Roadha Mihaaru
ފުއްގިރި މައްސަލަ:ތަހުގީގު ފައިލްތައް ދޭން އަންގައިފި

ފުއްގިރި މައްސަލާގެ ހެކިބަސް ނެގުން ފަސްކޮށް، ތަހުގީގު ފައިލްތައް ހާމަކުރަން އަންގައިފި

25 މެއި 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި، ތަހުގީގު ފައިލްތައް ދިފާއީ ވަކީލުންނަށް ބެލުމުގެ ފުރުސަތު ދޭން ދައުލަތަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި، ތަހުގީގު ފައިލްތައް ދިފާއީ ވަކީލުންނަށް ބެލުމުގެ ފުރުސަތު ދޭން ދައުލަތަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

ވ. އާރަށް މައްސަލައާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން އެދިވަޑައިގަތީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ރިޔާސީ ކޮމިޝަންގައި މައްސަލާގެ ތަހުގީގު ފައިލްތައް ހޯދުމަށެވެ. އަދި އެތަކެތި އެދިއްޖެނަމަ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނިގޮތުގައި އެކަމަށް އެދެން ޖެހޭނީ ޝަރީއަތުގެ ކުރީގެ މަރުހަލާގަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު ވެސް އެ ލިޔުންތައް ބެލުމުގެ ފުރުސަތު ދެވިދާނެ ކަމަށެވެ. އަދި ފަސް ދުވަސް ތެރޭގައި އެ ފައިލްތައް ދައުލަތުން ހޯދުމަށްފަހު ފައިލްތަކުގެ އަސްލު ހިފައިގެން ކޯޓަށް ހާޒިރުވާން ގާޒީ އެންގެވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އެއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލާގެ ތަހުގީގު ހިންގާފައިވާނީ ރިޔާސީ ކޮމިޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ތަހުގީގުން ހޯދި ހުރިހާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކަނޑައެޅުމަށެވެ.

ދައުލަތުން ބުނީ ކޮރަޕްޝަނާއި ނުފޫޒު ބޭނުންކުރުމުގެ މައްސަލަ ރިޔާސީ ކޮމިޝަނަށް ބެލުނަސް، އެ މައްްސަލާގައި ދައުވާކުރާ މަނީ ލޯންޑްރިންގެ ކުށްތައް ބެލުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ނޯންނަ ކަމަށެވެ. އަދި ރިޝްވަތުގެ ކުށް ތަހުގީގު ކުރުމުގެ ބާރު އޮންނަނީ އޭސީސީއަށް ކަމަށް ދައުލަތުން ބުންޏެވެ.

ޖަލުގައި ހުންނަވައިގެން ކުރީގެ އަޑުއެހުމެއްގައި ޔާމީން ބައިވެރިވަޑައިގަންނަވަނީ

ޖަލުގައި ހުންނަވައިގެން ކުރީގެ އަޑުއެހުމެއްގައި ޔާމީން ބައިވެރިވަޑައިގަންނަވަނީ

ދައުލަތުން ބުނިގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެން އެ މައްސަލަ ތަހުގީގުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ޖޮއިންޓް ތަހުގީގެއް ހިންގުމަށެވެ.

އަމިއްލަފުޅަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ މައްސަލާގެ ތަހުގީގު ހިންގާފައިވަނީ ތަހުގީގީ އިދާރާއަކީ ކޮބައިކަން ނޭނގޭ ގޮތަށް އޮޅުންބޮޅުންތަކެއްގެ ތެރެއިން ކަމަށެވެ. އެހެންވެ، ތަހުގީގު ހިންގާފައިވަނީ ފުރިހަމައަށް ހައްގުތައް ނުލިބޭ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ދެން ހުށަހެޅީ ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވީ ބޭންކިން ގާނޫނު އޮތްގޮތުން ކޯޓު އަމުރެއް ނެތި ހޯދޭނީ އެކައުންޓްތަކުގެ ބާވަތްތަކުގެ މައުލޫމާތު އެކަނި ކަމަށާއި އަދި އެކައުންޓްތަކުގެ މުއާމަލާތްތައް ބެލޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ކޯޓު އަމުރެއް ނެތި މީހުންގެ މުއާމަލާތްތައް ބެލޭނަމަ އެތައް ބައެއްގެ ހައްގުތަކަށް އަސަރު ކުރާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ބުނީ ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ލިޔުމުން އެދިގެން ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލަށް ހޯދޭނެ ކަމަށް ގާނޫނުގައި ބުނާއިރު އެ މާނައިގެ ތެރޭގައި އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް ބެލުން ވެސް ހިމެނޭ ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި އެކައުންޓް ސްޓޭޓްމަންޓްތައް ހޯދީ ގާނޫނާ ހިލާފަށް ހޯދި ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، ހެޔޮ ނިޔަތުގައި ހޯދާ ހެއްކެއް ސައްހަވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ އެ ހެކިތައް ސައްހަވާނެ އެވެ.

އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރިން ތުހުމަތު ކުރެވުނު ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލާގައި އެމަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް ހޯދުމަށްފަހު އެކައުންޓްގައި ހުރި ފައިސާގެ އަދަދު ނޫސް ބަޔާނެއް މެދުވެރިކޮށް އާންމުންނަށް ފުލުހުން ހާމަކުރި ކަމަށެވެ.

އެއީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް އަދިވެސް އެމަނިކުފާނަށް ގާނޫނީ ހައްލެއް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މީހުންގެ އެކައުންޓްތަކުން ކުރާ މުއާމަލާތްތަކުގެ ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ނުހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލާގައި ހެކިބަސް ނެގުން ކުރިއަށް ގެންދަން މިއަދު ތާވަލް ކުރިޔަސް، ދިފާއުން އިތުރު ހުށަހެޅުންތަކެއް ހުށަހެޅުމުން އެކަމާ މެދު ވާހަކަ ދެއްކުމަށާއި ގޮތެއް ނިންމުމަށްޓަކައި ހެކިބަސް ނެގުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް ބާއްވާނެ އެވެ.

ޔާމީންގެ ޖަލު ހުކުމުގެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފް ކުރައްވައިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން އަދި ނުފަށަ އެވެ.