Roadha Mihaaru
ޒިޔަތު 32 ދައުވާއަށް އެއްބަސް، ހުކުމަކީ 11 އަހަރު

ޚިޔާނާތުގެ 32 ދައުވާއަށް ޒިޔަތު އެއްބަސްވެއްޖެ، އަދަބަކަށް 11 އަހަރުގެ ޖަލު ހުކުމް

30 ނޮވެމްބަރ 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ޚިޔާނާތުގެ 32 ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ޚިޔާނާތުގެ 32 ދައުވާއަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާއަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައެއް ނުވެ އެވެ. އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ޚަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވި އެވެ. ޒިޔަތު ވިދާޅުވީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި އެކަމަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެހެންވެ، އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ދައުލަތުން އެދުނީ އެ ދައުވާތަކެއްގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެ އެވެ. އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމަށެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެ އެވެ. އެއީ އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީ އެވެ.

މީގެ އިތުރުން އެ ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދަބާ ބެހޭގޮތުން ޒިޔަތުގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި އަންނަ ހަފުތާގައި އާދިއްތަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާތަކުގެ އިތުރުން ޚިޔާނާތުގެ އެހެން ދައުވާއެއް 2016 ވަނަ އަހަރު ޒިޔަތުގެ މައްޗަށް ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ ގެންދަނީ މިހާރު ވެސް ތަންފީޒު ކުރަމުންނެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަދީބު ވެސް ވަނީ ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ދައުވާތަކަށް އެއްބަސްވެފަ އެވެ. އަދީބުގެ މައްޗަށް ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.