15 މާޗް 2022
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އަސްކަރީ ގޮތުންނާއި މާލީ ގޮތުން ރަޝިޔާ އަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން ޗައިނާގައި އެބަ އޮތް ކަމަށް، އެމެރިކާގެ ޑިޕްލޮމޭޓަކާއި ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އަސްކަރީ ގޮތުންނާއި މާލީ ގޮތުން ރަޝިޔާ އަށް އެހީތެރިވެދިނުމުގެ ޝައުގުވެރިކަން ޗައިނާގައި އެބަ އޮތް ކަމަށް، އެމެރިކާގެ ޑިޕްލޮމޭޓަކާއި ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.
ސިއްރު މައުލޫމާތުތައް އެނގޭ، އެމެރިކާގެ އޮފިޝަލަކު ސީއެންއެން އަށް ވިދާޅުވީ ޗައިނާގައި އެ ޝައުގުވެރިކަން އޮތް ނަމަވެސް، މިހާރުން މިހާރަށް ރަޝިޔާ އަށް އެހީތެރިވާން ޗައިނާ ބޭނުންވާކަން މުޅިން ސާފުނުވާ ކަމަށެވެ.
ޗައިނާ އިން ރަޝިޔާ އަށް އަސްކަރީ މަދަދު ދީފާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވަނީ ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޔާންގް ޖެއިޝީއާ، އިޓަލީ ވިލާތުގެ ރޯމްގައި ބައްދަލުކުރައްވައިފަ އެވެ. އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ރަޝިޔާ އަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން، ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދީފި ނަމަ، ޗައިނާ އަށް ކުރިމަތިވާނެ ނަތީޖާތަކާ ބެހޭ ގޮތުން ޖެކް ސުލީވާން، ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރަށް އިންޒާރު ކުރެއްވި އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ރަޝިޔާއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުން ހުއްޓައިލުމާއި، ރަޝިޔާގައި އިންވެސްޓް ކުރުން ހުއްޓައިލުން ހިމެނެ އެވެ.
ނަމަވެސް ޗައިނާ އިން ރަޝިޔާއާ ދެކޮޅަށް އެފަދަ ފިޔަވަޅެއް މިހާތަނަށް ނާޅަ އެވެ. އެހެންކަމުން، ރަޝިޔާ އަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދީފާނެ ކަމަށް، ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
ސިއްރު ޑިޕްލޮމެޓިކް ލިޔުންތަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި ރަޝިޔާ އިން އެދުނު އެހީތެރިކަން ޗައިނާ އިން މިހާތަނަށް ފޯރުކޮށްދީފައިވާކަން ނުވަތަ ނޫންކަން މުޅިން ޔަގީނެއް ނޫނެވެ. އެ ލިޔުންތައް ބުނާ ގޮތުން، ރަޝިޔާ އިން އެދުނު އެހީތަކުގެ ތެރޭގައި، ހަނގުރާމައިގެ ހާލަތުގައި ސިފައިން ކެއުމަށް ތައްޔާރުކޮށްފައި ހުންނަ، ކުނި ނުވާ ޒާތުގެ ކާނާ ޕާރުސަލްތައް ހިމެނެ އެވެ.
ޔޫކްރޭންގެ ތެރޭގައި ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން މިހާރު ވެސް ހަރަކާތްތެރިވަމުން ދާއިރު، ޔޫކްރޭން ސިފައިންގެ ދިފާއީ ހަމަލާތައް ވަރުގަދަކަމުން، ޔޫކްރޭންގައި ތިބި ރަޝިޔާ ސިފައިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ކުއްލި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފަ އެވެ. އެހެންކަމުން، ރަޝިޔާ ސިފައިން ޔޫކްރޭންގެ ފިހާރަތައް ލޫޓުވައިގެން ކާބޯތަކެތި ހޯދާ މަންޒަރު، ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އޭގެ އިތުރުން ރަޝިޔާ އިން އެދިފައިވާ އެހީގެ ތެރޭގައި، ޑްރޯން މަތިންދާބޯޓު ވެސް ހިމެނެ އެވެ. ސިއްރު ލިޔުންތަކަށް ބަލާއިރު، ޗައިނާ އިން ރަޝިޔާ އަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ އެހީތެރިކަމަކީ، ސިފައިންނަށް ބޭނުންވާ ތައްޔާރީ ކާނާގެ ޕެކެޓްތައް ކަމަށްވެދާނެ އެވެ. އަދި އެމެރިކާ އާއި ހުޅަނގުން އެހާ ވަރުގަދަ އަށް އިންޒާރު ދެމުން ދާއިރު، ވަރުގަދަ އަސްކަރީ ހަތިޔާރުތަކެއް ޗައިނާ އިން ރަޝިޔާ އަށް ދޭނެ ކަމަކަށް ނުބެލެވެ އެވެ.
ރަޝިޔާ އިން ޗައިނާގެ އެހީއަށް އެދިފައި ވިޔަސް، ރަޝިޔާގެ އެދުމަށް އިޖާބަ ދޭނެ ގޮތަކާ މެދު، ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ އެންމެ އިސް ވެރިންގެ މެދުގައި މިހާތަނަށް އެއްބަސްވުމަކަށް ނާދެވެ އެވެ. ރަޝިޔާ އަށް އަސްކަރީ އެހީތެރިކަމެއް ދީފި ނަމަ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތުމާ އެކު، ޗައިނާ އިން ރަޝިޔާ އަށް ދޭނީ ކޮން ކަހަލަ އެހީތެރިކަމެއް ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
އެމެރިކާ އެދެނީ ރަޝިޔާ ބަލިވާ ތަން ދެކެން
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް