Roadha Mihaaru
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް

ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް

22 މެއި 2023

ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިން އެޓޮމިކް ބޮމަކުން ސުންނާފަތިކޮށްލި ހީރޯޝީމާގައި މި މަހުގެ 19-21 އަށް ބޭއްވި ޖީ7ގެ އެންމެ އިސްވެރިންގެ މަހާސިންތާ ވެގެން ދިޔައީ ހުޅަނގުގެ ގައުމުތަކާއި އިރުމަތީގެ ގައުމުތަކާ ދެމެދު ކުރެވުނު ބަހުގެ ހަނގުރާމައަކަށެވެ. ފާޅުގައި ނުބުންޏަސް، ފިނި ހަނގުރާމައެއްގެ ހުރިހާ ސިފަތަކެއް ދެފަރާތުގެ މެދުގައި ފެނިގެން ދިޔަ އެވެ.

ދެ ވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިން އެޓޮމިކް ބޮމަކުން ސުންނާފަތިކޮށްލި ހީރޯޝީމާގައި މި މަހުގެ 19-21 އަށް ބޭއްވި ޖީ7ގެ އެންމެ އިސްވެރިންގެ މަހާސިންތާ ވެގެން ދިޔައީ ހުޅަނގުގެ ގައުމުތަކާއި އިރުމަތީގެ ގައުމުތަކާ ދެމެދު ކުރެވުނު ބަހުގެ ހަނގުރާމައަކަށެވެ. ފާޅުގައި ނުބުންޏަސް، ފިނި ހަނގުރާމައެއްގެ ހުރިހާ ސިފަތަކެއް ދެފަރާތުގެ މެދުގައި ފެނިގެން ދިޔަ އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައި އޮތް ހަތް ގައުމު (ޖީ7)ގެ އެންމެ އިސް ވެރިން، ޖަޕާނުގެ ހީރޯޝީމާގައި މިދިޔަ ތިން ދުވަހު ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ރަޝިޔާ އާއި ޗައިނާ ކުށްވެރިކޮށް އެ ދެ ގައުމަށް ފާޑުކިޔުމަށެވެ. ރަޝިޔާގެ މައްސަލައަކީ، ޔޫކްރޭނަށް އަރައިގަނެ އެ ގައުމާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ. ޗައިނާގެ މައްސަލައަކީ އެ ގައުމުގެ އަސްކަރީ ބާރު ގަދަކޮށް އިގްތިސާދީ ގޮތުން ވަރުގަދަވެ، ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެ ގައުމުގެ ނުފޫޒު ފަތުރަމުން ދިއުމެވެ.

ރަޝިޔާ އާއި ޗައިނާއަކީ ވެސް އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ދެ ގައުމަށް ވިޔަސް، ޖީ7ގެ މަހާސިންތާގައި އެ ދެ ގައުމު ބައިވެރިކުރުމަކީ ޖީ7ގެ އަސްލު މެމްބަރުން އެހާ ބޭނުންވާ ކަމެއް ނޫނެވެ. ޖީ7ގެ އަސްލު މެމްބަރުންނަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ޖަރުމަން ވިލާތް، އިޓަލީ ވިލާތް އަދި ކެނެޑާ އާޢި ޖަޕާނެވެ.

ޖީ7ގެ ގައުމުތައް، ރަޝިޔާ އާއި ޗައިނާއާ މެދު ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ، އެ ދެ ގައުމުން ވެސް ހުޅަނގުގެ ބާރުގަދަ ގައުމުތަކުގެ ސިޔާސަތުތަކަށް ދެކޮޅު ހެދުމެވެ. އެ ގޮތުން ޗައިނާއާ މެދު ޒަމާނުއްސުރެ އޮންނަ އެންމެ ބޮޑު ދެކޮޅުވެރިކަމަކީ، ޗައިނާއަކީ ކޮމިޔުނިސްޓް ގައުމަކަށް ވުމެވެ.

