Roadha Mihaaru
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް

އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް

05 އޮކްޓޯބަރ 2023

އާގު ބޯޓެއްގައި ގެންދަނިކޮށް އެމެރިކާ ސިފައިން އަރައި ފޭރިގަތްފައިވާ، އީރާންގެ މިލިއަނަކަށް ވުރެ ގިނަ ވަޒަން، ޔޫކްރޭނަށް ފޮނުވާފައިވާ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އާގު ބޯޓެއްގައި ގެންދަނިކޮށް އެމެރިކާ ސިފައިން އަރައި ފޭރިގަތްފައިވާ، އީރާންގެ މިލިއަނަކަށް ވުރެ ގިނަ ވަޒަން، ޔޫކްރޭނަށް ފޮނުވާފައިވާ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އީރާންގެ އެ ވަޒަންތައް އަތުލައިގަތީ، މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ވަޒަންތައް އެމެރިކާ ސިފައިންގެ ބާރުގެ ދަށަށް ގެނައީ، އެއީ ޔަމަންގައި ހަނގުރާމަ ކުރާ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ފޮނުވި ވަޒަންތަކެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބޯޓުން އެމެރިކާ ސިފައިން މިދިޔަ އަހަރު އަތުލައިގަތް ވަޒަންތަކުގެ ޖުމްލަ 1.1 މިލިއަނަށް އަރާނެ ކަމަށާއި، އެހުރިހާ ވަޒަންތައް މިހާރު ވާނީ ޔޫކްރޭނަށް ފޮނުވާފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެމެރިކާ ފޭރިގަތް، އީރާންގެ ވަޒަންތައް ޔޫކްރޭނަށް މި ފޮނުވީ، އެމެރިކާ އާއި އީރާނާ ދެމެދު ވަރަށް ބޮޑަށް ދެބަސްވުން އެފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ދެ ގައުމުގެ ދެމެދުގައި މިވަގުތު އެންމެ ބޮޑަށް ދެބަސްވުން އުފެދިފައިވަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި އީރާނުން ރަޝިޔާ އަށް ތާއީދުކުރާތީ އެވެ. އޭގެ އިތުރުން ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން އަސްކަރީ އަދި މާލީ އެހީ ފޯރުކޮށްދޭތީ ވެސް، އެމެރިކާ ވަނީ ރުޅި އައިސްފަ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، ފެބްރުއަރީ 24، 2022 ގައި ފަށައިގެން ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުންނެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް އަރައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ފައްސައިލުމަށް، ދުރު ރާސްތާގެ މިސައިލްތަކާއި ވައިގެ ދިފާއީ ނިޒާމުތައް ދިނުމަށް ޔޫކްރޭނުން ގޮވަމުން އަންނަ ދަނޑިވަޅެއްގައި، އާދައިގެ ރައިފަލްތަކުގައި ބޭނުންކުރާ ވަޒަންތަކެއް ދިނުމުން، މާ ބޮޑު ނަތީޖާއެއް ހާސިލެއް ނުވާނެ އެވެ.

އެމެރިކާ އާއި ނޭޓޯ އިން، ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، ރަޝިޔާ ސިފައިން ބަލިވާ ގޮތް ނުވެ، ހަނގުރާމަ ދިގުލައިގެން ދާތީ، އެ ގައުމުތަކުން މިހާރު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ. ޔޫކްރޭނަށް އިތުރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ނޭޓޯގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ދެބަސްވުން އުފެދެން ފަށައިފަ އެވެ.

ޔޫކްރޭނަށް އެންމެ އުންޑައެއް ވެސް ނުދިނުމަށް ވައުދުވި، ސްލޮވޭކިޔާގެ ރިއާސީ ކެންޑިޑޭޓް، އެ ގައުމުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އިރު، ނޭޓޯ އިން ޔޫކްރޭނަށް ފޯރުކޮށްދޭ އަސްކަރީ އެހީތައް މަދުވާން ފަށާނެ އެވެ.