Roadha Mihaaru
އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް

އިންޑިއާ، ޕާކިސްތާންގެ ހޫނަކީ ކުރިމަގަށް އިންޒާރެއް

09 މެއި 2022

އިންޑިޔާ އާއި ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުން ކުރިމަގުގައި ތަހައްމަލުކުރަންޖެހިދާނެ ދަތި އުނދަގޫތައް ވަޒަންކޮށްދޭ އިންޒާރެއް ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އިންޑިޔާ އާއި ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުން ކުރިމަގުގައި ތަހައްމަލުކުރަންޖެހިދާނެ ދަތި އުނދަގޫތައް ވަޒަންކޮށްދޭ އިންޒާރެއް ކަމަށް މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އެ ދެ ގައުމުގެ މޫސުމާއި ތިމާވެއްޓާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މި ދުވަސްވަރު ހޫނުމިނަށް އައިސްފައިވާ ބަދަލުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ. އިންޑިއާގެ ހުޅަނގުއުތުރާއި މެދުތެރޭ ސަރަހައްދުގެ ހޫނުމިން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ހުރީ، މިދިޔަ 122 އަހަރުގެ ތެރޭގައި ވެސް އެޕްރީލް މަހެއްގެ ތެރޭގައި ހޫނުމިން މައްޗަށް ނުދާހާ މަތީ މިންވަރެއްގަ އެވެ.

އިންޑިއާ ސަރަހައްދުގެ ހޫނުމިން މަތިވެފައިވަނީ އެ ސަރަހައްދުގައި އުފެދިފައިވާ ހައި ޕްރެޝަރު ސިސްޓަމެއްގެ ސަބަބުން ކަމަށް ވާއިރު، އެ ހޫނުކަން ވަނީ ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވެސް ފެތުރިފަ އެވެ. ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި މި ދިޔަ އެޕްރީލް މަހުގެ ތެރޭގައި ހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއެސް އަށް މައްޗަށް ގޮސްފަ އެވެ.

އެ ދެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިދިޔަ އެޕްރީލް މަހުގެ ދުވާލުގެ ވަގުތުތަކުގައި ހޫނުމިން ހުރީ، އެވްރެޖްކޮށް އަހަރުގެ ދުވާލުގެ ވަގުތުގައި އާންމުކޮށް ހޫނުމިން ހުންނަ މިންވަރަށް ވުރެ 5-8 ޑިގްރީ ސެލްސިއަސް މަތީގަ އެވެ. ހޫނުމިން މިހާ މައްޗަށް ދާއިރު، އެފަދަ ހޫނުމިނުގެ ތެރޭގައި އިންސާނުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދޭ ފަދަ ގާބިލްކަން އެ ދެ ގައުމުގައި ހުރިތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރު ޕެޓެރީ ޓާލަސް ދާދި ފަހުން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އިންޑިޔާ އާއި ޕާކިސްތާނުގެ ހޫނުމިނަށް އެފަދަ ބަދަލުތަކެއް އަތުވެދާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނެވެ. އަދި މިއަހަރުގެ ތެރޭގައި އެ ދެ ގައުމަށް ހޫނު ރޯޅިތައް އަންނަން މި ފެށީ، އެހެން އަހަރުތަކުގައި ހޫނު ރޯޅިތައް އަންނަ ދުވަސްވަރަށް ވުރެ މާއަވަހަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން، އިންޑިއާ ސަރުކާރުން ދާދި ފަހުން ހެދި ދިރާސާއަކަށް ފަހު އެކުލަވައިލި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ހޫނުމިން މައްޗަށް ދުވަސްތައް، އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ ތެރޭގައި އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެންމެ ހޫނު ދުވާލާއި އެންމެ ހޫނު ރޭގަނޑާއި އެންމެ ފިނި ރޭގަނޑުގެ ފިނިހޫނުމިން މިހާރު މައްޗަށް ޖެހިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ހޫނު މޫސުން ފެށުމުގެ ކުރިން ހޫނު ރޯޅިތައް އުފެދޭ ނިސްބަތް، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ. ޖައްވަށް ދޫކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު އިތުރުވުމާއި އޭގެ ސަބަބުން ފިނިހޫނުމިން މައްޗަށް ގޮސް، ފެން ދައުރުވުމުގެ (ވާރޭ ވެހުމުގެ) ނިޒާމަށް ބުރޫއަރައި މޫސުމަށް ބަދަލުތައް އައުމުގެ ސަބަބުން، ތިމާވެށީގެ ހާލަތު އެއްގޮތެއްގައި ނުހިފެހެއްޓި ބަދަލުވުމަށް މެދުވެރިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިޔާ އާއި ޕާކިސްތާން އަދި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގެ މީހުންގެ ދިރިއުޅުން ބަރޯސާވަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ގަސްހެއްދުން ފަދަ އެހެން މަސައްކަތްތަކަށް ކަމަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އެފަދަ މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.