Roadha Mihaaru
ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާއެއް

ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާއެއް ކޮށް، ކޯޓަށް ފޮނުވައިފި

25 ޖެނުއަރީ 2017

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާއެއް ކޮށް، ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ އިތުރު ދައުވާއެއް ކޮށް، ކޯޓަށް ފޮނުވައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި ޒިޔަތުގެ މައްޗަށް އަށް އަހަރު ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، މި މަހުގެ 10 ވަނަ ދުވަހު އޭނާގެ މައްޗަށް އިތުރު ދައުވާއެއް ކޮށް ކޯޓަށް ފޮނުވީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ޒިޔަތުގެ އިތުރުން ރ. ކިނޮޅަހު ނިޔާމަ، ޝާހިދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.

މި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިދޔަ މަހު ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއިން ހުޅުމާލެ އިން ޒިޔަތު ބިމެއް ގަތް ކަމަށް ބުނެ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށާއި ގަނެފައިވާ ބިން ދައުލަތަށް ނަގަން ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު މާދަމާ ފަށަނީ މި މައްސަލައިގެ ޝަރީއަތް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޒިޔަތު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގެއް އޭސީސީން އަންނަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނި މެދުވެރިކޮށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އަށް ވަނީ ޚިޔާނާތްތެރިވެފަ އެވެ.

ޒިޔަތު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަނީ ޅ. މާބިންހުރާ ކިޔާ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވުމަށް ފަހު، އެ އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބަށް ވެސް އަށް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ވެސް ދެ އަހަރުގެ ހުކުމެއް ވަނީ ކޮށްފަ އެވެ.

މި މައްސަލައިގެ އިތުރުން އެހެން މައްސަލަތަކާ އެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބަށް އޮތީ އައިސްފަ އެވެ.