Roadha Mihaaru
އެމްޕެރާ އެޅި ގަޑި ހަ މިލިއަން ޑޮލަރަށް ވިއްކާލައިފި

ޗައިނާގެ އެންމެފަހު އެމްޕެރާ އެޅި ގަޑި ހަ މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި

30 މެއި 2023

ޗައިނާގެ އެންމެ ފަހު އެމްޕެރާ، އައިޝިން ޖިއޮރޯ ޕުޔީ އެޅި އަތުކުރި ގަޑިއެއް 6.2 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޗައިނާގެ އެންމެ ފަހު އެމްޕެރާ، އައިޝިން ޖިއޮރޯ ޕުޔީ އެޅި އަތުކުރި ގަޑިއެއް 6.2 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

މިހާ ބޮޑު އަގެއްގައި އެ ގަޑި ވިއްކާލީ އެއީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ގަޑި ބްރޭންޑް، ޕަޓެކް ފިލިޕްގެ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ގަޑިއަކަށް ވެފައި، އޭގެ 86 އަހަރުވީ ދިގު ތާރީހާ ގުޅިގެންނެވެ. ސީއެންއެން އިން ބުނި ގޮތުގައި، މިހާތަނަށް ފެނިފައި ވަނީ އެފަދަ މޮޑެލްގެ އަށް ގަޑި އެވެ.

ޕުޔީގެ އަތުކުރި ގަޑި.

ޕުޔީގެ އަތުކުރި ގަޑި.

ފުޅާމިނުގައި 1.2 އިންޗި ހުންނަ އެ ގަޑީގެ ނަމްބަރުތައް ލިޔެފައި ހުރީ އަރަބިންނެވެ. އަދި ގަޑީގެ ކަމަރު ފިޔާތޮށި ރަންކުލައަކަށް ހުންނަ އެ ގަޑީގައި "މޫން ފޭސް" ނުވަތަ ދުނިޔެއަށް ހަނދު ފެންނަ ވަރު އަންގައިދޭ ފީޗާއެއް އިނދެ އެވެ. ގަޑި ހަދަން ބޭނުން ކޮށްފައިވާ ބައެއް ސާމާނު 1929 ގައި އުފެއްދިކަން އެނގޭ އިރު، ސްވިޒަލޭންޑުގެ ގަޑި ހަދާ މީހެއް ކަމަށްވާ ޕަޓެކް ފިލިޕް އެންމެ ފުރަތަމަ އެ ގަޑި ވިއްކާލީ 1937 ވަނަ އަހަރު އެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، ޕުޔީ އެ ގަޑި ގަނެފައި ވަނީ ފްރާންސްގެ ޕެރިހުގައި ހުރި ލަގްޝަރީ ފިހާރައަކުންނެވެ.

ޕުޔީ ޗައިނާގެ އެމްޕެރާ ކަމާ ހަވާލުވީ އުމުރުން އެންމެ ތިން އަހަރުގައި 1908 ވަނަ އަހަރު އެވެ. އަދި އޭނާ އެ މަގާމުގައި ހުރީ 1912 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު ބަގާވާތަކުން ޗައިނާގެ ދުވަސްވީ "ކިންގް ޑައިނަސްޓީ"ގެ ރަސްކަން ނިންމާލި އެވެ. ނަމަވެސް، އަހަރުތަކެއް ފަހުން ޕުޔީ އަށް ވަނީ ޗައިނާ އެމްޕެރާއިންގެ އިމްޕީރިއަލް ގަނޑުވަރުގައި ދިރިއުޅުމުގެ ހުއްދަދީ، 1917 ވަނަ އަހަރު އަލުން އެމްޕެރާގެ މަގާމު ދީފަ އެވެ.

ޕުޔީގެ އަތުކުރިގަޑި

ޕުޔީގެ އަތުކުރިގަޑި

މާގިނަ ދުވަހު ޗައިނާގައި މަޑުނުކޮށް، ޕުޔީ ވަނީ ޖަޕާނަށް ހިޖުރަކޮށް އެ ގައުމާ އެއްބައިވެ މަންޗުކުއޯ ކިޔާ ސްޓޭޓެއްގެ އެމްޕެރާގެ މަގާމާ ހަވާލުވެފަ އެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނު ބަލިވުމުން، ޕުޔީ އެ ގައުމުން ފިލައިގެން އުޅެނިކޮށް، ސޮވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އިން އޭނާ ހައްޔަރުކުރި އެވެ. ސީއެންއެން އިން ބުނި ގޮތުގައި، އޭނާ ޖަލުގައި ހުރި ދުވަސްވަރު ވެސް އެ އަތުކުރި ގަޑި އޮތެވެ.

އޭގެ އިތުރުން، 1950 ވަނަ އަހަރު ރަޝިއާގައި ހުރި ދުވަސްވަރު ޕުޔީ ވަނީ އޭނާ އަށް ޓިއުޝަން ނަގައިދީ ބަސް ތަރުޖަމާކޮށްދިން ޖޯޖީ ޕާމްޔަކޮވް ނަމަކަށް ކިޔާ މީހަކަށް އެ ގަޑި ހަދިޔާކޮށްފަ އެވެ. އަދި 2005 ވަނަ އަހަރު ޕާމްޔަކޮވް މަރުވަންދެން މި ގަޑި ގެންގުޅުނެވެ.

އޭނާ މަރުވުމަށް ފަހު، އޭނާގެ އާއިލާއިން 2019 ވަނަ އަހަަރު ފިލިޕްސް ބްރޭންޑާއެކު އެއްބަސްވެ، އެކި ގައުމުތަކުގައި ގަޑި ޑިސްޕްލޭ ކުރުމަށްފަހު، މި މަހު 23 ގައި ނީލަން ކިޔާ އެ ގަޑި ވިއްކާލީ ހޮންގް ކޮންގްގައި ހުންނަ ފިލިޕްސްގެ އާ އޭޝިއާ ހެޑްކުއާޓާގަ އެވެ. އެ ގަޑިއާއެކު ޕުޔީ ކުރިން ގެންގުޅުނު އެހެން ބައެއް ތަކެތި ވެސް ވަނީ ނީލަން ކިޔައިފަ އެވެ.