Roadha Mihaaru
ރައީސް ޔާމީން ބަލިކުރާނެ ގޮތް، އިންތިގާލީ ކެންޑިޑޭޓް!

ރައީސް ޔާމީން ބަލިކުރާނެ ގޮތް، އިންތިގާލީ ކެންޑިޑޭޓް؟

23 އޮކްޓޯބަރ 2017

ރިޔާސީ އިންތިހާބަށް މާ މޮޅެތި ހިސާބުތަކެއް ނުހެދިއަސް އެއް ކަމެއް ޔަގީނެވެ؛ ޕާޓީތަކުން ވަކިވަކިން ވާދަކޮށްގެން، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ ކެންޑިޑޭޓަކު އަދި ނެތެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ އިންތިހާބަށް އޮތް އެންމެ "މުޖައްރިބު ފޯމިއުލާއަކީ" ކޯލިޝަނެވެ. މިއީ، އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ދެ އިންތިހާބުގައި ވެސް ކާމިޔާބީ ހޯދި ގޮތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބަށް މާ މޮޅެތި ހިސާބުތަކެއް ނުހެދިއަސް އެއް ކަމެއް ޔަގީނެވެ؛ ޕާޓީތަކުން ވަކިވަކިން ވާދަކޮށްގެން، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ ކެންޑިޑޭޓަކު އަދި ނެތެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ އިންތިހާބަށް އޮތް އެންމެ "މުޖައްރިބު ފޯމިއުލާއަކީ" ކޯލިޝަނެވެ. މިއީ، އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ދެ އިންތިހާބުގައި ވެސް ކާމިޔާބީ ހޯދި ގޮތެވެ.

އިދިކޮޅު ޕާޓީތަކުން މިވަނީ އަނެއްކާވެސް މި ފޯމިއުލާއާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. ދައުރު ހަމަވުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރަން ޖެހި ހުރިހާ މަޅިއެއް ވަނީ ފޭލްވެފަ އެވެ. އެއާ އެކު، ހުރިހާ ދިމާލެއްގައި ނުފޫޒު ގަދަކުރައްވައި އެމަނިކުފާނު ވެރިކަމުން ދުރުކުރެވޭނެ ހުރިހާ މަގެއް ބަންދުކޮށްލެއްވީ އެވެ.

މި ހާލަތުގައި، ގައުމު ހަމައަކަށް އެޅުވޭނެ ހަމައެކަނި ގޮތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އިންތިގާލީ ސަރުކާރެކެވެ. އެ ސަރުކާރު ހިންގާނީ، ޕާޓީތައް ތަމްސީލްކުރާ އިންތިގާލީ ވެރިއެކެވެ. އެ ރައީސްގެ ޒިންމާއަކީ، މިހާރު މަސްހުނިކޮށްފައިވާ ބާރުތައް ވަކިކޮށް، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިސްލާހުކުރެއްވުމެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ޖާގަ ހޯދައި ދެއްވުމެވެ.

މި ވިސްނުމުގައި، ގޮތްތަކެއް ހޯދުން، ނަޝީދު މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ގުޅިފައިވާ ޕާޓީތަކުގެ އަތް މައްޗަށް ދޫކޮށްލައްވައިފަ އެވެ. އެކަމަށް ޕާޓީތަކުން މަޝްވަރާ ވެސް ފަށައިފި އެވެ. އެކަމަކު ނަތީޖާއަކާ ހަމައަށް ދިއުމުގެ ކުރިން ވެސް އުފައްދާ ސުވާލުތައް މަދެއް ނޫނެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާ ނިންމާލެއްވުމަށް ފަހު ޖަލްސާގެ ބައިވެރިންނާއި ރައީސް ޔާމީން ސަލާންކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލިމަސް ކާނިވާ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާ ނިންމާލެއްވުމަށް ފަހު ޖަލްސާގެ ބައިވެރިންނާއި ރައީސް ޔާމީން ސަލާންކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންތިގާލީ ސަރުކާރަކަށް ގާނޫނުއަސާސީ ތަންދޭ ހެއްޔެވެ؟ ރައީސް ޔާމީނާ ދެކޮޅަށް ނެރޭނެ އިންތިގާލީ ކެންޑިޑޭޓަކީ ކާކު ހެއްޔެވެ؟ އެ ކެންޑިޑޭޓަށް ރައީސް ޔާމީން ބަލިކުރެވޭނެ ހެއްޔެވެ؟ އެކި ފިކުރުތަކުގެ އެތައް ބަޔަކު އެއްވެފައިވާއިރު، އެފަދަ އެއްބަސްވުމަކަށް އާދެވިދާނެ ހެއްޔެވެ؟

ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ސުވާލުތަކަށް ޖަވާބު ދިނުން މާ އަވަހެވެ. ފުރަތަމަ ކުރަން އޮތް ކަމަކީ ޕާޓީތަކުން މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމެވެ. އާއްމުންނާ ހަމައަށް އެކަން ހާމަކުރާނީ، އެއްބަސްވުމަކަށް އާދެވުމުންނެވެ.