އޭގެ އިތުރުން، މިވަގުތު ޗައިނާއާ މެދު ހުޅަނގުން ނުރުހުންވާ ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމައީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އެމެރިކާ އާއި ހުޅަނގުން ރަޝިޔާ ކުށްވެރި ގޮތަށް، ޗައިނާ އިން ރަޝިޔާ ކުށްވެރި ނުކުރުމެވެ. އަދި ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން، ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުޅަނގުގެ ގައުމުތަކުން ހުއްޓައިލުމުން، ޗައިނާ އިން އެ ވިޔަފާރި އިތުރަށް ފުޅާ ކުރުމެވެ.

މީގެ އިތުރުން ތައިވާންގެ މައްސަލަ އާއި ބައިނަލްއަގުވާމީ ވިޔަފާރީގައި ޗައިނާގެ ނުފޫޒު ގަދަވުމާއި، ހުޅަނގުން ކޮންޓްރޯލްކުރަން ބޭނުންވާ ބައެއް ގައުމުތައް ޗައިނާ އަށް ބޯލެނބުމަކީ ވެސް، ޖީ7ގެ ގައުމުތަކަށް ވަރަށް ބޮޑު މައްސަލައެކެވެ. އެ ގައުމުތަކުން ދެކޭ ގޮތުގައި މިހާރު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ އުދުވާން ހުއްޓުވުމުގައި ވެސް ޗައިނާ އަށް މުހިންމު ދައުރެއް އަދާކުރެވޭނެ އެވެ.

"ރަޝިޔާ އިން ފަށާފައިވާ އުދުވާން މިހާރުން މިހާރަށް ވަގުތުން ހުއްޓާލައި، ޔޫކްރޭންގައި ތިބި ރަޝިޔާ ސިފައިން، އެއްވެސް ޝަރުތަކާ ނުލައި އެ ގައުމުން ފޭބުމަށް، ޗައިނާ އިން ރަޝިޔާ އަށް ބާރުއެޅުމަށް އަހަރެމެން ގޮވައިލަން،" ޖީ7ގެ އެންމެ އިސް ވެރިން އިއްޔެ ނެރުއްވި ގުޅިފައިވާ ބަޔާނުގައިވެ އެވެ.

"ބިންތަކުގެ އެއްބައިވަންތަކަމާއި، އދ. މަޖިލީހުގެ ޗާޓަރުގެ މަބްދައުތަކާއި މަގުސަދުތަކުގެ މައްޗަށް ބިނާވެފައިވާ ޝާމިލު، އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ޗައިނާ އިން ތާއީދުކުރުމަށް އަހަރެމެން ޗައިނާ އަށް ހިތްވަރު ދެން. އަދި ޔޫކްރޭނާ އެކުގައި ސީދާ ގޮތެއްގައި ދައްކަމުން އަންނަ ވާހަކަތަކުގެ ޒަރީއާއިން، އެކަން ހަގީގަތަކަށް ހެދުމަށް ވެސް އެދެން."

ޖީ7ގެ ވެރިންނަށް މިފަހަރު ވެސް އެއްބަސްވެވުނު މައިގަނޑު ކަމަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ އުދުވާން އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް އިގްތިސާދީ ގޮތުން ރަޝިޔާ އިނދަޖައްސައިލުމަށެވެ. އެހެންކަމުން، ރަޝިޔާ އަށް ދަތިކުރުމަށް ނޭޓޯ އާއި ވިލާތުގެ އިއްތިހާދުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުކަށި ކުރުމަށް ވެސް، މަހާސިންތާގެ ބައިވެރިން އެއްބަސްވި އެވެ.

ޖީ7ގެ ވެރިން ހީރޯޝީމާގައި ބައްދަލުކުރައްވަމުން ގެންދެވި އިރު، ރަޝިޔާ އާއި ޗައިނާ ދިޔައީ އެ މަހާސިންތާގެ ކޮންމެ ފިޔަވަޅަކަށް ފާރަލައި ބަލަމުންނެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި ގޮތުގައި ޖީ7ގެ ގައުމުތަކުން މިހާރު އަމާޒު ހިފާފައިވަނީ، ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހާ ދާއިރާއަކުން ރަޝިޔާ އާއި ޗައިނާ އެއްފަރާތްކޮށް، ޖީ7ގެ ބާރާއި ނުފޫޒު ގަދަކަން ދުނިޔެއަށް ދެއްކުމަށެވެ.

