Roadha Mihaaru
ލެސްޓާ ސިޓީ ބަލިކޮށް، ޖެރާޑާ އެކު ވިލާ ކުރިޔަށް

ލެސްޓާ ސިޓީ ބަލިކޮށް، ޖެރާޑާ އެކު ވިލާ ކުރިޔަށް

06 ޑިސެމްބަރ 2021

ބާމިންހަމް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއިން ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކޮށް، ތާވަލުގައި ލެސްޓާ އަށް ވުރެ ކުރިއަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާމިންހަމް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއިން ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކޮށް، ތާވަލުގައި ލެސްޓާ އަށް ވުރެ ކުރިއަށް ޖެހިލައިފި އެވެ.

ސްޓީވެން ޖެރާޑާ އެކު މިދިޔަ ހަފްތާގައި އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވި އިރު، ރޭގެ މެޗުން ލެސްޓާ ސިޓީ ބަލިކުރީ ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި ނަތީޖާއާ އެކު އެސްޓަންވިލާ ވަނީ މިހާތަނަށް ކުޅުނު 15 މެޗުން ލެސްޓާ ސިޓީއާ އެއްވަރަށް، 19 ޕޮއިންޓް ހޯދައިގެން ތާވަލުގެ 10 ވަނައަށް ޖެހިލައިފަ އެވެ. ލެސްޓާ 11 ވަނައިގައި އޮތީ ފައިދާ ގޯލު މަދުވުމުންނެވެ.

ލެސްޓާ އަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ 14 ވަނަ މިނިޓުގައި ހާވީ ބާންސް އެވެ. އޭގެ ތިން މިނިޓު ފަހުން އެސްޓަން ވިލާގެ ޑިފެންޑަރު އާޒީ ކޮންސާ ނަތީޖާ އެއްވަރުކޮށްދިން އިރު، ވިލާ މޮޅުވި ލަނޑު ވެސް ޖަހައިދިނީ ކޮންސާ އެވެ. އޭނާ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި، މެޗުގެ 54 ވަނަ މިނިޓުގަ އެވެ.

މިއީ ޖެރާޑާ އެކު އެސްޓަން ވިލާ ލީގުގައި ހޯދި ހަތަރު ވަނަ މޮޅުވެ.

ލިވަޕޫލަށް ޖެރާޑް ކުޅުނު ދުވަސްވަރު، އޭނާގެ ކޯޗަކަށް ހުރި ބްރެންޑެން ރޮޖާސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެސްޓާ ސިޓީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލި ވެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

އެސްޓަން ވިލާ ގޮވައިގެން ލީގުގައި އަންނަ ހޮނިހިރި ދުވަހުގެ ރޭ ޖެރާޑް ނުކުންނާނީ، އޭނާ ޕްރިމިއާ ލީގުގައި 17 ސީޒަން ކުޅުނު ކްލަބް ލިވަޕޫލާ ދެކޮޅަށް އެންފީލްޑުގަ އެވެ.