އިންތިގާލީ ކެންޑިޑޭޓު ކޮބާ؟

އިންތިގާލީ ސަރުކާރެއްގެ ވާހަކަ މިއައީ، އިދިކޮޅު ޕާޓީތަކުން އަރާ ތިބި "އެއް ގާ" އިންތިހާބާ ހަމައިން ފަޅިފަޅިވާނެ ކަމަށް ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ބައެއް ބޭބޭފުޅުން ފާޑުވިދާޅުވަމުން ދަނިކޮށެވެ.

ދެން އޮތް ހަގީގަތަކީ މިއެވެ؛ އިދިކޮޅު ޕާޓީތަކުގައި އިންތިހާބަށް ކުރިމަތިލާން ތިއްބެވި ހުރިހާ ލީޑަރުން މިވަނީ ޖަލު ހުކުމްތަކުގައި "ތާށިވެފަ" އެވެ. އަދި ގާނޫނުއަސާސީ ބުނާ ގޮތުން، މިއިން އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ފަދަ ހާލަތެއް އަދި ފެންނާކަށެއް ނެތެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ބަލާ ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނަށް 65 އަހަރު ފުރިފައިވާތީ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. މި ބޭފުޅުންގެ އިތުރުން ޕާޓީތަކުގައި އިސްކޮށް، ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ޝަރީއަތްތައް ހިނގަމުން އެބަދެ އެވެ.

އިދިކޮޅު ހަރަކާތްތަކާ ގުޅޭ ގޮތުން މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު ގާސިމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް . --ފޮޓޯ/މިހާރު

އިދިކޮޅު ހަރަކާތްތަކާ ގުޅޭ ގޮތުން މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު ގާސިމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް . --ފޮޓޯ/މިހާރު

ރައްޔިތުން ބަލައިގަންނާނެ އިންތިގާލީ ކެންޑިޑޭޓު ކަނޑައަޅަން އުނދަގޫވަނީ މިހާ ހިސާބުންނެވެ. ހުރިހާ ޕާޓީތަކުން ވެސް އިންތިހާބުގައި ވާދަކުރަން ބޭނުންވާއިރު އެއް ޕާޓީން، އަނެއް ޕާޓީއަށް ދޫދޭނެ ހެއްޔެވެ؟

އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ގަބޫލުކުރައްވާ ގޮތުގައި ނަޝީދު އެ ވިދާޅުވަނީ އެމަނިކުފާނަށް ނުވަތަ ގާސިމަށް އެ ފުރުސަތު ދެއްވާ ވާހަކައެއް ނޫނެވެ. ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކު އިންތިގާލީ މަރުހަލާއަކަށް ގޮސް އޭގެ ފަހުން އިންތިހާބު ބޭއްވުމާ ގުޅޭ މަޝްވަރާތަކުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އެ ކެންޑިޑޭޓަކީ މާ ސިޔާސީ ބޭފުޅަކަށް ވާކަށް ނުޖެހެ އެވެ. އެ މަޝްވަރާތައް ބާއްވަނީ އިދިކޮޅު ހަތަރު ޕާޓީގެ ލީޑަރުންނާއި މެމްބަރުންނަށް ގަބޫލުކުރެވޭ، އަދުލުވެރިކަމާ އެކު މަސައްކަތްކުރާ އަދި ގައުމަށް ބަލައިގަނެވޭނެ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކު ހޮއްވެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އިދިކޮޅުން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ރައީސް ޔާމީން ބަލިކުރެވޭނެ ކަން ކަށަވަރުވާ ކަމަށެވެ. އެއީ، ރައްޔިތުންގެ މެދުގައި އެމަނިކުފާނު ތާއީދު ނެތުމުން ކަމަށާއި ނިމިގެން ދިޔަ އިންތިހާބުތަކުން ވެސް އެކަން ސާފުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ހުށަހަޅުއްވާފައިވާ ގޮތުގައި، ޕާޓީތަކުން ކަނޑައަޅާ ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓު ހޮވާނީ ވޯޓާސް ލިސްޓަކުންނެވެ. އެ ލިސްޓަށް ވޯޓު ދެވިދާނެ ދެ ގޮތެއް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެއްގޮތަކީ އެ ލިސްޓަށް ޕާޓީތަކުން ކަނޑައަޅާ ވަކި ބަޔަކު ވޯޓު ދިނުމެވެ. އަނެއް ގޮތަކީ އެ ލިސްޓު މުޅި ރާއްޖެ އަށް ހުޅުވާލުމެވެ.

