މާލޭގެ އަމީނީ މަގުގެ ތާރުގަނޑުން ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އާރުޑީސީން މިއަދު ފަށައިފި އެވެ.
11 ޖެނުއަރީ 2025
މާލޭގެ އަމީނީ މަގުގެ ތާރުގަނޑުން ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އާރުޑީސީން މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ އަމީނީ މަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅާފައިވާ ހިސާބަށް ގެއްލުން ވެފައި ހުރުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަމީނީމަގުގެ ތާރުގަނޑުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާރުޑީސީގެ މުވައްޒަފުން މިއަދު ވަނީ ހަލާކުވެފައި އޮތް ސަރަހައްދުގެ ތާރުގަނޑު ކަފައިގެން ނަގައިފަ އެވެ. މަގު އެއްވަރުކޮށް، އެ ތަނުގައި އަލުން ތާރު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ވަނީ ފަށައިފަ އެވެ.
އާރުޑީސީއާ ހަވާލު ކޮށްގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމީނީ މަގު ހަދަން ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި އެ މަގު އެއްކޮށް ހުޅުވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އަމީނީމަގުގެ ތާރުގަނޑުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމީނީ މަގުގައި އިސްކަންދަރު ކޮއްޓާ ހިސާބުން ސްޓޭޑިއަމް ފަޅީގެ ބޮޑުބައެއްގެ ތާރުގަނޑު އޮތީ އަޑިގުޑަން ވެފަ އެވެ. ތާރުގަނޑުގެ ބައެއް ހިސާބުތަކުން ވަރަށް ބޮޑަށް އަޑިވެ، ވަޅުގަނޑުތައް ހެދިފައި ހުރި އިރު މަގުގެ މެދަށް ވުރެ އެއް ފަރާތުގެ ތާރުގަނޑު މާބޮޑަށް އޮތީ އަޑިވެފަ އެވެ.
ތާރު އަޅައިގެން އަމީނީ މަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި، އަދި ދެރަ މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ކޮށްފައި ވެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. ޗައިނާގެ ޓެކްނިކަލް ޓީމެއް ވެސް މިދިޔަ އަހަރު ފަހުކޮޅު މާލެ އައިސް ވަނީ މަގުތަކުގެ ހާލަތު ބަލައި ފީސިބިލީޓި ސްޓަޑީ ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، ޗައިނާގެ އެހީގައި މި ބޮޑު ޕްރޮޖެކްޓާ އެކު މާލޭ މަގުތައް މިހާރު ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ އާއި އެހެން މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް އަންނާނެ އެވެ.
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް
ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އަށް
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
އަމީނީމަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ބަންދުކޮށްފި
އަމީނީ މަގުގައި ބުރާސްފަތި ދުވަހު ތާރު އަޅަން ފަށަނީ
އަމީނީމަގުގެ ތާރު އަޅާ މެޝިން ހުޅުމާލޭގައި ބަހައްޓައިފި
އަމީނީމަގުގެ ކޭބަލަކަށް ގެއްލުންވެ، ކަރަންޓް ކެނޑިއްޖެ