Roadha Mihaaru
މެޑްޓެކުން ވިއްކި ސުކޫކަށް 20 މިލިއަން ރުފިޔާ

އެއް މަހުން 20 މިލިއަން ހޯދައި، މެޑްޓެކްގެ ސުކޫކު ބަންދުކޮށްލައިފި

21 މެއި 2023

އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއްކަން ހުޅުވާލި ސުކޫކް އަށް އެއް މަސް ތެރޭގައި 20 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިއްކަން ހުޅުވާލި ސުކޫކް އަށް އެއް މަސް ތެރޭގައި 20 މިލިއަން ރުފިޔާ ހޯދައިފި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރަށް ހާއްސަކޮށްފައިވާ ވިޔަނަ ޕޯޓަލްގައި، މެޑްޓެކްގެ ސުކޫކް ވިއްކަން ހުޅުވާލީ މިދިޔަ އޭޕްރީލް މަހު 19 ގަ އެވެ. އަދި އެ ސުކޫކް ގަތުމުގެ ފުރުސަތު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސުކޫކު ހުޅުވާލި އިރު، އެ ސުކޫކް ހުޅުވާލީ 30 މިލިއަން ރުފިޔާގެ ޓާގެޓާ އެކު އެވެ.

މެޑްޓެކްގެ ސުކޫކް ލިސްޓްކޮށް ޕްރޮމޯޓް ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި "ފަސްޓް ނެޝަނަލް" ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިޔަނަ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ 237 އިންވެސްޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ އިންވެސްޓަރުން މެޑްޓެކްގެ ސުކޫކުގައި ބައިވެރިވި ކަމަށެވެ. އެ ސުކޫކް ގަތް އިންވެސްޓަރުންނަށް ފައިދާގެ ގޮތުގައި ނުވަ ޕަސެންޓް ލިބޭނެ ކަމަށް ފަސްޓް ނެޝަނަލްއިން ލަފާ ކުރެ އެވެ. މި ސްކޫކްގެ ފައިދާ ބަހާނީ އަހަރަކު ދެ ފަހަރު އެވެ. ސުކޫކްގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ.

ފަސްޓް ނެޝަނަލްއިން ބުނީ މެޑްޓެކްގެ ސުކޫކަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެ ކާމިޔާބަކީ ދިވެހިރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް އިތުރަށް ކުރިއެރުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ފަސްޓް ނެޝެނަލް އިން ބުނެ އެވެ.

މެޑްޓެކުން ވިއްކަން ހުޅުވާލި ސުކޫކަކީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް ހިންގުމަށް ބޭނުންވާ ފައިސާ އެވެ.

މެޑްޓެކަކީ ސިއްހީ ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފުޅާ ދާއިރާގައި ފޯރުކޮށްދޭ ކުންފުންޏެކެވެ.

ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.