Roadha Mihaaru
ބައިނަލްއަގުވާމީ ބާޒާރަށް ސޮވަރިން ސުކުކް ވިއްކަން ފަށަނީ

ބައިނަލްއަގުވާމީ ބާޒާރަށް ސޮވަރިން ސުކުކް ވިއްކަން މި އަހަރު ފަށަނީ

24 އެޕްރީލް 2017

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އަދި އިސްލާމިކް ކޯޕަރޭޝަން ފޯދަ ޑިވެލޮޕްމަންޓްއާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް ސޮވަރިން ސުކުކް ވިއްކަން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އަދި އިސްލާމިކް ކޯޕަރޭޝަން ފޯދަ ޑިވެލޮޕްމަންޓްއާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް ސޮވަރިން ސުކުކް ވިއްކަން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ބޭންކުގެ ހުޅުމާލެ ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރަށް ސުކުކް ވިއްކަން ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރަމުން އަންނަކަން ބޭރުގެ ގައުމުތަކުން ގަބޫލުކުރާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސްލާމިކް ފައިނޭންސިން މާސްޓަ ޕްލޭނެއް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން އަންނަނީ ތައްޔާރު ކުރަމުންނެވެ. އަދި އެކަމަށް އެ ބޭންކާއި ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ވެސް ރުހުން ދީފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ސަރުކާރުން ހާއްސަ އިސްކަމެއްދޭ އިސްލާމިކް ބޭންކު ކުރިއަރުވަން. އެހެންވެ އަޅުގަނޑުމެން އެ ބޭންކުގެ އިތުރު ހިއްސާ ވެސް ދާދި ފަހުން ގަތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އެ ބޭންކުގެ އިތުރު ހިއްސާ ސަރުކާރުން ގަންނަން ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކުގެ 70 ޕަސެންޓް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އައިސީޑީ ހިއްސާވާއިރު، 25 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. އަދި އަމާނާތަކަފުލް އިން ފަސް ޕަސެންޓް ހިއްސާ ގަނެފައިވެ އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކުންފުންޏެއް ނުވަތަ އާއްމުކޮށް ހިއްސާ ވިއްކައިގެން ވިޔަސް ސަރުކާރުން ބޭނުންވޭ ދިވެހިންގެ މެޖޯރިޓީ ހިއްސާ އެ ބޭންކުގައި އޮންނަން،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއައިބީ އަކީ ސާކު ސަރަހައްދުގައި އެންމެ ވަރުގަދަ އިސްލާމިކް ބޭންކަށް ހަދަން ބޭނުންވާ ކަމަށެވެ. އޭގެ އިތުރުން އެއީ ޓެކްނޮލޮޖީގެ ގޮތުން މިހާރަށް ވުރެ ކުރިއަރާފައިވާ ބޭންކަކަށްވާން ޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއައިބީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި އެ ބޭންކުގެ ރައުސްމާލު ތިން ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ.