Roadha Mihaaru
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު

ސިޔާސީ ނުފޫޒު ކުޑަކުރަން ޖޭއެސްސީއަށް ގެންނަން ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު: އޭޖީ

20 ޖޫން 2023

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހެޅީ ސިޔާސީ ނުފޫޒު ކުޑަކުރެވޭނެ ގޮތްތަކަކަށް ކަމަށާއި މިއީ ޝަރުއީ ނިޒާމަށް އަނެއްކާވެސް ގެނެވޭނެ ހެޔޮބަދަލަކަށް ވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހެޅީ ސިޔާސީ ނުފޫޒު ކުޑަކުރެވޭނެ ގޮތްތަކަކަށް ކަމަށާއި މިއީ ޝަރުއީ ނިޒާމަށް އަނެއްކާވެސް ގެނެވޭނެ ހެޔޮބަދަލަކަށް ވެގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ދެ ބިލެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި އާއްމުންނާއި ޖަމިއްޔާތަކުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ހިޔާލު ހޯދައިގެން ހުށަހެޅި ބިލްގައި، ތިން މެމްބަރަކު އުނިކޮށް 7 މެމްބަރުންނަށް ބަދަލުކުރަން ވަނީ ހުށަހަޅައިފަ އެވެ.

ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް 10 މެމްބަރުންނާ އެކު ޖޭއެސްސީ އެކުލަވާލާފައިވާއިރު، އޭގެ ސަބަބުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ އިންސާނުންނަށް ނުފޫޒު ނުފޯރާނެއޭ ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށާއި އެކަމަކު ޖޭއެސްސީ އިސްލާހުކުރަން ހުށަހެޅުމުގެ ނިޔަތަކީ ސިޔާސީ ގޮތުން ފޯރުވެން އޮންނަ ނުފޫޒު ކުޑަކޮށް، ރައްޔިތުން އެދޭ ގޮތަށް މިނިވަންކަމާ އެކު ކޮމިޝަން ހިންގުން ކަމަށެވެ.

ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ފޯރާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ކޮމްޕޮޒިޝަން ބަދަލުކޮށް މިނިވަންކަމާ އެކު ހިންގޭނެ ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ސިޔާސީ ގޮތުން ޖޭއެސްސީގެ މައްޗަށް އޮންނަ ނުފޫޒު ކުޑަކުރުމަށްޓަކައި މި ހިނދަށް ގެނައި ބަދަލުތަކަކީ މުހިއްމު ރަނގަޅު ބަދަލުތަކެއް ކަމަށް ދެކެނީ: ރިފްއަތު

އޭޖީ ވިދާޅުވީ އިސްލާހުކުރުމުގެ ބޭނުމަކީ ދައުލަތުގެ އެހެނިހެން ބާރުތަކުގެ ނުފޫޒު ޖޭއެސްސީގެ މައްޗަށް ނޯންނަ ގޮތަކަށް އެކަން ކުރުން ކަމަށްވާ އިރު، ދައުލަތުގެ އެއް ބާރުގެ އެންމެ އިސް ފަރާތް ޖޭއެސްސީގައި ނުހިމެނުމުން ސިޔާސީ ގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ޝައްކުތަކަށް ކޮންމެވެސް ވަރެއްގެ ނިމުމެއް ގެނެވޭނެ ކަމަށެވެ. ޖޭއެސްސީގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހުގެ ރައީސް ހިމެނުނަސް ކޮމްޕޮޒިޝަނަށް ބަދަލު ގެންނަން ހުށަހެޅީ މަޖިލީސް ރައީސް ނުހިމަނަ އެވެ.

ޖޭއެސްސީގެ ކޮމިޓީއެއް މެމްބަރުން ތަހުގީގު ކުރިއަށް ގެންދަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭއެސްސީގެ ކޮމިޓީއެއް މެމްބަރުން ތަހުގީގު ކުރިއަށް ގެންދަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް ޖޭއެސްސީގައި ނުހިމަނަން އޮތީ ހުށަހަޅައިފަ އެވެ.

ބިލްގައި ޖޭއެސްސީ އެކުލަވާލަން ހުށަހެޅި ގޮތް

● އެޓާނީ ޖެނެރަލް

● ތިން މަރުހަލާގެ ކޯޓުގެ ފަނޑިޔާރުން

● ވަކީލުން އައްޔަންކުރާ ވަކީލެއް

● އާއްމުންގެ ތެރެއިން މަޖިލީހުން ނަން ފާސްވެގެން އަންނަ މީހެއް

● މަޖިލީހުން އައްޔަންކުރާ މެމްބަރެއް

"ސިޔާސީ ނުފޫޒު ކުޑަކުރުމަށްޓަކައި ކުރެވިފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ވިސްނުމަށް ބަލާފައި އެންމެ ރަނގަޅަށް އިސްލާހު ގެނައުމުގެ ނިޔަތުގައި މިހާރު ބަދަލު ގެންނަން ހުށަހަޅާފައި ވަނީ،" އޭޖީ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރިޔަސް އެންމެ މުހިއްމީ އޭރެއްގައި އެ ތިއްބަވާ ބޭފުޅުންގެ އިހްލާސްތެރިކަމެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ، ވޭތުވެދިޔަ ދައުރުތަކުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތަށް ބާއްވައިގެން ނުކުރާ ރަނގަޅު އެތައް ކަމެއް މި ދައުރުގެ ތެރޭގައި ވަނީ ކޮށްފަ އެވެ.

