Roadha Mihaaru
މޭރީގެ މަރު: މޭރީގެ ދިރިއުޅުން ރަހުމަތްތެރިޔާގެ ދުލުން

މޭރީގެ މަރު: މޭރީގެ ފަހު ވަގުތުކޮޅާއި ދިރިއުޅުން އޭނާގެ ރަހުމަތްތެރިޔާގެ ދުލުން

22 މެއި 2023

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީއާ އެކު މަސައްކަތް ކުރި އޭނާގެ ގާތް އެކުވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީއާ އެކު މަސައްކަތް ކުރި އޭނާގެ ގާތް އެކުވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެ ކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ލަމްހާގެ މައްޗަށް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ނަރުހެކެވެ. އޭނާ ބުނިގޮތުގައި މޭރީއާ އެކު މަސައްކަތް ކުރުމުގެ އިތުރުން އޭނާއަކީ މޭރީގެ ރަހުމަތްތެރިއެކެވެ. އަދި މޭރީގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ގިނަ ކަންކަމުގެ ވާހަކަތައް މޭރީ އޭނާއާ ހިއްސާކުރި ކަމަށް ބުންޏެވެ.

އެ ހެކިވެރިޔާ ބުނިގޮތުގައި މާވިން އާއި ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީ އަށް އެނގުނީ މާވިންގެ ފޯނު ބެލުމުން ކަމަށް މޭރީ ބުނެފައިވެ އެވެ. އަދި އެ ދެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ފޮޓޯތަކެއް ވެސް މޭރީ އޭނާއަށް ދެއްކި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ލަމްހާ އާއި މާވިން

ލަމްހާ އާއި މާވިން

ހެކިވެރިޔާ ބުނިގޮތުގައި އެ ދުވަސްވަރު މޭރީ އަށް ނުދަންނަ ނަމްބަރަކުން މެސެޖްކޮށް، ފުރައްސާރަ ކޮށްފައިވެ އެވެ.

އޭނާ ބުނިގޮތުގައި މޭރީއާ ދެކޮޅަށް ލަމްހާގެ ފަރާތުން ފުލުހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ ފުލުހަކު މޭރީއާ ވަކިން ބައްދަލުކުރި އެވެ. އެ ބައްދަލުވުން ބޭއްވީ ކެފޭއެއްގައި ކަމަށާއި އެއީ ލަމްހާގެ އާއިލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން އޮންނާތީ އެކަން ސިޔާސީ ވެދާނެތީ ކަމަށް އެ ފުލުސް މީހާ މޭރީ ގާތު ބުނުމުން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފުލުސް މީހާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، މާވިން އާއި މޭރީގެ ގުޅުން ރަނގަޅުވެ، އަނެއްކާވެސް ރަނގަޅަށް އުޅެން ފެށި ކަމަށް މޭރީ ބުނެފައިވެ އެވެ. މޭރީއަކީ އެހެން މީހުންނަށް ރަނގަޅު އަދި ވަރަށް މަޑުމައިތިރި މީހެއް ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، މޭރީ މަރުވި ދުވަހު ވެސް ހެކިވެރިޔާއާ އެކު މޭރީ ހޮސްޕިޓަލްގެ ޑިއުޓީގައި އުޅުނު ކަމަށެވެ. މެންދުރު ބްރޭކަށް މޭރީ ގެއަށް ދިޔައީ ވެސް ވަރަށް ހަމަޖެހިލައިގެން ހުރެ ކަމަށާއި އޭގެ ފަހުން އޭނާގެ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ މާވިން ކަމަށް ހެކިވެރިޔާ ބުންޏެވެ.

އެކަމާ ގުޅިގެން މާވިންއާ ސުވާލު ކުރުމުން، ދެ މީހުންގެ ދެމެދުގައި ގޭގައި ހިނގި ޒުވާބަކަށް ފަހު ބޭރަށް ނުކުމެފައި އައިއިރު މޭރީ އަމިއްލަ އަށް ދަންޖެހި ހުރީ ކަމަށް މާވިން ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެކަމަކު ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

މޭރީގެ ހަށިގަނޑު ގެނައި ފަހުން ލަމްހާ ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށާއި މާވިންއާ ދެމީހުން ވަކިން ދުރުގައި ތިބެގެން ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުންދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ހަށިގަނޑު ބޭރަށް ގެންދަން ބޭނުންވާ ވާހަކަ ވެސް މާވިން ބުނި ކަމަށް އޭނާ ބުންޏެވެ.

ދެވަނައަށް މިއަދު ހެކިބަސް ދިނީ މޭރީގެ ހަށިގަނޑު ގެންދިއުމުން ފަރުވާ ދޭން މަސައްކަތްކުރި ޑޮކްޓަރެވެ. އޭނާ ބުނިގޮތުގައި މޭރީގެ ހަށިގަނޑު ގެންދިޔައިރު ވެސް ވިންދެއް ނެތެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ކަމަށާއި އޭރު މާވިން ލައިގެން ހުރި އެއްޗެހި ވެސް ތެމިފައިހުރި ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

މޭރީގެ މޫނު އޭރު ވަރަށް ބޮޑަށް ރަތްވެފައި އޭރު ހުރުމުން އޭނާގެ ކަރުން މަތީގައި ލޭ ދައުރުވުން ހުއްޓިފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ބުންޏެވެ. އެކަމަކު ކަރުގައި ނިޝާންތަކެއް ފެންނަން ނެތް ކަމަށް ޑޮކްޓަރު ވެސް ބުންޏެވެ.

ތިން ވަނައަށް ހެކިބަސް ދިނީ ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެކެވެ. އޭނާ ބުނިގޮތުގައި އެ ކޮޓަރިން ސިރިންޖާއި ލެޕްޓޮޕާއި އެ ނޫން ވެސް ބައެއް ތަކެތި ފުލުހުން ނެގި އެވެ. އެކަމަކު އޭނާގެ ދައުރަކީ އެ ތަނުގެ މަންޒަރުތައް ފޮޓޯ ނަގަމުން ދިއުން ކަމަށް ބުންޏެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ އެވެ. އެ މައްސަލާގައި އިތުރު ގިނަ ހެކިންތަކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ.