Roadha Mihaaru
މޭރީގެ މަރު:ޑޮކްޓަރުން ހެކިބަސް، ބަންދަށް ލުޔެއް ނެތް

މޭރީގެ މަރު: ޑޮކްޓަރުން ހެކިބަސް ދީފި، ލަމްހާގެ ބަންދަށް ލުޔެއް ނުދިން

24 މެއި 2023

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުންގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.

އޮކްޓޫބަރު 2021 ގައި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އަދި މަނާ އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ލަމްހާގެ މައްޗަށް ކުރެ އެވެ. މާވިންއަކީ ވެސް އައިޖީއެމްއެޗްގައި އޭރު މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެކެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ދެ ޑޮކްޓަރެވެ. އެ ދެ ޑޮކްޓަރުން ވެސް ބުނިގޮތުގައި މޭރީގެ ހަށިގަނޑު މާވިން ގެނައިއިރު މޭރީ ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

އޭގެ ތެރެއިން އެއް ޑޮކްޓަރަކު ބުނިގޮތުގައި މޭރީ ގެނައިއިރު އޭނާގެ މޫނު އޮތީ ދަނބު ކުލަ އަރައިފަ އެވެ. އެގޮތަށް އާންމުކޮށް ދިމާވާނީ ކަރުގައި ހިފައި، ނޭވާ ހާސްކުރުމުން ކަމަށް އެ ޑޮކްޓަރު ބުންޏެވެ. އަދި ދަންޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

ދެވަނަ ޑޮކްޓަރު ބުނިގޮތުގައި މޭރީގެ މަރާ ގުޅޭގޮތުން މާވިންއާ ސުވާލު ކުރުމުން ގޭ ތެރޭގައި ހިނގި ޒުވާބަކަށްފަހު މޭރީ ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށެވެ.

މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އެތަނަށާއި އަދި މޭރީ އުޅުނު ގެއަށް ދިޔަ ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އެދުވަހު މާވިންއާ ސުވާލު ކުރުމުން، މޭރީ އަމިއްލައަށް މަރުވީ ޒުވާބަކަށްފަހު މޭރީ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތްކޮށް އަދި މާވިންއާ ދިމާލަށް އެއްޗެހި އުކަން ފެށުމުން އޭނާ ކޮޓަރިން ނިކުތް ވަގުތު ކަމަށް މާވިން ބުނެފައިވެ އެވެ. އަދި ޒުވާބު ފެށުނީ ގޭގެ ފާހާނާގެ އިސްކުރެއް ރަނގަޅު ނުކޮށް ހުރުމުން އެެކަމާ ރުޅި އައިސްގެން ކަމަށް މާވިން ބުނި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

ލަމްހާ އާއި މާވިން

ލަމްހާ އާއި މާވިން

އެ ފުލުސް މީހާ ބުނިގޮތުގައި މޭރީ ދަންޖެހުނީ ބެޑްޝީޓެއް ބޭނުންކޮށްގެން، ކޮޓަރީގައި ހުރި ކުޑަ ދޮރެއްގައި ކަމަށް މާވިން ބުނެފައިވެ އެވެ. އަދި އެގެއަށް ދިޔައިރު އެ ކޮޓަރީގައި ބެޑްޝީޓަކާއި ކަތުރެއް ވެއްޓިފައި އޮތް ކަމަށާއި އަދި އެތަނުގައި ފެން ހުރި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

އެ ކޮޓަރީގައި އިންޖެކްޝަން ހުސްކުރި ޕެކެޓެއް އޮތް ކަމަށާއި އެއީ މޭރީ ނަގަން އައި ޕެރަމެޑިކް އެމްބިއުލާންސްގައި އައި މީހުން ގެނައި އެއްޗެއް ކަމަށް މާވިން ބުނި ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެކަމަކު އެ މީހުން އިންޖެކްޝަން ގެނައުމުން އިންޖެކްޝަން ޖެހީ މާވިން އަމިއްލައަށް ކަމަށް އޭނާ ބުނި ކަމަށް ފުލުސް މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މޭރީގެ ހަށިގަނޑުގެ ދެތިން ތަނެއް މަށައިގެން ގޮސް ކުދި ޒަހަމްތަކެއް ހުއްޓެވެ. އަދި މާވިންގެ ހަށިގަނޑުން ވެސް ކުދި ޒަހަމްތަކެއް ހުއްޓެވެ. އެތަންތަން ފޮޓޯ ނެގި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލުން ވަނީ ޝަރުތުތަކާ އެކު 100 ދުވަހަށް ލަމްހާ ބަންދުން ދޫކޮށްދޭން އެދިފަ އެވެ. ވަކީލުން ވިދާޅުވީ ލަމްހާގެ ވަޒީފާ މިހާރު ގެއްލިފައިވާއިރު އަދި ޒުވާން އުމުރުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނަން ޖެހުމުން ނަފްސާނީ ކަންތައްތަކެއް ވެސް އޭނާއަށް ކުރިމަތިވެފައިވާ ކަމަށް ވަކީލުން ބުންޏެވެ. އަދި އޭނާގެ ފަރާތުން މުޖްތަމައުއަށް މިހާރު ނުރައްކަލެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތުމުން ކަމަށެވެ. އަދި އެ ހާލަތު ބަދަލުނުވާ ކަމަށާއި އެހެންވެ، ބަންދަށް ލުއި ނުދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މިވަގުތު ބަންދަށް ލުއި ނުދެވޭނެ ކަމަށެވެ. އެކަމަކު ލަމްހާގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް، އެކަމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ މަހު ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ދައުލަތުން ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައިވާތީ އެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް ގެންދާނެ އެވެ.