Roadha Mihaaru
ޕާކިސްތާނު މީހުން ބޮޑުކަމުދިޔައިރު 2.8 ކިލޯ ގްރަގް

ހައްޔަރުކުރި ޕާކިސްތާނު މީހުން ބޮޑުކަމުދިޔަ އިރު 227 ބުލެޓުގައި 2.8 ކިލޯ ޑްރަގް

02 ޖޫން 2023

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތަށް މި ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓިއްޖެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުމުގެ ތުހުމަތަށް މި ހަފްތާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ޕާކިސްތާނު ހަތަރު މީހުން ބޮޑުކަމުދިޔަ އިރު ޑްރަގް ހުރި 227 ބުލެޓް ވެއްޓިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު މި ހަތަރު މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވާތީ މިއަދު އަލުން ކޯޓަށް ހާޒިރުކޮށް އެ މީހުންނާ ދެކޮޅަށް ހުށަހެޅި އިތުރު ހެކީގައި ބުނެފައިވާ ގޮތުން މި އެންމެން ވެސް ވަނީ ކޮށްފައިވާ ތުހުމަތަށް އިއުތިރާފް ވެސް ވެފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން މީހާ ކަމަށްވާ މިސްބާހް ބީބީ، 32، ބޮޑުކަމުދިޔަ އިރު މަސްތުވާތަކެތި ހުރި 10 ބުލެޓް ފެނިފައިވެ އެވެ. މި ތަކެތީގެ ބަރުދަނުގައި 157 ގްރާމް ހުއްޓެވެ.

ނައީމް ތޯރިގް، 32، ބޮޑުކަމުދިޔައިރު 75 ބުލެޓް ވެއްޓިފައިވެ އެވެ. އޭގެ ބަރުދަނުގައި 909 ގްރާމް ހުރި ކަމަށް ކޯޓަށް ހުށަހެޅި ހެކީގައި ބުންޏެވެ.

ހަވާރް ހުސައިން، 36، ބޮޑުކަމުދިޔައިރު ޖުމްލަ ބަރުދަނުގައި 756.3 ގްރާމް ހުރި 62 ބުލެޓް ވެއްޓިފައި ވާއިރު އެންމެ ގިނައިން ބުލެޓް ދިރުވާލައިގެން އުޅުނު ޝާހްޒާދް ހުސައިން، 36، ބޮޑުކަމުދިޔަ އިރު 80 ބުލެޓް ވެއްޓުނެވެ. މި ތަކެތީގެ ބަރުދަނުގައި 1.068 ކިލޯ ހުއްޓެވެ.

މިއިން ކޮންމެ މީހެއްގެ ބަންދަށް މިއަދު 30 ދުވަސް އިތުރުކޮށް ގާޒީ އާމިނަތު އަޒްލިފާ ނެރުއްވި އަމުރުތަކުގައިވާ ގޮތުން މިއީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށް ވާތީ އާއި މިކަމުގައި ގިނަ ބަޔަކު ބައިވެރިވެ އަދި މިކަން ކޮށްފައިވާ ގޮތަށް ބަލާއިރު މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބެލެވެ އެވެ. ބަންދުގެ މުއްދަތު ދިނުމުގައި އެކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އަމުރުގައިވެ އެވެ.

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ތެރޭގައި ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. މިގޮތަށް އަތުލައިގެންފައިވާ އެތައް ބައެއްގެ މައްސަލަ މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.