މި ދެ ގޮތް އޮތްއިރު، ހުކުމެއްގައި ހުންނެވި ބޭފުޅަކު އިންތިގާލީ ވެރިއަކަށް ގެންނަން ވޯޓު ލިބިއްޖެ ނަމަ އަނެއްކާވެސް ޖެހޭނީ އާ ފޯމިއުލާއަކަށް ދާށެވެ. އެއީ، ހުކުމެއްގައި ހުރި ބޭފުޅަކު އިންތިހާބެއްގައި ވާދަކުރެއްވުމުގެ ޖާގަ ނެތީމަ އެވެ.

އިންތިގާލީ ސަރުކާރަކަށް ގާނޫނީ ހުރަހެއް ނެތް؟

އިންތިގާލީ ސަރުކާރާ ހަމައިން ދެ ވިސްނުމެއް އެބަ އޮތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އިންތިގާލީ މަރުހަލާ ނުވަތަ އިންތިގާލީ ސަރުކާރަކީ ވެސް ގާނޫނުއަސާސީގައި އޮންނަ ކަމެއް ނޫނެވެ. އެހެންކަމުން އެކަމެއް ނުކުރެވޭނެ އެވެ.

މި ވިސްނުމާ ދެކޮޅު ބޭފުޅުން ދައްކަވާ ހުއްޖަތެއް ވެސް އެބަ އޮތެވެ. ގުޅިފައި ތިބި ބަޔަކު ނުވަތަ ޕާޓީތަކަކުން ކެންޑިޑޭޓަކު ނެރޭކަށް ނުވަތަ ވެރިކަން ކުރަން ގާނޫނުއަސާސީ މަނަލެއް ނުކުރެ އެވެ. މި ވިސްނުމުގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ހުރިހާ ޕާޓީތަކުން ކަނޑައަޅާ ލިސްޓުން ހޮވޭ ބޭފުޅާ އިންތިހާބުގައި ވާދަކުރައްވާއިރު، ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެ ކެންޑިޑޭޓް ތަމްސީލްކުރާ ޕާޓީގެ ނަމެވެ. އެ ކެންޑިޑޭޓަށް ވޯޓުދޭން އެއްބަސްވުން އެކުލަވާލަން ޖެހެނީ ޕާޓީތަކުގެ މެދުގަ އެވެ.

ރައީސް ނަޝީދު އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވެސް މިފަދަ ގޮތަކަށް ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެންކަމުން ދެން ވެސް އެފަދަ ކޯލިޝަނަކުން ވެރިކަން ނުކުރެވެންވީ ސަބަބެއް އޮތް ކަމަކަށް އިދިކޮޅު ފަރާތްތަކުން ނުދެކެ އެވެ.

ހުސް ވާހަކަތަކެއް، ބޭނުމަކީ އެންމެ ކަމެއް!

އެއް ކެންޑިޑޭޓަކު ނެރެ، އިންތިގާލީ ސަރުކާރެއް ގާއިމްކުރުމާ ގުޅޭ ގޮތުން ދައްކަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ދެކެވަޑައިގަންނަވާ ގޮތުގައި، ހުސް ވާހަކަތަކެކެވެ.

"މިއުޅެނީ ނަޝީދު ބޭނުންފުޅުވާ ބައެއް ކަހަލަ ކަންތައްތައް ހާސިލްކުރުމަށް،" ނިހާން ވިދާޅުވި އެވެ.

ހެކި ދައްކަވަމުން ވިދާޅުވީ 2008 ގައި ރައީސް މައުމޫން ބަލިކުރައްވަން "ބަދަލަކަށް އެންމެން" ކޯލިޝަން ހަދައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެއްވުމެވެ.