ޗައިނާގެ ޚާރިޖިއްޔާ އިން ތުހުމަތު ކުރި ގޮތުގައި ޖީ7ގެ ލީޑަރުން މަސައްކަތް ކުރައްވަނީ ބައިނަލްއަގުވާމީ ސުލްހައަށް ހުރަސް އެޅުމަށެވެ. އެހެންކަމުން ޖީ7ގެ ސުލޫކާ މެދު އަލުން ވިސްނައި، އެ ޖަމާއަތުގެ މިސްރާބު ސީދާކުރަންޖެހޭ ކަމަށް ޗައިނާ އިން ބުނެ އެވެ.

ޖީ7ގެ ގައުމުތަކުގެ ފާގަތިކަމާއި ތިޔާގިކަން ކުރިއެރުވުމަށް ކަމެއް ނިންމުމުގެ ބަދަލުގައި، މިފަހަރުގެ މަހާސިންތާގައި މައިގަނޑު ގޮތެއްގައި އޮތީ، ރަޝިޔާ އާއި ޗައިނާއަށް ފާޑުކިޔައި ޖެއްސުން ކުރުމާއި މަލާމާތް ކުރުމެވެ. އެ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެ މަހާސިންތާގައި ބައިވެރިކޮށް ރަޝިޔާ ރުޅިއަރުވައިލި އެވެ.

އޭގެ އިތުރުން، އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހުރި ގައުމުތަކުން އެފަދަ ބޯޓުތައް ޔޫކްރޭނަށް ދިނުމާ މެދު އިއުތިރާޒެއް ނެތްކަން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވި އެވެ. މިއީ ޔޫކްރޭންގެ ހަނގުރާމަ އަވަސް ގޮތަކަށް ނިންމުމުގެ ވިސްނުމެއްގައި އެމެރިކާ އިން އެޅި ފިޔަވަޅެއް ނޫނެވެ.

އޭގެ ބަދަލުގައި އެމެރިކާ އާއި ނޭޓޯގެ ހަގީގީ މަގްސަދަކީ ރަޝިޔާ އާއި ޔޫކްރޭން ގަދައަށް ތަޅުވައި، ރަޝިޔާގެ އަސްކަރީ ގާބިލުކަން ހުރި މިންވަރެއް ރަނގަޅަށް ވަޒަންކުރުމާއި ރަޝިޔާގެ އަސްކަރީ ގާބިލުކަން ދަށްކޮށްލުމެވެ. ހަމަ އެއާއެކު، އެމެރިކާ އާއި ނޭޓޯގައި ހުރި ދުވަސްވީ ހަތިޔާރުތައް ޔޫކްރޭނަށް ވިއްކުމަށް ފަހު، އެ ގައުމުތަކުގެ ހަތިޔާރުތައް އާކޮށްލުމެވެ.

މި މަގްސަދު މިހާރުވެސް ވަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކަށް ހާސިލުވެފަ އެވެ. އަސްކަރީ މުހައްލިލުން ވިދާޅުވާ ގޮތުގައި، ގަލްފު ހަނގުރާމަ އާއި އިރާގު ހަނގުރާމަ އާއި ސީރިޔާ ހަނގުރާމައިގައި ވެސް، ފަސް އަހަރުގެ ތެރޭގައި ބޭނުން ނުކުރާހާ ގިނަ އަދަދަކަށް، ޔޫކްރޭން ހަނގުރާމައިގައި ދެ ފަރާތުން މިހާތަނަށް ބޭނުންކޮށްފި އެވެ.

ޔޫކްރޭން ސިފައިން މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން ދަނީ، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ދޭ އަދި ވިއްކާ ހަތިޔާރެވެ. އަދި މިހާރު ވެސް އިތުރު ހަތިޔާރަށް ޔޫކްރޭނުން އެދެމުން ދާއިރު، ހަނގުރާމަ ހުއްޓޭނެ ޒަމާނެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ.