Roadha Mihaaru
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު

ގަލޮޅު ދަނޑުގައި ހިންގި މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

12 ފެބުރުއަރީ 2024

ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރިއާ ގުޅިގެން ފުލުހުން މިފަހަރު ހައްޔަރުކޮށްފައި ވަނީ ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19 އެވެ. އޭނާ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

އޭނާގެ ބަންދުގެ އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މާރާމާރީގައި ބައިވެރިވުން ކަމަށެވެ. އަދި އެއީ ޖަމާއަތް ހަދައިގެން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގި އަމަލެއް ކަމަށް އެ އަމުރުގައިވެ އެވެ.

ގަލޮޅު ދަނޑުގައި ހިންގި މާރާމާރިއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ؛

- ފައިވްރޯސް، ގދ. ތިނަދޫ، ރިކްޒު އާދަމް، 21

- ހ. ހިލްޓަން، މާލެ، އިބްރާހިމް އަލީފް ރައޫފް، 34

ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، މި ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމެވެ. މި ދެމީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދިފަ އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލި އެވެ.

މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އަދި އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް އެ ދުވަހު ދަނޑަށް ވަނެވެ.