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން، 13 އަހަރުގެ ޖަލު ހުކުމުގައި ހުންނެވި ނަޝީދަށް ވާދަކުރެއްވޭނެ ގާނޫނީ އެއްވެސް މަގެއް ނެތް ކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ދެހާސްއަށެއްގައި ވެސް ނަޝީދަށް ކުރިމަތިލެއްވުނީ އާ ގާނޫނުއަސާސީގެ ދަށުން މައުމޫނަށް ވެސް ކުރިމަތިލެއްވޭ ގޮތް ހަދަން ޖެހުމުން ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ކުރިމަތި ނުލެއްވޭނެ ކަން އެބަ އެނގޭ. ސަރުކާރާ އެކު އެ ޒާތުގެ ޑީލެއް ހެދޭނެ އެއްގޮތެއް ވެސް ނެތް ކަން ނަޝީދަށް އެނގޭ. އެހެންވީމަ ނަޝީދު ބޭނުންވާ ކަހަލަ މީހަކަށް ވެރިކަން ލިބޭތޯ އަދި އެ މީހަކީ އެމްޑީޕީގެ ފަރާތުން އެއްބަސްވެވޭ މީހާތޯ ހަދަން އެމަނިކުފާނު މަސައްކަތް ކުރައްވާނެ. ނަޝީދުގެ އެ ޒާތުގެ އުކުޅުތަކަށް ދިވެހި ރައްޔިތުން ނިކަން ފަރިތަވާނެ،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން 2018 ކެމްޕޭން ހަރަކާތެއްގައި ނިހާން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީން ބަލިކުރެވޭނެ ކެންޑިޑޭޓަކު އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެ ކަަމަށް ވިދާޅުވި. --މިހާރު: ހުސެއިން ވަހީދު

ރައީސް ޔާމީން 2018 ކެމްޕޭން ހަރަކާތެއްގައި ނިހާން ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީން ބަލިކުރެވޭނެ ކެންޑިޑޭޓަކު އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެ ކަަމަށް ވިދާޅުވި. --މިހާރު: ހުސެއިން ވަހީދު

ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކު ނެރުމަކީ މައްސަލައެއް ނޫން ކަމަށް ނިހާން އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު އިންތިގާލީ ސަރުކާރަކީ ރާއްޖޭގެ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ބާއްވަނީ އިންތިހާބެއް ނޫން ކަމަށާއި ހަގީގީ އިންތިހާބު ބާއްވައި ވެރިއަކު ކަނޑައަޅާނީ ފަހުން ކަމަށް ނިންމަން ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އިންތިހާބު ބާއްވާނެ ގޮތް ވެސް ގާނޫނުއަސާސީގައި ތަރުތީބުކޮށްފައި ވަނިކޮށް، ބޭނުން ގޮތަކަށް އެކަން ބަދަލުކުރުމަކީ ގާނޫނީ ހަމައެއްގެ މަތިން އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓުގެ ވާހަކަ ދައްކާއިރު އެކަކު އަނެކަކަށް ދޫކޮށްލާނެ މީހަކު ވެސް އިދިކޮޅު ޕާޓީތަކުގައި ނެތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، އިއްތިހާދުވެގެން އުޅެނީ، ކޮންމެ ބަޔަކު ވެސް އެ ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރާށެވެ.

"ގައުމީ ތަރައްގީ އަށް ރައީސް ޔާމީން މިކުރައްވާ މަސައްކަތާއި އިގްތިސާދު ދުޅަހެޔޮ ކަމަށް ފައްޓާފައި މިހިރަ މަޝްރޫއުތަކަށް ގޮންޖަހާލެވޭނެ ފަދަ އަދި އެފަދަ ވިސްނުންތަކާ އެކު ވަޑައިގަންނަވާނެ ވެރިއަކު ނެތް. ވެރިކަމަށް ކުރިމަތިލާފާނެ ކޮންމެ މީހަކު ވެސް. އެކަމަކު ރައީސް ޔާމީން ބަލިކުރެވޭނެ ވަރުގެ ކެންޑިޑޭޓެއް ނުނެރޭވޭނެ،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީ ސަރުކާރުގައި ކަން ވީ ގޮތް ކުރިއަށް އޮތް ތަނުގައި ވާކަށް ނުޖެހެ އެވެ. ބާރުތައް ވަކިކޮށް، މުއައްސަސާތައް ހަރުދަނާކުރުމުގެ ޒިންމާ، އާ ރައީސް ފުރިހަމަކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވުމުން އާ އިންތިހާބަކަށް ދޮރު ހުޅުވުނީ އެވެ. އެހެންކަމުން ބޭނުންވަނީ މާޒީގެ ތަޖުރިބާ އިން ގައުމުގެ ހެވަށް މަސައްކަތްކުރާނެ ސިޔާސަތެއް ކަމަށް އިދިކޮޅު އެ ބޭފުޅުން ވިދާޅުވެ އެވެ.