Roadha Mihaaru
ތިމާވެއްޓަށްޓަކައި ފްރާންސުން ވައިގެ ދަތުރު މަދުކުރަނީ

ތިމާވެއްޓަށްޓަކައި ފްރާންސުން ވައިގެ ކުރު ދަތުރުތައް މަދުކުރަނީ

24 މެއި 2023

މަތިންދާބޯޓުތަކުގެ ދަތުރުތަކުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ފްރާންސްގެ އެތެރޭގައި ވައިގެ މަގުން ކުރާ ކުރު ދަތުރުތައް ހުއްޓާލައި، އޭގެ ބަދަލުގައި ރޭލު ދަތުރުތައް އިތުރުކޮށްފި އެވެ.

މަތިންދާބޯޓުތަކުގެ ދަތުރުތަކުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ފްރާންސްގެ އެތެރޭގައި ވައިގެ މަގުން ކުރާ ކުރު ދަތުރުތައް ހުއްޓާލައި، އޭގެ ބަދަލުގައި ރޭލު ދަތުރުތައް އިތުރުކޮށްފި އެވެ.

ފަރަންސޭސި ސަރުކާރުން އިއުލާންކުރި ގޮތުގައި ޝޯޓް ހޯލް ފްލައިޓް (30 މިނެޓާއި 3 ގަޑިއިރާ ދެމެދުގެ) ދަތުރުތައް ހުއްޓައިލީ، ތިމާވެށީގެ ހިމާޔަތުގައި މީގެ ދެ އަހަރު ކުރިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިއްޔެ އިން ފެށިގެންނެވެ. އެ ގާނޫނުގައިވާ ގޮތުން، ރޭލުގައި ދެ ގަޑިއިރާއި 30 މިނެޓުން ދަތުރުކުރެވޭ ދުރުމިނުގައި ހުންނަ ތަންތަނަށް، ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓައިލަންޖެހެ އެވެ.

އެ ފަދަ ދަތުރުތައް ހުއްޓައިލުމާ އެކު، އެ ސަރަހައްދުތަކަށް ދަތުރުކުރުމަށް އިތުރު ރޭލުތައް މިހާރު ވަނީ ޚިދުމަތަށް ނެރެފަ އެވެ. އެތެރޭގެ ކުރު ދަތުރުތައް ހުއްޓައިލި ނަމަވެސް، ވެރިރަށް ޕެރިހާއި އެހެން ސަރަހައްދުތަކާ ދެމެދު ކުރާ ދަތުރުތައް ހުއްޓައެއްނުލާނެ އެވެ. ސަބަބެއް ކަމަށް ފަރަންސޭސި ސަރުކާރުން ބުނީ އެ ދަތުރުތައް ހުއްޓާލައިފި ނަމަ، ޕެރިހާއި ބައިނަލްއަގުވާމީ އެހެން މަންޒިލްތަކާ ދެމެދު ކުރާ ވައިގެ ދަތުރުތަކަށް ބުރޫ އަރައިފާނެތީ އެވެ.

ފަރަންސޭސި ވިލާތުގެ ރޭލެއް

ފަރަންސޭސި ވިލާތުގެ ރޭލެއް

ސަރުކާރުގެ މި ނިންމުމަށް ވިޔަފާރިވެރިންގެ ފަރާތުން ފާޑުކިޔުން ކުރިމަތިވެފައިވާ އިރު، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން އަންނަނީ ތައުރީފު ކުރަމުންނެވެ. ބައެއް އަމިއްލަ އެއާލައިންތަކުން ބުނި ގޮތުގައި، ވައިގެ މަގުން ކުރާ ކުރު ދަތުރުތައް ހުއްޓައިލިޔަސް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ހާސިލުކުރެވޭނީ ވަރަށް ކުޑަ ނަތީޖާއެކެވެ.

ޗައިނާ އިން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުމަށް ފަހު 2021 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުން ދިޔަ ކޮވިޑް-19ގެ ވަބާއާ ގުޅިގެން، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތަކަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. ފްލައިޓްރާޑާ24 ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، ކޮވިޑްގެ ނުރައްކާ ކިތަންމެ ކުޑަވެފައި ވިޔަސް، މިދިޔަ އަހަރުގެ ތެރޭގައި މުޅި ދުނިޔޭގައި ކުރި ވައިގެ ދަތުރުތަކުގެ ނިސްބަތް ހުރީ، 2019 ވަނަ އަހަރަށް ވުރެ 42 ޕަސެންޓް ދަށުގަ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަނީ 2019 ވަނަ އަހަރު، އާންމު ރައްޔިތުންގެ 150 މީހުން ހިމަނައިގެން ޚާއްސަ ޖަމާއަތެއް އުފައްދައިފަ އެވެ. އެ ޖަމާއަތުން ސަރުކާރަށް ލަފާ ދީފައި އޮތީ، ރޭލުގައި ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ދަތުރުކުރެވޭ ދޭދޭ މަންޒިލްތަކުގެ މެދުގައި، ވައިގެ ދަތުރުތައް ނުބޭއްވުމަށެވެ.

ނަމަވެސް ބައެއް ވިޔަފާރިވެރި ކުންފުނިތަކުންނާއި ބައެއް އެއާލައިންތަކުން ދެކޮޅު ހެދުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުން ގާނޫނު ފާސްކުރި އިރު އެ ދުރުމިން އޮތީ ދެ ގަޑިއިރާއި 30 މިނެޓަށް ކުރު ކޮށްފަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެއް ދުރުމިނަކަށް ކުރާ ރޭލު ދަތުރާއި މަތިންދާބޯޓުގެ ދަތުރަށް ބަލާއިރު، މަތިންދާބޯޓުގެ ދަތުރުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު، ރޭލު ދަތުރަށް ވުރެ 77 ޕަސެންޓް އިތުރެވެ. ނަމަވެސް އެ ދުރުމިނަށް ރޭލުގައި ކުރާ ދަތުރުގެ ޚަރަދު، ވައިގެ ދަތުރަށް ވުރެ މާ ބޮޑަށް ކުޑައެވެ. އަދި ވަގުތުގެ ގޮތުން ބަލާއިރު، ވައިގެ ދަތުރަށް ވުރެ ރޭލުގެ ދަތުރު އިތުރުވަނީ އެންމެ 40 މިނެޓް ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.