Roadha Mihaaru
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން އަތުލައިގަނެފި

20 ސެޕްޓެމްބަރ 2024

މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން ފުލުހުން އިއްޔެ އަތުލައިގަނެފި އެވެ.

މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ހަތް މަސް ފަހުން ފުލުހުން އިއްޔެ އަތުލައިގަނެފި އެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގި އެ މައްސަލާގައި ހައްޔަރުކުރީ މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠް އަބްދުﷲ، 19 އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ އަމުރުގައި ބުނީ، އެ މައްސަލާގައި ސިބްޠް އަބްދުﷲގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓާއި ހާދިސާ ހިނގި މަންޒަަރު ފެނުނު މީހުންގެ ބަޔާން ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.

އެއީ ކުށް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން އެ ހެކިތަކުން ފާހަގަކުރެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

މާރާމާރީ ހިންގުމުގައި ހަތިޔާރެއް ގެންގުޅުނު ކަމަށް މަންޒަރު ފެނުނު މީހުން ފާހަގަކޮށްފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.

"މީނާއަކީ ގާތްގަނޑަކަށް ހަތް މަސްދުވަސް ފިލައިގެން އުޅޭ ފަރާތެއް ކަމަށާއި މީނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށާއި މީނާ ރާއްޖެ އިން ބޭރުގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެ އަށް ޑީޕޯޓްކޮށްފައި ވާތީ، މީނާއަކީ ފިލައިގެން އުޅޭ ފަރާތެއް ކަމަށް ފުލުހުން ފާހަގަކުރައްވާފައިވެ އެވެ،" ކޯޓު އަމުރުގައި ބުންޏެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ؛

• އޭނާއަކީ ފިލުމުގެ ނުރައްކާ މަތީ ދަރަޖައަކަށް އޮތް މީހަކަށް ވުން.

• އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގި މާރާމާރީއެއްގެ މައްސަލައެއް ކަމަށް ވެފައި، އޭނާއަކީ އަމަލީ ގޮތުުން އެކަމުގައި ބައިވެރިވި މީހެއް ކަމަށް ވާތީ، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވުން.

އޭނާ ހައްޔަރުކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ކޯޓުގައި ދިފާއުގައި ބުންޏަސް، ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިންޒާރު ދިނުމަށް ފަހުކަން އެނގޭތީ، އޭނާ ހައްޔަރުކުރީ ރަނގަޅަށް ކަމަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓު ގާޒީ އިސްމާއިލް ޝާފިއު ވަނީ ނިންމަވައިފަ އެވެ.