Roadha Mihaaru
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް

މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް

03 ޖުލައި 2024

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. އެހެންވެ، މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗުގެ ނަރުހެކެވެ.

އޭނާ ބުނިގޮތުގައި މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައި އޮއްވައި، ލަމްހާ އެ ތަނަށް ގޮސް، މާވިން ސަލާމަތް ވާނެތޯ ބުނެ އޭނާއާ ސުވާލުކުރި އެވެ. މާވިންގެ ގައިގައި ވަކި އަޅާފައި ހުރި ނިޝާންތަކެއް ހުރުމުން އެ މައްސަލާގައި އޭނާ ސަލާމަތް ނުވާނެ ކަމަށް ލަމްހާ ބުނި ކަމަށާއި ފުލުހުންގެ އިސްވެރިންގެ ތެރެއިން ދަންނަ މީހަކު ހުރިތޯ ވެސް ލަމްހާ ސުވާލުކުރި ކަމަށް އެ ނަރުސް މީހާ ބުންޏެވެ. މާވިން ސަލާމަތް ކުރާނީ ލަމްހާ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

ލަމްހާ މިއަދުގެ އަޑުއެހުމުގައި

ލަމްހާ މިއަދުގެ އަޑުއެހުމުގައި

އެ ނަރުސް މީހާ ބުނިގޮތުގައި، ލަމްހާއާ މެދު އޭނާ އެހާ ބޮޑަށް ނުރުހެ އެވެ. އެހެންވެ، އޭނާގެ ޑިއުޓީ ވަގުތުތަކުގައި ވެސް ލަމްހާ ބަހައްޓަނީ އެހެން ސަރަހައްދެއްގައި ކަމަށާއި އޭނާ ހުންނަ ސަރަހައްދަށް ލަމްހާ ޑިއުޓީގައި އައުމަށް ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަބަބަކީ ލަމްހާ ހޮސްޕިޓަލްގައި ބަލި މީހުންނާ ވާހަކަ ދައްކާ ގޮތުންނާއި އުޅޭގޮތުންނެވެ.

އެ ނަރުސް މީހާ ބުނިގޮތުގައި މޭރީ ފަންކާގައި ދަންޖެހުނީ ކަމަށް މާވިން ފުރަތަމަ ބުންޏަސް، ފަހުން ބުނީ ކުޑަދޮރުގައި ދަން ޖެހުނު ކަމަށެވެ. ތަފާތު ދެ ގޮތަކަށް ވާހަކަ ދައްކާތީ ސުވާލު ކުރުމުން މާވިން އެދުނީ ވަގުތުކޮޅެއް ދިނުމަށް ކަމަށް އެ ނަރުސް މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދަންޖެހުނު ކަމަށް ބުންޏަސް، ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެނެ އެވެ. ވީ ގޮތެއް އޭރު ވެސް މާވިން ނުބުނާ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި އިތުރު ހެކިންގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އެބައޮތެވެ.