Roadha Mihaaru
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ

އަމީނީ މަގުގައި މިހާރު ހަދަމުން އަންނަ ބައިގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ

23 މެއި 2023

ސްޓެލްކޯ އިމާރާތާ ކައިރިން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްޓެލްކޯ އިމާރާތާ ކައިރިން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހިސާބަށް އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތައްޔާރުވެއްޖެ އެވެ.

އެ ދުވަހު އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަން އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ކަށަވަރުކޮށްދިނެވެ.

މި ފަހަރު އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ އާރުޑީސީން އަމިއްލަ އަށެވެ. އެ ކުންފުނީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް މާލެއިން ނުލިބިގެން ކުރިން އެ މަގުގައި ތާރު އަޅަައި ދިނީ އެމްޓީސީސީންނެވެ. އޭގެ ފަހުން، މިދިޔަ މަހު ސަރުކާރުން ވަނީ އާރުޑީސީގެ ތާރު މެޝިން ބަހައްޓަން ހުޅުމާލެ އިން ބިމެއް ދީފަ އެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިމާރާތާ ކައިރިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް، މަގުގެ އަޑިން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު އޮތީ ނިންމާލައިފަ އެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.