޭސްއެއް އައިސްފިއްޔާ ކްލާހުގައި އިނަސް މައްސަލައިގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން. އަސްލު މިހާރު ކިޔަވަންދާ މުވައްޒަފުންގެ އަދަދު ޖުމްލަކޮށް ވަރަށް ގިނަ؟" އިސް މުވައްޒަފު ބުންޏެވެ.
އޭނާ ބުނީ ސޯޝަލް ވޯކަރުންގެ މަސައްކަތަކީ އިތުރު ގަޑި ފުރުމާ ވަރަށް ތަފާތު ކަމެއް ކަމަށެވެ.
"އިތުރު ގަޑީގައި މަސައްކަތް ކުރުމަކީ ރަސްމީ ގަޑީގައި ނުނިމި ހުންނަ ކަމެއް ވެރިންގެ ހުއްދަ ހޯދައިގެން، ޕްލޭންކޮށްގެން ކުރުން. އިތުރު ގަޑިއަކީ ގިނަ ފަހަރު މުވައްޒަފުން ބޭނުންވެގެން ހަދާ އެއްޗެއް. މީގައި ވާ ގޮތަކީ ނުކުންނަން ބޭނުން ނުވިޔަސް ނުކުންނަން ޖެހޭ. އެހެން ނޫނީ ފަރުވާކުޑަކުރީ ކަމަށް ބަލައި ފިޔަވަޅު އަޅާ ފަހަރު ވެސް އާދޭ،" އެ މުވައްޒަފު ބުންޏެވެ.
"ސްޓާފުންގެ ކަންބޮޑުވުމަކީ ކީއްވެގެން ހެއްޔޭ އެހެން ވާންވީ؟ އަމިއްލަ މަސައްކަތް ކުރަން ފުރުސަތު ލިބެން ވާނެއޭ، ވަކި އެލަވަންސެއް ނުލިބެންޏާ."
ސަސްޕެންޝަންގައި ނުވަ އަހަރު، 1.9 މިލިއަން ދެނީ
މުސާރައަށް ކުރި ހޭދަ 10 ޕަސެންޓް އިތުރުވެއްޖެ
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމުގެ ތުހުމަތު!
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
އިސް މުވައްޒަފުންނާ ގުޅުންހުރި ނަމަ ވިޔަފާރިކުރުން މަނާ
މުސްއަބު ވަކިކުރީ ގޯސްކޮށް، ބަދަލުދިނުމުގެ ބައި ބާތިލް
ސޯޝަލް ވޯކަރުންގެ މުސާރައިގެ ކަންބޮޑުވުމަށް ހައްލެއް