"ވަކިން ހާއްސަކޮށް ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް ބަލައި ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް ޓްރާންސްޕޭރެންޓްކޮށް، އާއްމުންގެ ތެރެއިން ވެސް ބަލައިގަނެވޭނެ ގޮތަށް ވަނީ ގެނެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެ. އެހެންވީމަ ކޮންމެ ގޮތަކަށް ކޮމްޕޮޒިޝަން ބަދަލުކުރިއަސް އެތަނެއްގައި ތިބޭ ބައެއްގެ އިހްލާސްތެރިކަން ރަނގަޅުކޮށްގެން އެ ބަދަލު ފެންނާނީ،" އޭޖީ ވިދާޅުވި އެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި ވަކި ހާއްސަ ގޮތެއް މިކަމުގައި ހަމަޖައްސާފައި ނެތްކަން ފާހަގަކުރައްވައި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ފަނޑިޔާރުންނާއި ބޮޑުވަޒީރު އައްޔަންކުރާ މެމްބަރުން ވެސް ތިއްބަވާ ކަމަށެވެ. ކޮންމެ ގައުމެއްގައި ވެސް އެ ކޮމިޝަން އޮންނަނީ އެ ގައުމެއްގެ ހާލަތުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރަން ވައުދުވަމުން އަންނަތާ ދައުރުތަކަކަށް ފަހު، މި ވެރިކަމުގައި މި ގެންނަން ހުށަހެޅި އިސްލާހަކީ އެންމެ ރަނގަޅު ގޮތްތޯ ފުރަތަމަ ޖެހޭނީ ތަޖުރިބާކުރާށެވެ. ނޫން ނަމަ އެ ބަދަލެއްގެ ސަބަބުން އަންނަ ނަތީޖާ ނޭނގޭނެ ކަމަށާއި މިހާރު ހުށަހަޅާފައި އޮތް ބަދަލާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ނަމަ މަޖިލީހާ ހިސާބުން އެކަން ބަދަލުވުމުގެ ވެސް ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުށަހަޅާފައި އޮތް ބިލުގައި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މެމްބަރުންގެ މެދުގައި ވެސް ބަހުސްކުރެވޭނެ. އެހެންވީމަ މިހާރު ހުށަހަޅާފައި އޮތް ކަންކަމަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް،" ރިފްއަތު ވިދާޅުވި އެވެ.

ޖޭއެސްސީގައި ބަންޑާރަ ނައިބު ހިމެނުމާ މެދު ބައެއް ވަކީލުންގެ ހުރި ހިޔާލުތަފާތުވުންތަކާ ގުޅިގެން އޭޖީ ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ވެސް ހުށަހެޅުމަކީ ޖޭއެސްސީގައި އޭޖީ އިންނެވުމުން ކަމަށެވެ. ދައުލަތާ ގުޅޭ ގޮތުން ލަފާ ދިނުމާއި ގާނޫނީ ވެރިކަން ނަގަހައްޓައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ އެންމެހާ ކަންކަން ފަދަ ދުސްތޫރީ ޒިންމާތައް ހިމެނެނީ ދައުލަތުގެ އެއިރަކު ހުންނަވާ އެޓާނީ ޖެނެރަލެއްގެ ޒިންމާގެ ތެރޭގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮމްޕޮޒިޝަނަށް ބަލާއިރު ތިން ފަނޑިޔާރުން ތިއްބަވާނެ، އާއްމުންގެ ތެރެއިން އެކަކު، ވަކީލުންގެ ތެރެއިން އެކަކާއި އެޓާނީ ޖެނެރަލާއި ރައްޔިތުންގެ މަޖިލީހުން އަންނަ މެމްބަރަކާ އެކު ޖޭއެސްސީ އެކުލަވާލަން ހުށަހެޅީ. [ނުފޫޒު ފޯރުވައިގެން] ނިންމުންތައް ނިންމަން ވަރަށް އުނދަގޫވާނެ. ތިން ފަނޑިޔާރުން ތިއްބަވާއިރު އެއީ ފުދޭވަރެއްގެ އިމްޕެކްޓަކަށް ވާނެ ކަމަށް ބަލަނީ، އުއްމީދަކީ ރިޔާސަތުން ވޯޓުލާން ނުޖެހި ކަންކަން ނިމިގެން ދިއުން." ރިފްއަތު ވިދާޅުވި އެވެ.

ޖޭއެސްސީގެ ފޯމޭޝަން އިސްލާހުކުރުމަށް ޝަރުއީ ދާއިރާ އަދި އާއްމުންގެ ހިޔާލު ހޯދަން ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ގިނަ މީހުން ހުށަހެޅީ ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އަލުން އެކުލަވާލާށެވެ.

އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ ޝަރުއީ ދާއިރާގެ އިސްލާހޯ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރެއިން އެންމެ ފަހު މަސައްކަތެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް އިދިކޮޅުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައިފަ އެވެ. އެކަމަކު އެ ބިލްތައް، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު ވެސް ބޭރުކޮށްލަނީ އެވެ.