Roadha Mihaaru
އިދިކޮޅު ހަމައެކަނި ކެންޑިޑޭޓަކީ "ތިމަން މަނިކުފާނު"

އިދިކޮޅު ހަމައެކަނި ކެންޑިޑޭޓަކީ "ތިމަން މަނިކުފާނު"

26 ޖެނުއަރީ 2017

ރިއާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާ އިރު، އެންމެން ވެސް ދައްކަނީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ވާހަކަ އެވެ. އެއް ބަޔަކު ސުވާލު އުފައްދަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެދާނެ ކަމާ މެދުގަ އެވެ. އަނެއް ބަޔަކު ސުވާލު އުފައްދަނީ ރައީސް ޔާމީނާ ވާދަ ކުރައްވާނެ ބޭފުޅަކާ މެދުގަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރިއާސީ އިންތިޚާބަށް އަހަރެއްހާ ދުވަހަށް ވެފައިވާ އިރު، އެންމެން ވެސް ދައްކަނީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުންގެ ވާހަކަ އެވެ. އެއް ބަޔަކު ސުވާލު އުފައްދަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ވެދާނެ ކަމާ މެދުގަ އެވެ. އަނެއް ބަޔަކު ސުވާލު އުފައްދަނީ ރައީސް ޔާމީނާ ވާދަ ކުރައްވާނެ ބޭފުޅަކާ މެދުގަ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ފުރަތަމަ ނުކުތާއަކީ، އިދިކޮޅު ކެންޑިޑޭޓުން ކިހިލި ޖަހާލައިގެން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް، ރައީސް ޔާމީންގެ ވަފާތެރިން ވިދާޅުވާ ވާހަކަ އެވެ. އިދިކޮޅު ފަރާތްތަކުން އެ ބުނުން ތަރުޖަމާ ކުރަނީ، ޖަލު ހުކުމްގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ވާހަކަ ކަމަށެވެ. ޖަލުގައި ތިބުމުން އެ ތިބީ ކިހިލި ޖަހާލެވިފައި ކަމަށެވެ.

ނަމަވެސް ސުވާލަކީ 2018ގެ ރިއާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރަން ޖެހޭ ހަމައެކަނި ބަޔަކީ، މިހާރު ވެސް ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހެއްޔެވެ؟ ނުވަތަ ޖަލު ހުކުމެއް އަތުވެދާނެ ކަމުގެ ބިރު އޮތް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ހެއްޔެވެ؟ ނުވަތަ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހެއްޔެވެ؟

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރެވޭނީ ހަމައެކަނި މި ބޭފުޅުންނަށް ކަމަށް އޮތީ ކޮން ގާނޫނެއްގައި ހެއްޔެވެ؟ އެތައް ސިޔާސީ ލީޑަރުންނެއް ތިބި އެމްޑީޕީގައި ވެސް، މުހައްމަދު ނަޝީދު ފިޔަވައި، ރައީސް ޔާމީނާ ވާދަ ކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވޭ ވަރުގެ މަގްބޫލު ބޭފުޅަކު ނެތީ ހެއްޔެވެ؟ ނުވަތަ އިދިކޮޅު އަދާލަތު ޕާޓީގައި ވެސް، ޝައިޚް އިމްރާން ފިޔަވައި އެވަރުގެ ޝަޚްސިއްޔަތެއް ނެތީ ހެއްޔެވެ؟ ޖުމްހޫރީ ޕާޓީގައި ވެސް ލީޑަރު ގާސިމް އިބްރާހީމް ފިޔަވައި އެހެން ބޭފުޅަކު ނެތީ ހެއްޔެވެ؟

އިމްރާނާއި ނަޝީދު އަދި ނާޒިމް: ޖަލު ހުކުމްގެ ސަބަބުން މިއިން އެއްވެސް ބޭފުޅަކަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތެއް ނެތް.

އިމްރާނާއި ނަޝީދު އަދި ނާޒިމް: ޖަލު ހުކުމްގެ ސަބަބުން މިއިން އެއްވެސް ބޭފުޅަކަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތެއް ނެތް.

ފާހަގަ ކޮށްލަން ޖެހޭ ދެ ވަނަ ނުކުތާއަކީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ އެވެ. ކުރީގެ ރައީސް ނަޝީދު ދާދި ފަހުން އޭއެފްޕީ ނިއުސް އޭޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުން ކަމަށެވެ. އެ ވިދާޅުވާ އެއް ކެންޑިޑޭޓަކީ ކޮބައިތޯ ވިސްނައިލުމުން، މިއީ ވެސް އަޖާއިބެއް ކަހަލަ ތިއަރީއަކަށް ނޫނީ ނުވެ އެވެ.

އެ އިންޓަވިއުގައި އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އެ ވިދާޅުވާ އިދިކޮޅު ކެންޑިޑޭޓް ވަރަށް ސާފެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި 2018ގެ އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވެ އެވެ. އަދި ބޮޑު ނުރައްކަލަކާ ކުރިމަތިލައްވައިގެން ނޫނީ އެކަން ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ވިދާޅުވި ނުރައްކަލަކީ ރާއްޖެ އަށް އެނބުރި ވަޑައިގެންފި ނަމަ، ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް އަނެއްކާ ދާން ޖެހުމެވެ. އެއީ ޔަގީން ކަމެކެވެ. އެ ނުރައްކަލާ ކުރިމަތިލައްވައިގެން އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަން ދުވާލުގެ އިރު ފަދައިން ސާފެވެ.

އިދިކޮޅު އެއް ކެންޑިޑޭޓު ނެރުމޭ އެ ވިދާޅުވަނީ، ކޮންމެވެސް އެއް ބޭފުޅެއްގެ ފަހަތަށް ދެން ތިއްބެވި ސިޔާސީ ހުރިހާ ބޭފުޅުން ވަޑައިގަންނަވާ ވާހަކަ އެވެ. ނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވަން ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ދިވެހިން ކަމުގައި ވާ ނަމަ، އެކަން ވުމަކީ މުސްތަހީލު ކަމެކެވެ. އެއީ ދެ ފަހަރަށް އެ ހިތި ތަޖުރިބާ ކުރެވިފައިވާތީ އެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ގާސިމާއި ޑރ. ޖަމީލާއި އަދާލަތު ޕާޓީ، ނަޝީދުގެ ފަހަތަށް އެރި އެވެ. ވެރިކަން ލިބުމުން އެ ހުރިހާ ބޭފުޅުންނަށް ވެސް ނަޝީދު ދެއްވީ ކޮޅުކެއްސެވެ. ދެން ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ހުރިހާ ބޭފުޅުން އަނެއްކާ އެއް އަންބާއެއް ކިއުއްވަމުން ނުކުންނެވި އެވެ. ރައީސް ޔާމީން ވެރިކަމަށް އިންތިޚާބު ކުރެވުނީ އެ ހުރިހާ ބޭފުޅުން އެއްގަލަކަށް އެރުއްވުމުންނެވެ. ނަމަވެސް ވެރިކަމުގެ ކޮންޓްރޯލް ލިބިވަޑައިގަތުމުން ރައީސް ޔާމީން ވެސް އެ ހުރިހާ ބޭފުޅުން އެއްފަރާތް ކުރެއްވި އެވެ.

