Roadha Mihaaru
ޑްރަގް ގެނައި ޕާކިސްތާނުގެ މީހާގެ ބަންދު އިތުރުކޮށްފި

އެމްއޭސީއެލް މުވައްޒަފުންގެ ޑްރަގް މައްސަލަ: ޕާކިސްތާނު މީހާ އާއި ޑްރަގްއާ ހަވާލުވާން ދިޔަ މީހާގެ ބަންދު އިތުރުކޮށްފި

16 މެއި 2024

މިދިޔަ މާޗު މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އަށް 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހާ އާއި އެ ތަކެއްޗާ ހަވާލުވާން އެއާޕޯޓަށް ދިޔަ ދިވެހި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މާޗު މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އަށް 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނު މީހާ އާއި އެ ތަކެއްޗާ ހަވާލުވާން އެއާޕޯޓަށް ދިޔަ ދިވެހި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ދީފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ؛

- މުހައްމަދު އާގިބް، 29، ޕާކިސްތާން

- އަލީ ރަމީޒް، 37، ބިއްލޫރިޖެހިގެ، ލ. މާވަށް

މުހައްމަދު އާގިބް އާއި އަލީ ރަމީޒްގެ ކޯޓު އަމުރުގައި ބުނީ މަސްތުވާތަކެތި ހުރި ލަގެޖަކީ އެ ދެ މީހުން ބައިވެރިވެގެން ގެނައި ލަގެޖެއް ކަމަށް ޕްރޮސެކިއުޝަނަށް ފާހަގަވެފައިވާ ކަމަށާއި އެއީ އަމަލީ ގޮތުން މި ކުށް ކުރުމުގައި ބައިވެރިވި ދެ މީހުން ކަމަށެވެ. އަދި އެ ލަގެޖުގެ ޓެގު ނެއްޓުމުގައި ހަރަކާތްތެރިވީ އެއާޕޯޓްގެ މުވައްޒަފުން ކަމަށް ވެސް ޕްރޮސެކިއުޝަނުން ފާހަގަކޮށްފައިވާ ކަމަށް އެ އަމުރުގައި ބުންޏެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޕީޖީން ވަނީ ސީންގައި ހަރަކާތްތެރިވި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ކޯޓަށް ހުށަހަޅައިފަ އެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އަދި މިކަން ކުރުމުގައި އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށާއި މިއީ ދުރާލައި ރާވައި އިންތިޒާމުވެގެން ހިންގާފައިވާ ކުށުގެ އަމަލެއް ކަން ވެސް ފާހަގަވާ ކަމަށް އެ އަމުރުގައިވެ އެވެ.

ޕީޖީން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކޮށްދިނުމަށެވެ. ނަމަވެސް، މި މައްސަލާގައި އެ ދެމީހުންނަށް ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ކަނޑައަޅާފައި ނުވާތީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު އިތުރުކޮށެއް ނުދިނެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިދިޔަ މަހު ބުނެފައިވެ އެވެ.

ރާއްޖެ އެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އާއި މެތެވެ.

އެ މީހުން ތަހުގީގަށް ބަންދު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ މަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން "މި މައްސަލާގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ" އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ޝަރުތުކޮށްފައި ދޫކޮށްލި ކަމަށް ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން ކުރިން ވިދާޅުވެފައިވެ އެވެ.

މި ވަގުތު ފުލުހުން ފާހަގަކުރަނީ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ކަމަށް ވިޔަސް ޝިފާން ވިދާޅުވި ގޮތުގައި، އެ މައްސަލާގައި "ގިނަ މުވައްޒަފުންތަކެއް" ހިމެނޭތީ އެކަން ވަރަށް ސީރިއަސްކޮށް އަންނަނީ ބަލަމުންނެވެ.

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖު 30 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އެއާޕޯޓުން "ގެއްލުނު" މައްސަލަައެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެންމަތިވި އެވެ. އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ލަގެޖު ކަސްޓަމްސް އިން ފުލުހުންނާ ހަވާލު ނުކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ލަގެޖު ގެންދިޔަ މީހެއް އެ މައްސަލަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އަދިވެސް ނޭނގެ އެވެ.