Roadha Mihaaru
ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ހާޒިރުވަނީ!

އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ހާޒިރުވަނީ

01 ޖޫން 2023

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވެވަޑައިގަތުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީ ވެވަޑައިގަތުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމައިފި އެވެ.

އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ.

ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފު ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނު އިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.

"... އެ ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް ދަންނަވަން،" މަޖިލިހުގެ ރައީސް ނަޝީދަށް ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.