އެހެންކަމުން އެއިން އެއްވެސް ބޭފުޅެއްގެ ހިތުގައި އަނެއް ބޭފުޅަކަށް އިތުބާރެއް ނޯންނާނެ ކަން ކަށަވަރެވެ. މިއީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަގީގަތެވެ. އިދިކޮޅު އިއްތިހާދުގެ ނަމުގައި ކޯލިޝަންތައް ހަދައިގެން އުޅުނެއް ކަމަކު، ސަލާމަށް އަތް ދިއްކޮށްލާ އިރު ކޮންމެ ބޭފުޅެއްގެ އަނެއް އަތުގައި އޮންނާނީ ޚަންޖަރެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އުމަރު ނަސީރު ބައްދަލުކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އުމަރު ނަސީރު ބައްދަލުކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު މި ތިއްބެވި ސިޔާސީ މީހުންނަށް ބަލާއިރު، އެއްވެސް މީހެއްގެ ނެތް އަނެކަކަށް ދޫދިނުމުގެ ވިސްނުމެއް. ކޮންމެ މީހެއްގެ ނަޒަރުގައި ތިމާއަކީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ. ދެން ތިބި ހުރިހާ މީހުން އަންނަން ޖެހޭނީ ތިމާގެ ފަހަތަށް. ނަޝީދުގެ ވެސް ނެތް ޑރ. ޖަމީލަށް ދޫ ދެއްވުމުގެ ވިސްނުމެއް،" މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ އަކީ، ރާއްޖޭން ބޭރުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް އެކުލަވައިލި އިދިކޮޅު އިއްތިހާދުގެ ވިސްނުމުގައި އޮތް ކަމެއް ނޫނެވެ. އިދިކޮޅު އިއްތިހާދެއް ހެދީ، ރައީސް ޔާމީންގެ ވެރިކަން މިހާރުން މިހާރަށް ނިމުމަކަށް ގެނެސް އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ފަހު އިންތިޚާބެއް ބޭއްވުމަށެވެ.

އެ ނިންމުމާ ޚިލާފަށް އަދި އިއްތިހާދުގެ އެހެން ބައިވެރިންނާ މަޝްވަރާ ކުރެއްވުމެއް ނެތި، މިހާރު ބޭނުންވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ނޫން ކަމަށް ނަޝީދު އަމިއްލަފުޅަށް މީޑިއާގައި ވިދާޅުވުމަކީ، ނަޝީދު ކުރައްވަން އުޅުއްވާ ކަމަކާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ފ. މަގޫދޫ ގައި ޒަމާނީ ފެންވަރަށް، އިމާރާތް ކުރި މިސްކިތް ހުޅުއްވައިދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން، އެރަށުގެ ސްކޫލު ދަރިވަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. އިންތިޚާބުގައި ބަލިކޮށްލުން ވާނީ އުނދަގޫ ކަމަކަށް. -- ފޮޓޯ: ރައީސް އޮފީސް

ފ. މަގޫދޫ ގައި ޒަމާނީ ފެންވަރަށް، އިމާރާތް ކުރި މިސްކިތް ހުޅުއްވައިދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން، އެރަށުގެ ސްކޫލު ދަރިވަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. އިންތިޚާބުގައި ބަލިކޮށްލުން ވާނީ އުނދަގޫ ކަމަކަށް. -- ފޮޓޯ: ރައީސް އޮފީސް

އަމީން ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދެއް ހަދާފައި އޮތެއް ކަމަކު، ނަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު ލީޑަރަކީ ހަމައެކަނި ނަޝީދު ކަމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ދައްކާށެވެ.

"މި ފަހުން ވެސް އެމްޑީޕީއާ ރައީސް މައުމޫންގެ ފެކްޝަނާ ދެމެދު ވެސް މަޝްވަރާތަކެއް ކުރެވުނު. އެ ފެކްޝަނާ އެކީގައި ކޮންމެވެސް ނަތީޖާއަކާ ހަމައަށް ދިޔައިމަ، މަޖިލީހުގެ ހަތް މެމްބަރުން އައިސް މައުމޫނަށް ސަޕޯޓްކުރާ ކަން މީޑިއާގައި އާންމު ކުރީ. އެ ފަހަރު ވެސް އަންނިގެ ފަރާތުން ކޮމިޓްމަންޓްތަކެއް ދީފައި، އަންނި މައުމޫނަށް މި އަންގަވަނީ އެހެން ކަންތަކެއް ކުރަން. އެއީ އިދިކޮޅު އިއްތިހާދާ އެކީ ބައްދަލު ކުރައްވަން. އެ ފަހަރު ވެސް ނަޝީދު އެކަން އިއުލާން ކުރެއްވީ މީޑިއާގައި. ނަޝީދުގެ ބޭނުމަކަށްވީ، އިދިކޮޅު އިއްތިހާދަށް މައުމޫން ގެނެސް ބައިނަލްއަގުވާމީ މުޖްތަމައަށް ދައްކަން، ގައުމުގެ އިދިކޮޅު ހުރިހާ ލީޑަރުން މިހާރު މި ތިބީ ތިމަންނަގެ ފަހަތުގައޭ. އެ ކަން އެ ފަހަރު ކާމިޔާބު ނުވީ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތައް އެކުވެގެން އިއްތިހާދެއް ހެދީ 2018 ގައި ނަޝީދު ވެރިކަމަށް ގެންނާކަށް ނޫނެވެ. ނަމަވެސް ނަޝީދު މިހާރު ވެސް މަސައްކަތް ކުރައްވަނީ، އިދިކޮޅު ހަމައެކަނި ލީޑަރަކީ ތިމަންނާ ކަމުގައި ދައްކާށެވެ.

