Roadha Mihaaru
އެމްއާރުޕީއަށް އަމަލުނުކުރެވިި، ދިގުލައިގެން ހިނގައްޖެ

އެމްއާރުޕީ ތަންފީޒުނުކުރެވި، ދިގުލައިގެން ހިނގައްޖެ

24 މެއި 2023

ބޭހުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ކަނޑައެޅި މުއްދަތުތައް ފަހަނައަޅައި، ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭހުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ކަނޑައެޅި މުއްދަތުތައް ފަހަނައަޅައި، ދިގުލައިގެން ހިނގައްޖެ އެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ޖެހެ އެވެ. އެހެންވެ، އެ މަސައްކަތް ސަރުކާރުން ފަށައި މުއްދަތުތަކެއް ވެސް އިއުލާނުކުރި އެވެ.

ނަމަވެސް، އެ ވަގުތުތައް ފަހަނައަޅައި ދިޔައިރު ވެސް، ފާމަސީތައް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާ ހެދި އެމްއާރުޕީ އަށް އަމަލެއް ނުކުރެވުނެވެ. އެކަން ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސް އޮފީހުން އިސްވެ އަންނަނީ ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްއާރުޕީ ތަންފީޒުކުރާނެ ގޮތެއް އަދިވެސް ނުނިންމެ އެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނޮވެމްބަރު، 2021 ގައި ނެރުނު ގަވާއިދު ބުނީ ކޮސްޓް ޕްރައިސްގެ 100 ޕަސެންޓު ފައިދާ ލުމަށް ފަހު އަސާސީ 357 ބޭހެއްގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވައްސަށް މިދިޔަ އަހަރުގެ ޖެނުއަރީ އެކެއްގައި އަމަލުކުރަން ފަށާނެ ކަމަށެވެ.

އެއަށްފަހު، ޖުލައި، 2022 އިން ފެށިގެން ދެން ހުރި ބޭސްތަކުގެ އަގު ވެސް ކޮންޓްރޯލް ކުރާނެ ކަމަށް ކުރިން އިއުލާންކުރި އެވެ.

އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް ފާމަސީއެއް ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބެ އެވެ.

އެމްއާރުޕީއަށް މިދިޔަ އަހަރު އަމަލުކުރަން ފަށަން ނިންމި އެއް ސަބަބަކީ ވެސް އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށެވެ.

ބަޖެޓުގައިވާ ގޮތުން 2014 ވަނަ އަހަރު ބޭހަށް 251 މިލިއަން ރުފިޔާ ހަރަދުކުރިއިރު 2020 ވަނަ އަހަރު އެ އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 ޕަސެންޓުގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 ޕަސެންޓުގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ.

މި ގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް މަޖިލީހަށް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ. އެހެންވެ، އެމްއާރުޕީއަށް އަމަލުކުރަން ފެށުމުން އާސަންދައިގެ ބަޖެޓުން 200 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ކުރިން އަންދާޒާކުރި އެވެ.