Roadha Mihaaru
ކުރިން އެންމެ އުހުގައި ވިދާލި ލެސްޓާ ރެލިގޭޓްވެއްޖެ

ހަތް އަހަރުކުރިން އެންމެ އުހުގައި ވިދާލި ލެސްޓާ ރޭގައި ރެލިގޭޓްވެއްޖެ

29 މެއި 2023

ލެސްޓާ (މެއި 29) - މީގެ ހަތް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީ، ޕްރިމިއާ ލީގުން ރެލިގޭޓްވެ އަންނަ ސީޒަނުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލެސްޓާ (މެއި 29) - މީގެ ހަތް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީ، ޕްރިމިއާ ލީގުން ރެލިގޭޓްވެ އަންނަ ސީޒަނުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ލެސްޓާ ރެލިގޭޓްވީ ރޭ ކުޅުނު ލީގު ފަހު މެޗުތަކަށް ފަހު 34 ޕޮއިންޓާ އެކު 18 ވަނައިގައި ނިންމާލަން ޖެހުމުންނެވެ. ލެސްޓާގެ އިތުރުން ރޭގައި ރެލިގޭޓްވީ ލީޑްސް ޔުނައިޓެޑާއި ސައުތެމްޓަނެވެ.

ލީގުގައި ރޭ ލެސްޓާ ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލީޑްސް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 4-1 އިން ބަލިވެފަ އެވެ. މޮޅެއް ހޯދި ނަމަވެސް ލެސްޓާ ރެލިގޭޓްވީ އެވަޓަން އިން ރޭ ބޯންމައުތު 0-1 އިން ބަލިކޮށް ރެލިގޭޝަނުން ސަލާމަތް ވުމުންނެވެ. އެވަޓަން ލީގު ނިންމާލީ 17 ވަނައިގަ އެވެ.

މީގެ ނުވަ އަހަރު ކުރިން ޕްރިމިއާ ލީގަށް ކޮލިފައިވެ، ދުނިޔެ ހައިރާން ކޮށްލުމަށް ފަހު ލެސްޓާ އިން ވަނީ 2015/2016 ވަނަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މެޗަށް ފަހު ލެސްޓާގެ ވަގުތީ ކޯޗު ޑީން ސުމިތު ބުނީ ލެސްޓާ ޕްރިމިއާ ލީގުން ނުފެނުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

"ލީގުގައި އޮންނަން މަދުވެގެން 11 ޕޮއިންޓް ބޭނުންވި. އެކަމަކު ލިބުނީ ނުވަ ޕޮއިންޓް. އެގޮތަށް ބަލާނަމަ އަހަރެން މިހުރީ ފެއިލްވެފަ. މިއީ ވަރަށް ބޮޑު މާޔޫސްކަމެއް" މެޗަށް ފަހު ލެސްޓާގެ ޑީން ސުމިތު ބުންނެވެ.

އެސްޓަން ވިލާ އިން ބްރައިޓަން ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާ އިން ބްރައިޓަން ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްޕީ

ލީގުގެ ކުޅުން ރޭ ނިމުނުއިރު އެސްޓަން ވިލާ ވަނީ ހަތް ވަނަ މަގާމް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގުން ޖާގަ ހޯދައިފަ އެވެ. 13 އަހަރަށް ފަހު އެސްޓަން ވިލާ އިން ޔޫރަަޕްގެ ޖާގައެއް ކަށަވަރުކުރީ ރޭ އަމިއްލަ ދަނޑުގައި 1-2 އިން ބްރައިޓަން ބަލިކޮށްގެންނެވެ. ލެސްޓާ އަށް 38 މެޗުން ލިބުނީ 61 ޕޮއިންޓެވެ.

އެސްޓަން ވިލާ އެންމެ ފަހުން ޔޫރަޕްގެ މުބާރާތެއްގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ޔޫއެފާ ޔޫރޮޕާ ލީގު ޕްލޭއޮފްގައި އޮސްޓްރިއާގެ ރެޕިއެޑް ވިއޭނާއާ ވާދަކޮށް 3-4 ގެ އެގްރިގޭޓުން ބަލިވެ، ކެޓީ އެވެ. އެސްޓަން ވިލާ އަކީ ކުރިން ޔޫރަޕްގައި ރަނގަޅު ވާދައެއް ކޮށްފައިވާ ޓީމެކެވެ. އެޓީމުން ވަނީ ޔޫރަޕިއަން ކަޕް 1982 ވަނަ އަހަރު ކާމިޔާބުކޮށް ޔޫރަޕިއަން ސުޕަ ކަޕް 1983 ވަނަ ހޯދައިފަ އެވެ.

ލީގުގެ ކުރީކޮޅު ފޯމު ދަށްކޮށް އޮވެފައި އެސްޓަން ވިލާ އިން ނަތީޖާތައް އަނބުރާލީ އެޓީމުގެ ކޯޗުކަމާ އުނައި އެމެރީ ހަވާލުވި ފަހުންނެވެ.

ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑެވެ. ޔުރޮޕާ ލީގުގައި ކުޅޭނީ ލިވަޕޫލް އަދި ބްރައިޓަން އެވެ.

ރޭ ބްރެންޓްފޯޑް އަތުން ސިޓީ ވަނީ 0-1 އިން ބަލިވެފަ އެވެ. ދެ ވަނަ ހޯދި އާސެނަލް ވަނީ 0-5 އިން ވުލްވްސް ބަލިކޮށްފަ އެވެ. ޔުނައިޓެޑުން 1-2 އިން ފުލަމް ބަލިކޮށް ލީގުގެ ތިން ވަނަ ހޯދިއިރު، ހަތަރު ވަނަ ލިބުނު ނިއުކާސަލް ރޭ ޗެލްސީއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސައުތެމްޓަނާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 4-4 އިން ވީ އެއްވަރެވެ.

ޔޫރަޕް ފުޓްބޯޅައިން ބާކީވި އެންމެ މަޝްހޫރު ދެ ކްލަބަކީ އަށް ވަނައިގައި ނިންމާލި ޓޮޓެންހަމް އާއި 12 ވަނައިގައި ނިންމާލީ ޗެލްސީ އެވެ.