ރައީސް އަބްދުﷲ ޔާމީން، ރައީސްކަމުގެ ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު (ކ) އަދި މައުމޫން ބައިވެރިވަޑައިގެންނަވަނީ.-- ފޮޓޯ: ރައީސް އޮޮފީސް

ރައީސް އަބްދުﷲ ޔާމީން، ރައީސްކަމުގެ ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު (ކ) އަދި މައުމޫން ބައިވެރިވަޑައިގެންނަވަނީ.-- ފޮޓޯ: ރައީސް އޮޮފީސް

"ކިތައް މީހުން އަންނި އަށް ދެންނެވި 2018ގެ އިންތިޚާބު ދޫކޮށްލާފައި 2023 ގައި ނުކުންނަވަން ހުންނާށޭ. އެކަމަކު ބޭނުންފުޅެއް ނުވޭ ގޮތް ދޫކުރައްވާކަށް. އެކަމަކު ނަޝީދަކަށް ނާދެވޭނެ ވެރިކަމަކަށް. ޖުޑިޝަރީއެއް ވެސް އަދި ސިފައިންނާއި ފުލުހުންނެއް ވެސް ނަޝީދު ވެރިކަމަށް ގެންނާކަށް ބޭނުމެއް ނުވޭ. އެންމެންނަށް ވެސް އެބަ އެނގޭ ފުރުސަތެއް ލިބިއްޖެއްޔާ ބަދަލު ހިފާނެކަން،" އަމީން ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމަށް ވެސް ރަނގަޅުވާނީ އަދި ހިތުގެ އަޑިން އެދޭނީ ވެސް އިދިކޮޅު އެއް ކެންޑިޑޭޓަކު ނުކުތުމަށެވެ. އެހެން ވެއްޖެ ނަމަ، އިންތިޚާބުގެ އެއް ބުރުން ރައީސް ޔާމީނަށް ކާމިޔާބު ލިބޭނެތީ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު މިހާރު ހުރި ގޮތަށް ބަލާއިރު، އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ނުކުމެވަޑައިގެން ނޫން ގޮތަކަށް ރައީސް ޔާމީން ބަލި ކުރެއްވުމަކީ މުސްތަހީލް ކަމެކެވެ. މިހެން މި ދިމާވަނީ ލިބުނު ފުރުސަތުތަކުގައި ސިޔާސީ ބޭފުޅުންގެ މެދުގައި އެއްގޮތަކަށް ވެސް އިތުބާރު ނުއުފެއްދުނީމަ އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމްގެ ސަބަބުން ނަޝީދަށް އިންތިޚާބުގެ ދޮރު ބަންދުވެފައިވާތީ، ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އިދިކޮޅު އެއް ކެންޑިޑޭޓް ނެރުމަކީ ތަބަކަކަށް ލާފައި ރައީސް ޔާމީނަށް ދެ ވަނަ ދައުރެއް ދިނުން ކަމުގައި ނޫނީ ނުވާނެ އެވެ. އަދި ގިނަ ކެންޑިޑޭޓުން ނެރުނު ކަމުގައި ވިޔަސް، ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުން ދެމުންދާ އެހީތަކުގެ ސަބަބުން، ރައީސް ޔާމީނާ ދެކޮޅަށް އިންތިޚާބުގެ ނަތީޖާ އަނބުރާލުން ފަސޭހައެއް ނުވާނެ އެވެ.