Roadha Mihaaru
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ

ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ

26 މެއި 2023

މެންޗެސްޓާ (މެއި 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-4 އިން ޗެލްސީ ބަލިކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ޔަގީން ކުރުމުން، ވާދަވެރި ލިވަޕޫލަށް ޔޫރޮޕާ ލީގު ކުޅެން ޖެހިއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (މެއި 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-4 އިން ޗެލްސީ ބަލިކޮށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ޔަގީން ކުރުމުން، ވާދަވެރި ލިވަޕޫލަށް ޔޫރޮޕާ ލީގު ކުޅެން ޖެހިއްޖެ އެވެ.

ލީގުގެ ފަހު މެޗުތައް އާދީއްތަ ދުވަހު ކުޅޭއިރު މިހާރު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ ހަތަރު ޓީމު ކަށަވަރުވެފަ އެވެ. އެއީ ޔުނައިޓެޑްގެ އިތުރުން ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެ ވަނަ ހޯދި އާސެނަލްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑެވެ.

ޔުނައިޓެޑް މިހާރު ވަނީ 72 ޕޮއިންޓް ހޯދައި ތިން ވަނަ މަގާމަށް އަރައިފަ އެވެ. ނިއުކާސަލް 70 ޕޮއިންޓާ އެކު އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގައި އާދީއްތަ ދުވަހު ފުލަމް ބަލިކޮށްގެން ޔުނައިޓެޑަށް ލީގުގެ ތިން ވަނަ ކަށަވަރު ކުރެވޭނެ އެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގަށް ސޮއްސާލި ލިވަޕޫލް އޮތީ 66 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ބާކީ މެޗުގައި ރެލިގޭޓް ވެފައިވާ ސައުތެމްޓަން ބަލިކޮށްގެން ވެސް ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަތެއް ނުވާނެ އެވެ. ފަސް ވަނައާ އެކު ލިވަޕޫލް ވާދަކުރާނީ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގަ އެވެ.

ލިވަޕޫލް އެންމެ ފަހުން ލީގުގައި އެސްޓަން ވިލާއާ ކުޅެ އެއްވަރުވި މެޗުގައި ސަލާހު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް އެންމެ ފަހުން ލީގުގައި އެސްޓަން ވިލާއާ ކުޅެ އެއްވަރުވި މެޗުގައި ސަލާހު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ވަނީ މިދިިޔަ ފަސް އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ކުޅެފަ އެވެ. ރެއާލް މެޑްރިޑް އަތުން ދެ ފައިނަލުގައި ބަލިވިއިރު 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްގެންނެވެ.

ލިވަޕޫލް ޔޫރޮޕާ ލީގަށް ވެއްޓުމުން އެޓީމުގެ މުހައްމަދު ސަލާހް ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ. ސަލާހް ބުނީ ލިވަޕޫލަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް ކަމަށާއި އެ އަމާޒަށް ނުދެވުމުން ދައްކާނެ އިތުރު ބަހަނާއެއް ނެތް ކަމަށެވެ.

ޔުނައިޓެޑުން ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓުގައި ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ކަސެމީރޯ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން 73 ވަނަ މިނިޓުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ފަސް މިނިޓް ފަހުން މާކަސް ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ހަތަރު ވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ޗެލްސީގެ ހަމައެކަނި ގޯލު މެޗު ނިމެން މިނިޓެކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޔާއޯ ފީލިކްސް އެވެ.

ޗެލްސީ ވަނީ ލަމްޕާޑްގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެފަ އެވެ. ޔޫރަޕްގެ ޖާގައެއް ގެއްލިފައިވާ ޗެލްސީ އޮތީ 43 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.