Roadha Mihaaru
ކަރަންޓަށް 34 ޔުނިޓް ނާރާނަމަ ކުނީގެ ބިލް ނުފޮނުވާނެ

ކަރަންޓް ބިލް 34 ޔުނިޓަށް ވުރެން ދަށް ނަމަ ކުނީގެ ބިލެއް ނުފޮނުވާނެ: ވެމްކޯ

22 މެއި 2023

ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލައިގެން ފޮނުވަން މިންގަނޑެއް ކަނޑައަޅައި، ކަރަންޓް ބިލަށް 34 ޔުނިޓް ނާރާ ގެތަކަށް ވެމްކޯގެ ބިލް ނުފޮނުވަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލައިގެން ފޮނުވަން މިންގަނޑެއް ކަނޑައަޅައި، ކަރަންޓް ބިލަށް 34 ޔުނިޓް ނާރާ ގެތަކަށް ވެމްކޯގެ ބިލް ނުފޮނުވަން ނިންމައިފި އެވެ.

އަންނަ މަހުން ފެށިގެން ދެ ބިލް އެއްކޮށްލައިގެން ފޮނުވަން ވަނީ ނިންމައިފަ އެވެ. މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ އެވެ.

ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ނޫސްވެރިންނަށް ބޭއްވި މައުލޫމާތު ސެޝަނެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ކަރަންޓް ބޭނުންކުރާ ވަރު 34 ޔުނިޓަށް ވުރެން ދަށް ނަމަ އެ ގެއަކަށް ބިލް ނުކުރާނެ ކަމަށެވެ. ދެ ބިލް އެއްކޮށް ފޮނުވައިދޭން އެދި އެއްވެސް ގެއަކުން ރަޖިސްޓްރީ ވެސް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓެލްކޯއިން ކަނޑައަޅާފައި އިންނަ އަދަދަކީ 34 ޔުނިޓް. އެއީ މިން ކުރުމަށްޓަކައި ބަލާ މިންގަނޑެއް. 34 ޔުނިޓް ނާރާ ކަމަށް ވެއްޖާ އެ ގެއަކަށް ޗާޖެއް ނުކުރާނެ އެ މަހަކު. 34 ޔުނިޓުން މައްޗަށް އަރައިފިއްޔާ ވެމްކޯގެ ބިލު އަންނާނެ." ސިރާޖް ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް: މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް: މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި.

"ހައުސް ހޯލްޑްގައި ސްޓެލްކޯ ބިލާ އެއްކޮށް ޓައި ވާ ގޮތަށް ހުރި ނަމަވެސް ކޮމާޝަލް ތަންތަނުގައި އަދި ނީންނާނެ އެގޮތަކަށް. ރަޖިސްޓްރީ ވީމަ ދެ ބިލު އެއްކޮށްލެވޭ ގޮތަށް އިންނާނީ."

އޭނާ ވިދާޅުވި ގޮތުގައި އެއް މީޓަރަށް ވުރެ ގިނަ މީޓަރު ހުންނަ ގޭގޭއިން ވެމްކޯގައި އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން ޓީމަކުން ސާވޭ ކުރަން ދާނެ ކަމަށެވެ. އެ ސާވޭއަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅޭ ތަނެއް ކަމަށް ފެންނަ ނަމަ އެތަނަކަށް ޗާޖު ކުރާނީ އެއް ގޭބިސީއަށްވާ ފައިސާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މާލެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް: އަންނަ މަހުން ފެށިގެން ކަރަންޓާއި ކުނީގެ ބިލް އެއްކޮށް ފޮނުވަން ފަށާނެ ކަމަށް ވެމްކޯ އިން ބުނޭ.

މާލެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް: އަންނަ މަހުން ފެށިގެން ކަރަންޓާއި ކުނީގެ ބިލް އެއްކޮށް ފޮނުވަން ފަށާނެ ކަމަށް ވެމްކޯ އިން ބުނޭ.

ސިރާޖް ވިދާޅުވި ގޮތުގައި ކުނި އުކާލަން ވެމްކޯ އިން ނަގާ ފީއަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

"[ކުނީގެ ހިދުމަތަށް] ނަގަމުން އަންނަ ފީއަކީ މިވަގުތުގެ އޮޕަރޭޝަންތަކަށް އެންމެ އެކަށީގެންވާ ފީއެއް ނޫން. މިވަގުތަށް ނަގަންޏާ ކޮންމެ ގޭބިސީއަކުން އަޅުގަނޑުމެންނަށް އެބަ ޖެހޭ 350ރ. ނަގަން. އެކަމަކު ސަރުކާރުން ނިންމާފައި ވަނީ އެ އަގު ބަދަލު ނުކުރަން. އަގުބޮޑު ނުކުރަން. ނަގާނީ 150ރ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ވެމްކޯގެ އޮޕަރޭޝަންތައް ފެށިގެން އައިއިރު ނަގަން ނިންމި ފީ މިހާރަށް ނުފެތޭ ސަބަބަކީ އޭރު ކުނި ނެގުމަށްފަހު ތަނަކަށް އަޅާލި ނަމަވެސް މިހާރު ކުނި ޕްރޮސެސްކޮށް މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކަމަށެވެ.

"އޭޕްރީލް މަހުގެ ބިލު ޖޫން މަހު އަންނާނެ"

ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު ގެތަކަށް އަންނަ މަހު ސްޓެލްކޯއިން ދޫކުރާއިރު އޭޕްރީލް މަހުގެ ވެމްކޯގެ ބިލު ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން ގެތަކުން ކުނި ނެގުމުގައި: މާލޭގެ ގިނަ ގޭބީސީތަކުން ކުނީގެ ބިލް ނުދައްކާ ކަމަށް ވެމްކޯ އިން ބުނޭ.

ވެމްކޯގެ މުވައްޒަފުން ގެތަކުން ކުނި ނެގުމުގައި: މާލޭގެ ގިނަ ގޭބީސީތަކުން ކުނީގެ ބިލް ނުދައްކާ ކަމަށް ވެމްކޯ އިން ބުނޭ.

"އާންމުކޮށް ސްޓެލްކޯގެ ބިލުތައް ތައްޔާރު ކޮށްފައި މި ހުންނަނީ އެއް މަހުގެ 20 އަނެއް މަހުގެ 20 އަށް. ދެން އަޅުގަނޑުމެންނަށް ބިލް އަންނަ އިރު އަންނަނީ މިދިޔަ މަސް (އޭޕްރީލް) މަހުން ފެށިގެން މި މަހުގެ ނިޔަލަށް،" ސިރާޖު ވިދާޅުވި އެވެ.

މިސާލަކަށް ސްޓެލްކޯ ބިލަކީ 28 ދުވަހަށް ހިނގާ ބިލަކަށް ވަންޏާ ވެމްކޯގެ ބިލު ވެސް އިންނާނީ 28 ދުވަހަށް. 31 ދުވަހަށް ހިންގަންޏާ ވެމްކޯގެ ބިލު ވެސް އަންނާނީ އެހާވަރަށް."

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލުގައި އެ ފައިސާ ހިމަނާނެ އެވެ.

ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 21،000 ގޭބީސީންނެވެ. އެހެންކަމުން ކުނި އުކުމުގެ ފީ 62 ޕަސެންޓް ގޭބީސީން ނުދައްކަ އެވެ.