Roadha Mihaaru
އަހަރެއް ނުވަނީސް ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި

އަހަރެއް ނުވަނީސް އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި

21 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާގެ ކޯޗުގެ މަގާމުން ސްޓީވެން ޖެރާޑް ވަކިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާގެ ކޯޗުގެ މަގާމުން ސްޓީވެން ޖެރާޑް ވަކިކޮށްފި އެވެ.

އުމުރުން 42 އަހަރުގެ ޖެރާޑްގެ ވަޒީފާ ގެއްލުނީ ރޭ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ވިލާ ބަލިވީ 3-0 އިންނެވެ.

އެސްޓަން ވިލާގެ ކޯޗުކަމާ ޖެރާޑް ހަވާލުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އެސްޓަން ވިލާ އިން އޭރުގެ ކޯޗު ޑީން ސްމިތު މަގާމުން ވަކިކުރުމުންނެވެ. ވިލާއާ ހަވާލުވީ، ޖެރާޑް އޭރު ކޯޗު ކޮށްދެމުން އައި ސްކޮޓްލެންޑްގެ ރޭންޖާސްގެ ވަޒީފާ ދޫކޮށްލައިފަ އެވެ.

ކުރިން އިންގްލެންޑާއި ލިވަޕޫލްގެ ކެޕްޓަން ޖެރާޑް، އެސްޓަން ވިލާއާ އެކު މި ވީ 11 މަސް ދުވަހުގެ ތެރޭގައި 40 މެޗެއްގައި އިރުޝާދު ދީފައި ވާއިރު، މޮޅު ވެވުނީ 13 މެޗުންނެވެ. މި މުއްދަތުގައި 19 މެޗުން ވަނީ ބަލި ވެފަ އެވެ.

ރޭގެ މެޗުގައި އަލަށް ޕްރޮމޯޓްވި ފުލަމް އިން ލީޑު ނަގައިދިނީ ހެރިސަން ރީޑް އެވެ. ދެވަނަ ހާފުގައި ޕެނަލްޓީ އަކުން މެޗުގެ 68 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ އެލެކްޒެންޑާ މިޓްރޮވިޗް އެވެ. މި ޕެނަލްޓީ އަކީ ވިލާގެ ޑަގްލަސް ލުއިޒް، މިޓްރޮވިޗަށް ހަމަލާ ދީގެން ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ. ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ލުއިޒް އަށް ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

އެކަކު މަދުކޮށް ކުޅެމުން ދިޔަ ވިލާ ކޮޅަށް ފުލަމް އިން ތިންވަނަ ލަނޑެއް ކާމިޔާބު ކުރީ 83 ވަނަ މިނިޓުގަ އެވެ. މި ލަނޑަކީ ޑިފެންޑަރު ޓައިރޯން މިންގްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިންގްސް އާއި ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ފުރަތަމަ ހާފުގައި ފުލަމްގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.

މެޗު ތެރޭން ވެސް އެސްޓަން ވިލާގެ ގިނަ ސަޕޯޓަރުންނެއް ވަނީ ޖެރާޑާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާ މަގާމުން ދުރުކުރަން ގޮވާލައިފަ އެވެ.

ވިލާއާ ހަވާލުވެ، ޖެރާޑް ވަނީ ޔޫރަޕުގެ ގިނަ ޓީމުތަކަކާ ވާދަކޮށް މަޝްހޫރު ނަންތަކެއް ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯ އާއި ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޯސް އާއި ފްރާންސްގެ މިޑްފީލްޑަރު ބައުބަކާ ކަމާރާ ހިމެނެ އެވެ. ނަމަވެސް ނަތީޖާ ނެރެން ފަސޭހައެއް ނުވި އެވެ.

ވިލާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ކާލޯސް ގެ ފަޔަށް އަނިޔާ ވެފައި ވާއިރު، މިދިޔަ މަހު ކުޅުނު މެޗެއްގައި ކަކުލުގެ ލިގަމެންޓަށް އަނިޔާ ވެފައިވާ ކަމާރާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު އެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވެސް ޖެރާޑް ބުނީ، އޭނާ ފުރަތަމަ ޓީމާ ހަވާލުވި އިރު ވެސް ޓީމު އޮތީ މިހާރު އޮތް ފަދަ ހާލަތެއްގައި ކަމަށާއި، މިކަން ހައްލު ކުރަން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި މަގާމުން ވަކިކުރަންދެން އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ޖެރާޑް ބުންޏެވެ.

ކުޅުން ހުއްޓާލުމަށް ފަހު، ލިވަޕޫލްގެ އެކަޑަމީގައި ކޯޗެއްގެ ގޮތުން މަސައްކަތް ކޮށް، ޖެރާޑް ފުރަތަމަ ސީނިއާ ކޯޗެއްގެ ތަޖުރިބާ ކުރީ ރޭންޖާސް ގައެވެ. ރޭންޖާސް އާއެކު ޖެރާޑް ވަނީ އެ ޓީމަށް 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްކޮޓިޝް ޕްރިމިއާޝިޕް ކާމިޔާބު ކޮށްދީފަ އެވެ.

ޖެރާޑަކީ ޕްރިމިއާ ލީގުގައި މި ސީޒަންގައި ވަޒީފާ ގެއްލުނު ހަތަރު ވަނަ ކޯޗެވެ. އެންމެ ފުރަތަމަ ގެއްލުނީ ބޯންމަތުގެ ކޯޗު ސްކޮޓް ޕާކާގެ މަގާމެވެ. އެއަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް ވެސް މަގާމުން ދުރުކުރި އެވެ.

ވުލްވްސް އިން ލާޖް މަގާމުން ވަކި ކޮށްފައި ވާއިރު، ކެއާޓޭކާ މެނޭޖަރު ސްޓީވް ޑޭވިސް އެ މަގާމުގައި 2023 ވަނަ އަހަރާ ހަމައަށް މަގާމުގައި ބަހައްޓަން ވުލްވްސް އިން ވަނީ އިއްޔެ ނިންމައިފަ އެވެ. ވުލްވްސް އިން މިހެން ނިންމީ، ގިނަ ކޯޗުންތަކަކާ މަޝްވަރާ ކުރުމަށް ފަހު ވެސް، އެއިން އެއްވެސް ކޯޗެއް އެޓީމާ ހަވާލުވާން ބޭނުން ނުވުމުންނެވެ.

ރޭގެ ނަތީޖާއާ އެކު ވިލާ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ހޯދި ދެ މޮޅާ އެކު، ޓޭބަލްގެ 17 ވަނައިގަ އެވެ. ހަ މެޗުން ބަލި ވެފައިވާ ވިލާ މިހާތަނަށް އަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ޓޭބަލްގެ 16 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި، 18 ވަނައިގައި އޮތް ވުލްވްސް އަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.

މި ސީޒަންގައި ނަތީޖާ ދަށް ވެގެން ސަޕޯޓަރުންގެ ނުރުހުމާ ކުރިމަތިލާން ޖެހިފައިވާ ބްރެންޑެން ރޮޖާސް ވަނީ ރޭ ލެސްޓާ ސިޓީ ގޮވައިގެން އަމިއްލަ ދަނޑުގައި 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ލެސްޓާ ވަނީ ލީގުގެ ފުލުގައި އޮވެފައި މި މެޗުން މޮޅުވެގެން އަށް ޕޮއިންޓް ހަމަކޮށް، 19 ވަނައަށް ޖެހިލައިފަ އެވެ. ލީޑްސްގެ މި ބައްޔާ އެކު ލީޑްސްގެ ކޯޗު ޖެސީ މާޝް އަށް ވެސް ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒު ވެފަ އެވެ.

މި މެޗުގައި ލެސްޓާ އަށް ލީޑު ލިބުނީ ރޮބިން ކޮޗް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަދި ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ހާވީ ބާންސް އެވެ.

ލެސްޓާގެ ކޯޗު ރޮޖާސް ވަނީ މީގެ ކުރިން ލިވަޕޫލްގައި ޖެރާޑަށް ކޯޗު ކޮށްދީފަ އެވެ.