Roadha Mihaaru
24 ގަޑިއިރު މަސައްކަތް ކުރަން ވެސް އާރުޑީސީ ތައްޔާރު

ރާވާފައި ވަނީ 24 ގަޑިއިރު މަސައްކަތް ކޮށްގެން ވިޔަސް އަމީނީ މަގު ނިންމޭ ގޮތަށް: އާރުޑީސީ

22 ނޮވެމްބަރ 2022

މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނަސް، އެ ކަމަށް ތައްޔާރަށް އޮތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނަސް، އެ ކަމަށް ތައްޔާރަށް އޮތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން މި ސަރުކާރުން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން އާރުޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން އެ ހަދަނީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން ކަމަށެވެ.

"އަމީނީމަގުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަން ޖެހުނު ނަމަވެސް، އެ މަސައްކަތް ކުރެވޭނެ ގޮތްތައް ވަނީ ރޭވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: އެ ސަރަހައްދުގެ މަސައްކަތް ނިންމައި، ތާރު ނޭޅި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: އެ ސަރަހައްދުގެ މަސައްކަތް ނިންމައި، ތާރު ނޭޅި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ލަސްވާ މައްސަލާގައި "މިހާރު" ގައި މިއަދު ޖެހި ޚަބަރާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކުން ދިފާއުވާން އާރުޑީސީން ނެރުނު ބަޔާނުގައި ބުނީ އެ މަސައްކަތް ލަސްވަނީ އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުނު ލަސްވެގެން ކަމަށެވެ. އެ ވަސީލަތްތައް ލިބެންދެން މަސައްކަތް މަޑުޖައްސާލަން ޕްލޭނިން މިނިސްޓްރީން އެދިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އަމީނީ މަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ގާތްގަނޑަކަށް އަމީނީ މަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ޕޭވިންގެ މަސައްކަތްތަކާއި ދެން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި، މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅަން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އަމީނީ މަގުގައި ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލް ހުންނަ ހިސާބަށް ޕޭވިންގެ މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ.

ތާރު އަޅަން ނުފެށިޔަސް، ޕޭވިންގެ މަސައްކަތް ނިމޭވަރަކުން އެ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ.