Roadha Mihaaru
ޔާމީނަށް ވޯޓު ކާމިޔާބު ވާނެ އެއްގޮތެއް ވެސް ނެތް

ރައީސް ޔާމީނަށް ވޯޓު ކާމިޔާބު ވާނެ ހަމަ އެއްގޮތެއް ވެސް ނެތް، މޮޅުވާނީ އަޅުގަނޑުމެން: ނަޝީދު

25 މާޗް 2017

ސިޔާސީ ގޮތުން އެކި ފިކުރުގެ ލީޑަރުން އެއް މޭޒަކަށް އަރާވަޑައިގަތީ ސިޔާސީ ވަރަށް ގިނަ ތަޖުރިބާތަކަކާ އެކު، ހުރިހާ ޙިލާފުތައް ދޫކޮށްލެއްވުމަށް ފަހު ކަމަށާއި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ގޮތުން އެކި ފިކުރުގެ ލީޑަރުން އެއް މޭޒަކަށް އަރާވަޑައިގަތީ ސިޔާސީ ވަރަށް ގިނަ ތަޖުރިބާތަކަކާ އެކު، ހުރިހާ ޙިލާފުތައް ދޫކޮށްލެއްވުމަށް ފަހު ކަމަށާއި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ބޮޑު ތަފާތަކުން މޮޅުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރުން އެކުލަވާލި އެއްބަސްވުމާއި މަސީހްގެ ވޯޓާ ގުޅޭގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ގުޅިގެން އެކުގައި ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީން އަނާރާ ނައީމް ސޮއިކުރެއްވި އެއްބަސްވުމާ އެއްގޮތަށް، ފުރަތަމަ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ވަކިކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

"އެހެން އޮތް ތަނެއްގައި އަޅުގަނޑަކަށެއް ނުވިސްނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެހެން ފިކުރެއް ގެންގުޅުއްވަފާނެ ކަމަކަށް. އަޅުގަނޑަށް ފެންނަ ތަނުގައި ބޮޑު ތަފާތަކުން އަޅުގަނޑުމެން މޮޅުވާނެ،" މިވަގުތު ސްރީ ލަންކާގައި ހުންނެވި ނަޝީދު ފޯނުން ވިދާޅުވި އެވެ.

ސިޔާސީ ހަޔާތާއި މުސްތަގުބަލަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ބިރުފަހަނާޅައި އެބަދާންޖެހޭ. ބިރު އެއީ ސަބަބެއްގެ ގޮތަށް ދެން ވިދާޅުވާކަށް އަޅުގަނޑަކަށް ނުފެނޭ. --ނަޝީދު
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

މަސީހް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ 42 ވޯޓެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ވެރިކަން ކުރާ ޕީޕީއެމްގައި އޮތްއިރު މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބޭނެ ކަމަށް ރައީސް ޔާމީން ފަޅީގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ނަޝީދު ވިދާޅުވީ، ސޯޝަލް މީޑިއާ އިން މިއަދު ފެނުނު ފޮޓޯ އިން ފެނުނު މަންޒަރު ވެސް ތަފާތު ކަމަށެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ފޮޓޯ އިން ފެނިވަޑައިގަތީ މަސީހް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 41 މެމްބަރުން ކަމަށާއި އޭގެ ތެރެއިން ވެސް ހަ މެމްބަރަކު މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ ވޯޓުގައި މަސީހަށް ވޯޓެއް ނުދެއްވޭނެ އެވެ.

"ފުރަތަމަ ކަމަކަށް އެ އެއްކުރެވުނީ މަސީހު ހިމެނޭ ގޮތަށް 41 މެމްބަރުން. އެއީކީ ވެސް ވޯޓު ހަމަވާ އަދަދެއް ނޫން. ފޮޓޯ އިން ގުނޭ ސާފުކޮށް މަސީހާ ދެކޮޅު ކަމަށް އަޅުގަނޑުމެންނަށް އިތުބާރު ދެއްވާފައި ތިއްބެވި، ވޯޓު ދެއްވާނެ ހައެއްކަ މެމްބަރުން. އެހެންވީމަ އަޅުގަނޑަށް ނުފެނޭ ރައީސް ޔާމީނަށް މި ވޯޓު ކާމިޔާބު ކުރެއްވޭނެ އެއް ތަނެއް ވެސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ގައުމު ފަހަތަށްދާއިރު މަސީހް ވަކިކުރަން ޖެހޭ މައިގަނޑު ސަބަބަކީ ރައީސް ޔާމީން ވެރިކަން ކުރައްވާ އުސޫލާއި ގޮތްތަކަށް ބަދަލު ގެނައުމެވެ. އެއާއެކު އިންސާފުވެރި އިންތިހާބެއް ދިވެހިންނަށް ލިބެން އޮތީ ވެސް އެ ބަދަލު ގެނެސްގެން ކަމަށާއި އެކަން ފަހިކުރަން މަސީހް މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދެހާސްއަށާރައިގެ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ލޯކަލް ކައުންސިލް އިންތިހާބު ވެސް މި ދަނީ ނުބޭއްވި. އަދި ބޭއްވިދާނެ ކަމަކަށެއް ވެސް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން އެބަޖެހޭ އިލެކްޝަންސް ކޮމިޝަނަށް ވެސް ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެން އެބަޖެހޭ މުސްތަގިއްލު މުއައްސަސާތައް ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އެއްބަސްވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތައް ގުޅިގެން އެއްބަސްވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

