Roadha Mihaaru
މާރާމާރީއަށްފަހު ފިލައިގެން އުޅުނު މީހާއަށް ދައުވާކޮށްފި

މާރާމާރީ އަށް ފަހު ފިލައިގެން އުޅުނު މީހާ އަށް ދައުވާކޮށްފި، އިތުރު ތިން މީހަކަށް ވެސް ދައުވާކުރި!

30 މެއި 2023

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފިލައިގެން މަސް ދުވަހު އުޅުމަށް ފަހު އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވި، އިބްރާހިމް ފައިހް ނިޒާމުގެ މައްޗަށް 8 ދައުވާއެއް ކޮށްދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފިލައިގެން މަސް ދުވަހު އުޅުމަށް ފަހު އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވި، އިބްރާހިމް ފައިހް ނިޒާމުގެ މައްޗަށް 8 ދައުވާއެއް ކޮށްދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އުމުރުން 25 އަހަރުގެ ފައިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެ، ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ފަހުން ހުރީ ބަންދުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ އެ ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް އިތުރުކޮށް ނެރުނު އަމުރުގައި ބުނީ، އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި މި ހަފުތާގައި ކޯޓަށް ހުށަހަޅޭނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.

ފައިހްގެ މައްޗަށް ދައުލަތުން ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގައި އަތްލުމާއި ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.

އޭނާ ފޮރުވައިގެން ގެންގުޅުނު މައްސަލައާ ގުޅިގެން ވެސް ދެ މީހަކަށް ދައުވާ ކުރި އެވެ. އެއީ ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދާއި ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބްގެ މައްޗަށެވެ. އެ މީހުންނަށް ކުރީ ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި، ކުށް ކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ފައިހް އާއި ޖުނައިދާއި ޝަބީބްގެ އިތުރުން ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ހ. ދިއްގާމާގެ، އަލީ ފާރިޝް އާއި މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ފައިހް ހައްޔަރުކުރީ އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި މި އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ ރޭ ދަންވަރު ބަޔަކު މާރާމާރީ ހިންގައި، އެ ތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކުރި މައްސަލައެއްގަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު ނަމަވެސް މަސް ދުވަސްވީއިރު ވެސް ފެނިފައެއް ނުވެ އެވެ. އެންމެ ފަހުން އޭނާ ހޯދުމަށް ވަނަވަރާ އެކު، ފެބްރުއަރީ 15 ގައި ފުލުހުން އިއުލާންކުރި އެވެ.