Roadha Mihaaru
ސަމަދާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ސަމަދާ ގުޅޭ މައުލޫމާތު އާއިލާ އަށް ދޭން ޕީޕީއެމުން ސަރުކާރަށް ގޮވާލައިފި

12 ފެބުރުއަރީ 2023

ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދު އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ އަށް ވީ ގޮތެއް ނޭނގޭތީ އޭނާގެ މައުލޫމާތު ހޯދައި އާއިލާއާ އެ މައުލޫމާތު ހިއްސާކޮށްދޭން އެ ޕާޓީން ދިވެހި ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދު އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ އަށް ވީ ގޮތެއް ނޭނގޭތީ އޭނާގެ މައުލޫމާތު ހޯދައި އާއިލާއާ އެ މައުލޫމާތު ހިއްސާކޮށްދޭން އެ ޕާޓީން ދިވެހި ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

...." ހަމަ އެއާއެކު އަބްދުއްސަމަދު ވީ ތަނެއް ހޯއްދަވައި ދެއްވުމަށާއި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި އޭނާއާ ބެހޭ މައުލޫމާތު އާއިލާ އަށް ހިއްސާ ކޮށްދިނުމަށާއި މި ވަގުތު އިންޑިއާގައި މަގުމަތި ވެފައިވާ އޭނާގެ އާއިލާ އަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް މި ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ.

މިއަދު މެންދުރު ފޮރިން މިނިސްޓްރީން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ހަމައެކަނި ބުނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ދިވެއްސަކު، އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން އެ މިނިސްޓްރީން އަދި މީޑިއާ އަށް އެއްވެސް މައުލޫމާތެއް އެ މައްސަލާގައި ނުދެ އެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީގެ އިސް އެކްޓިވިސްޓް އަބްދުއްސަމަދު ބޭސް ފަރުވާ އަށް ބެންގަލޫރަށް އާއިލާއާ އެކު ކުރި ދަތުރުގައި އިންޑިއާގެ އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާ ކަމަށާއި އޭގެ ފަހުން އޭނާ އަށް ވީ ގޮތެއް އާއިލާ އާއި ޕާޓީ އަށް ވެސް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ، އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދުގެ ފޭސްބުކްގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓްގެ މައްސަލައެއް އުޅޭ ކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރުކުރި ކަމަށެވެ. އަދި މިއަދުގެ މެންދުރު މާލެ އަށް އަންނަ ފްލައިޓުން ރާއްޖެ ފޮނުވައިލާ ކަމަށް އޭނާގެ ގާތް މީހުންގެ ފަރާތުން މައުލޫމާތު ލިބުނަސް މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ނުގެންނަ ކަމަށް އިދިކޮޅުން ބުންޏެވެ.

އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީ ނުވީއެއް ނޭނގިފައިވާއިރު، އަނބިކަބަލުންނާއި ދަރިފުޅަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ،" --- ޕީޕީއެމް

އެހެންވެ، އަބްދުއްސަމަދަށް ވީ ގޮތެއް ނޭނގިގެން އެ ކޯލިޝަނުގެ ފަރާތުން ވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައި ކަމަށް ބަޔާނުގައިވެ އެވެ.

"އަބްދުއްސަމަދާ ބެހޭ މައުލޫމާތު އިންޑިއާގެ ސަރުކާރާ ގުޅިގެން ހޯދައި ސަމަދާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ޕާޓީއާ ހިއްސާ ކޮށްދޭން އެދިފައިވާނެ،" ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ދަރިފުޅު ބަލިވެގެން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓަ އެވެ.

"އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީ ނުވީއެއް ނޭނގިފައިވާއިރު، އަނބިކަނބަލުންނާއި ދަރިފުޅަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ،" ކަންބޮޑުވުމާއެކު ޕީޕީއެމުން ބުންޏެވެ.

އެ ޕާޓީން ބުނީ އަބްދުއްސަމަދު، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އެ ކޯލިޝަނުން ފަށާފައިވާ އިހުތިޖާޖުގައި އަޑުއުފުލަމުންދާ އެކި މީހުންނަށް އަމާޒުކޮށް އިންޑިއާގެ ސަރުކާރުން ހިންގާ "ލާއިންސާނީ" އަމަލުގެ ދަށުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދިވެހި ރާއްޖެ އާއި ދިވެހި ރައްޔިތުން މިއަދު މި ތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާ ކަމެކެވެ. އެހެންކަމުން މިކަން މި ކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިހާރުން މިހާރަށް އަބްދުއްސަމަދު ދޫކޮށްލުމަށް އިންޑިއާ ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމުން ބުނީ، އިންޑިއާގެ އިމިގްރޭޝަންގެ އަމަލުތަކާ ގުޅިގެން ސަމަދުގެ އާއިލާ ވަނީ އެ ގައުމުގައި "މަގުމަތިވެފައި" ކަމަށެވެ.