އިދިކޮޅު ހުރިހާ ލީޑަރުން ވެސް އަމާޒަކީ، ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލިހުން ލިބޭ އަޣުލަބިއްޔަތުގެ ބޭނުން ހިފައި އެ މަސައްކަތްތައް އަވަހަށް ކުރުމެވެ. މި މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ވެސް ބިރުފަހަނާޅައި އެއްބާރުލުން ދެއްވަން ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އެއްގޮތަކަށް ވެސް [މެމްބަރުން] ފަހަތަށް ޖެހިވަޑައިނުގަންނަވާ. އަޅުގަނޑުމެން އެންމެންނަކީ ވެސް ތަސައްރަފް ފުދިފައި ތިބި މީހުން. ބިރަކީ ގަތީމަ ގަތް އެއްޗެއް. އަޅުގަނޑު އިންތިހާ އަށް ތައާރަފްކުރަން، ފާރިސް ގައްޔޫމްގެ އެ ހުރި ހިތްވަރާއި ބިރުގަތުން ނެތި ކަންކަމުގައި ކުރިމަތިލައްވައިގެން ވަޑައިގަންނަވާކަން. އެގޮތަށް ވަޑައިގަތީމަ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ލީޑަރުން ކަން، ފާހަގަވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ހަޔާތާއި މުސްތަގުބަލަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ބިރުފަހަނާޅައި އެބަދާންޖެހޭ. ބިރު އެއީ ސަބަބެއްގެ ގޮތަށް ދެން ވިދާޅުވާކަށް އަޅުގަނޑަކަށް ނުފެނޭ."

އެމަނިކުފާނު ވިދާޅުވީ ސިޔާސީ އެކި ފިކުރުގެ ބޭފުޅުން އެއްބަސްވުމަކަށް އައީ، ވަރަށް ގިނަ ތަޖުރިބާތަކަކާ އެކުގައި ކަމަށެވެ.

"އަޅުގަނޑަށް ވެސް ރައީސް މައުމޫނަށް ވެސް އޮނަރަބަލް ގާސިމަށް ވެސް ޝޭހް އިމްރާނަށް ވެސް. އަދި އަޅުގަނޑުމެން ހަތަރު ޕާޓީގެ އާއްމު މެމްބަރުންނަށް ވެސް. އަޅުގަނޑުމެން އެންމެންނަށް ވެސް މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ، އެކިއެކި ކަންކަމާ ދިމާވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.

އެ ލިބުނު ދަރުސްތަކުން ފިލާވަޅު ލިބި، މަސީހުގެ ވޯޓާއި ކުރިއަށް އޮތް ތަނުގައި ވެސް އެކުގައި މަސައްކަތްކޮށް ދިވެހިންނާއި ދިވެހިރާއްޖެ އަށް ހަރުދަނާ ޑިމޮކްރެޓިކް އުސޫލްތަކެއް ގެނެވެން ދެން އެކުގައި ތިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގައުމު ހެޔޮގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ސިޔާސީ ހުރިހާ ލީޑަރުން ވެސް އެބަ ބޭނުންވޭ. އަޅުގަނޑުމެން ވަރަށް ގިނަ ހިލާފުތައް ހުރި ބަޔަކު އެ ހިލާފުތައް ދޫކޮށް އަޅުގަނޑުމެން މިތިބީ އެއް މޭޒެއްގެ ދަށުގައި. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް އަޅުގަނޑުމެންނާ އެކުގައި މި މަސައްކަތުގައި ތިއްބެވުމަށް،" ނަޝީދު ވިދާޅުވި އެވެ.