Roadha Mihaaru
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!

ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ އިސްތިއުމާލުގައި!

31 މެއި 2023

ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގެ ބާވަތްތައް ބޭނުންކުރާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން އެ އެޖެންސީން އާއްމުކުރި މައުލޫމާތުގައި ބުނީ 13-15 އަހަރާ ދެމެދުގެ 45.7 ޕަސެންޓް ދަރިވަރުން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރާ ކަމަށެވެ. އެއީ 48 ޕަސެންޓް ފިރިހެން ކުދިންނާއި 43.2 ޕަސެންޓް އަންހެން ކުދިންނެވެ.

މީގެ ހަތަރު އަހަރު ކުރިން، 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ބުނީ އެ އުމުރުގެ 23.1 ޕަސެންޓް ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ. އެއީ 17.1 ޕަސެންޓެވެ.

ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރާ ކަމަށް ބުނީ 3.1 ޕަސެންޓް ކުދިންނެވެ. އޭގެ ތެރެއިން 14.9 ޕަސެންޓް ކުދިން އަލަށް ވެސް ޝީޝާ/ގުޑުގުޑާ ބޮއެފައިވަނީ 10 އަހަރުގަ އެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ރާއްޖޭގެ އާބާދީގެ 25.7 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. އެއީ ކޮންމެ ހަތަރު މީހަކުން އެކަކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 ޕަސެންޓަކީ ފިރިހެނުންނަށް ވާއިރު، އަންހެނުންގެ އަދަދު ހުރީ 7.6 ޕަސެންޓުގަ އެވެ.

އުމުރުތައް:

15-29: 20.1 ޕަސެންޓް

30-44: 29 ޕަސެންޓް

45-65: 23.4 ޕަސެންޓް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އިތުރުވާއިރު، އެކަމުގައި އޮތް އަނެއް ކަންބޮޑުވުމަކީ އޭގެ އަސަރު ކުރާ މީހުން އިތުރުވަމުން ދިއުމެވެ. ސެކަންޑް ހޭންޑް ސްމޯކާސްގެ 27.1 ޕަސެންޓަކީ ގޭގައި ދުންފަތުގެ އިސްތިއުމާލުކުރާތީ އޭގެ އަސަރު ކުރާ މީހުންނެވެ. މަސައްކަތުގެ މާހައުލުގައި ދުންފަތް ބޭނުންކުރާތީ އަސަރުކުރާ ކަމަށް ބުނީ 10.4 ޕަސެންޓް މީހުންނެވެ.

ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތުތަކާ ހަވާލައިދީ އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 393,652,853ރ. ގެ ދުންފަތުގެ އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރި ކަމަށެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބިޑި އާއި ސިގަ އަދި ސިނގިރޭޓެވެ. އެއީ 328،784،999ރ. ގެ ތަކެއްޗެވެ. ދެ ވަނައަށް އެންމެ ގިނައިން ގިނައީ އިލެކްޓްރޯނިކް ސިނގިރޭޓެވެ.