Roadha Mihaaru
ޗާގޯސް މައްސަލާގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ކަނޑު ވިއްކާލި ކަމަށް ބުނެ ރައީސް މަޖިލީހަށް ހާޒިރުކުރަން އިދިކޮޅުން ހުށަހަޅައިފި

21 ޖޫން 2023

ރާއްޖޭގެ ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދޭން އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފަ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދޭން އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފަ އެވެ.

ގާނޫނީ ހުސްކަމެއް ކުރިމަތިވެ، މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، މަޖިލިސް ހުއްޓުމަކާ ހަމައަށް ސަރުކާރުން ގެނައީ، ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު މަޖިލިހަށް ހާޒިރުކުރި ހަމައެކަނި ދުވަހު ވެސް އޭނާ ދެއްކެވީ އަމިއްލަ ވާހަކަތަކެއް ކަމަށާއި ރައްޔިތުންގެ ފަރާތުން މެމްބަރުން ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށެވެ.

"...އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި އަމިއްލަފުޅު ވާހަކަތަކެއް ދައްކަވާތީ، އެކަން ސިއްރު ކުރުމަށްޓަކައި ސަރުކާރުން މި ތަނުގައި ތަޅުއަޅުވައިގެން މި އުޅެނީ،" މަޖިލިހުގެ ޖަލްސާތައް ހުއްޓިފައިވާތީ، ތަޅު އަޅުވާފައިވާ މަޖިލިހުގެ ޗެމްބަރުގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް، އެ މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ވަރަށް ސީރިއަސް ތުހުމަތުތަކާއި ސުވާލުތަކެއް ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަން ސާފުކޮށް ނުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުހުންނެވޭނެ އެވެ.

"ރައްޔިތުންގެ މިހިރަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސުލްޖުމްހޫރިއްޔާއަކަށް ރައީސް ކަމައިގެން ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ،" ސަލީމް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި އަޑުއުފުލާތީ، މަޖިލިސް ޑެޑްލޮކަކަށް ގެނައި ސަރުކާރުން ގަސްދުގައި ރާވައިގެން ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އިދިކޮޅު މެމްބަރުން ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެން އެދޭނަން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވައިގެން މި މަޖިލިސް ފެށޭނެ ގޮތެއް ހައްދަވައި ދެއްވަން ސަރުކާރާ ވާހަކަ ދައްކަވައިގެން ނަމަވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން މަޖިލިސް އަލުން ފެށުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް އިދިކޮޅު މެމްބަރުން މިއަދު ވަނީ ވަޑައިގެންފަ އެވެ.

ގާނޫނުއަސާސީގެ ދަށުން މީހުން ހާޒިރުކޮށްގެން ސުވާލު ކުރުމުގެ ބާރު މަޖިލީހަށް ލިބިދީފައިވީ ނަމަވެސް، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ. އެކަމަކު އިދިކޮޅުން މަޖިލީހުގެ ސިޓީގައި ބުނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރުވޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާ އެކު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ދެއްވައިގެން، މެމްބަރުން ސުވާލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ވެ އެވެ.

ޖަލްސާތައް ނުބޭއްވި، މަޖިލިސް ހުއްޓުމަކާ ހަމައަށް އައީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އިސްވެ ހުށަހެޅުމާ ގުޅިގެންނެވެ.

އިތުބާރުގެ މައްސަލަ އޮތުމުން ނަޝީދާއި އީވާ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

އެހެންވެ، މަޖިލިސް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަރުތަޅު ނެއްޓޭނީ އިތުބާރު ނެތް ކަމުގެ ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ގެނެސްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް މަޖިލިހުގެ އަމީން އާންމު ލިޔުމަކުން ނަޝީދަށް ދެއްވިޔަސް އެ މަނިކުފާނު އެ އަށް އަމަލެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި ދައްކަވަނީ މައްސަލަ ހައްލު ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަދިވެސް ބުނަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށެވެ.