Roadha Mihaaru
މިކުރެވޭ ކަމަކީ އަމިއްލަ ކަށްވަޅު އަމިއްލައަށް ކޮނުން

މިކުރެވޭ ކަމަކީ އަމިއްލަ ކަށްވަޅު އަމިއްލައަށް ކޮނުން: ގުޓަރޭސް

02 ނޮވެމްބަރ 2021

މިހާރު މި ބިންމަތީގައި އުޅޭ އިންސާނުން، ދުނިޔޭގެ ތިމާވެށި ބަދަލުވާ އަމަލުތަކެއް ހިންގުމަކީ، އިންސާނުން އަމިއްލަ އަށް އިންސާނުންގެ ކަށްވަޅު ކޮނުން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

މިހާރު މި ބިންމަތީގައި އުޅޭ އިންސާނުން، ދުނިޔޭގެ ތިމާވެށި ބަދަލުވާ އަމަލުތަކެއް ހިންގުމަކީ، އިންސާނުން އަމިއްލަ އަށް އިންސާނުންގެ ކަށްވަޅު ކޮނުން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑްގެ ގްލެސްގޯގައި އިއްޔެ ފެށި، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި، ގުޓަރެސް ވިދާޅުވީ، އަހަރެމެންގެ އަމިއްލަ އަތްތަކުން އަހަރެމެންގެ ވަށައިގެންވާ މާހައުލީ ނިޒާމަށް ދޭ ގެއްލުންތަކަކީ، އިންސާނީ ދަރިފަސްކޮޅު ނެތިދިއުމަށް މަގުފަހިކުރާ ކަންތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އަލުން އިއާދަ ނުކުރެވޭ މިންވަރަށް ދުނިޔޭގެ ތިމާވެށި ހަލާކުވެފައިވާ ކަމުގެ، އިންޒާރުގެ ބަރުގޮނު މިހާރު ވެސް އަޅަމުންދާ ކަމަށެވެ. އަދި ދުނިޔެ އަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ، މިބިންމަތީގައި އުޅޭ އިންސާނުންނަށް މި ބިން އޭގެ ޒާތުގައި ދޭ ވަރަށް މުހިންމު މެސެޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތަރައްގީ އަށް، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށެވެ. އެއީ ތިމާވެށީގެ ހިމާޔަތަށް ދޭ އެހީ ކަމުގައި ވިޔަސް ނުވަތަ އެނޫން ގޮތަކުން ދޭ އެހީތެރިކަން ކަމުގައި ވިޔަސް، އިތުރު އެހީތެރިކަން ލިބިގެން ނޫނީ، މި މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިމުން ނަގާ ތެލަށް އަހަރެމެން ދެވި ހިފާފައި ހުރި ވަރުން، މުޅި އިންސާނީ ދަރިފަސްކޮޅު މިހާރު މިއޮތީ، ނުރައްކާތެރި ވަޅުގަނޑެއްގެ ތުންފަތް މަތީގައި ކަމަށް ސިފަކުރައްވަމުން، އޭނާ ވިދާޅުވެ، އަހަރެމެން އެ ބާވަތުގެ ތެޔޮ އެންދުން ހުއްޓާނުލައިފި ނަމަ، އެ ކަމުގެ ސަބަބުން އަހަރެމެން ނިމިގެންދާނެ ކަމަށެވެ.

ނޮވެމްބަރ 1، 2021؛ އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26، ގެ ހަވާސާގައި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން (މ) އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (ކ) ޕަލާއޫގެ ރައީސް ސުރަންގޭލް ވިޕްސްއާ އެކު ސެލްފީއެއް ނަންގަވަނީ. --އޭއެފްޕީ

ނޮވެމްބަރ 1، 2021؛ އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26، ގެ ހަވާސާގައި، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން (މ) އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (ކ) ޕަލާއޫގެ ރައީސް ސުރަންގޭލް ވިޕްސްއާ އެކު ސެލްފީއެއް ނަންގަވަނީ. --އޭއެފްޕީ

"މިއީ ފުދިއްޖެއޭ ބުނަންވީ ވަގުތު. ފުދޭ ވަރަށް ދުނިޔޭގެ ދިރުންތަކަށް ގެއްލުންދެވިއްޖެ. ކާބަންގެ ޒަރީއާއިން ފުދޭ ވަރަށް އަހަރެމެންގެ ނަފްސުތައް މެރިއްޖެ. އަހަރެމެންގެ ގުދުރަތީ މާހައުލާ މެދު ގިފިއްޔެއް ފަދައިން މުއާމަލާތުކުރުން ފުދިއްޖެ. ތެޔޮ އެންދުމާއި، ތެޔޮ ހޯދަން ކޮނުމާއި، ބޯޓު ދެއްޔަށް ކޮނުން ވެސް ފުދިއްޖެ. އަހަރެމެންގެ އަމިއްލަ އަތުން މި ކޮންނަނީ އަހަރެމެންގެ އަމިއްލަ ކަށްވަޅު،" ގުޓަރެސް ވިދާޅުވި އެވެ.

"ޒުވާނުންނަށް މިކަން އެބަ އެނގޭ. ހުރިހާ ގައުމަކަށް މި މަންޒަރު އެބަ ފެނޭ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް، އަދި އެނޫން ނާޒުކު ހާލަތުގައި ހުރި ގައުމުތައް ވެސް ދިރިއުޅެމުން އެދަނީ، މިނުރައްކަލުގެ ތެރޭގައި. މިކަމުގައި ދުނިޔެ ފެއިލްވުމަކީ އެ ގައުމުތަކަށް އޮތް އިޚުތިޔާރެއް ނޫން. ފެއިލްވުމަކީ، އެ ގައުމުތަކަށް އިއްވޭ މަރުގެ އަދަބެއް."

އޭނާ ވިދާޅުވީ މިހާރު ދުނިޔެ ހޫނުވަމުންދާ މިންވަރު ދަށްކޮށް ދުނިޔެ ސަލާމަތް ކުރެވޭނީ، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން މިހާރަށް ވުރެ އީޖާބީ ގޮތެއްގައި މަސައްކަތް ކޮށްގެންނެވެ. ސަބަބަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 80 ޕަސެންޓް ގޭސް ބޭރުކުރަނީ، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުންނެވެ.