Roadha Mihaaru
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޒިޔަތު އިތުރު 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

07 ސެޕްޓެމްބަރ 2023

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޒިޔަތުގެ މައްޗަށް އެ ދައުވާކުރީ ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކުގައި އެމްއެމްޕީއާރުސީއަށް 2014 ވަނަ އަހަރު ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދޫކޮށް، އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ގަތުމަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އެމްއެމްޕީއާރުސީއަށް ދޫކުރި ގިނަ އަދަދެއްގެ ފައިސާ އެހެން ކުންފުނިތަކަށް ޒިޔަތު ދޫކޮށް، ހިޔާނާތްތެރިވި ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލާގައި ހިޔާނާތުގެ ތިން ދައުވާއެއް ދައުލަތުން ކުރި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ދައުވާތަކަށް އެއްބަސްވުމަށްޓަކައި ޒިޔަތާ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދައުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވަން އެއްބަސްވެފައިވާ ކަމަށާއި އަދި ހިޔާނާތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ޒިޔަތު އެހީތެރިކަން ދޭން އެއްބަސްވެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ޒިޔަތާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ދައުވާތަކަށް އެއްބަސްވާ ކަމަށާއި އަދި އިއުތިރާފް އެއްބަސްވުމަކީ ވެސް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވިދާޅުވީ ޒިޔަތުގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނިންމަވާ ކަމަށާއި އަދި އިއުތިރާފްގެ އެއްބަސްވުން ވެސް ސައްހަ ކަމަށް ނިންމަވާ ކަމަށެވެ. އަދި އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޒިޔަތު މިވަގުތު އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭ ބަންދުގަ އެވެ.