Roadha Mihaaru
އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ޕީޕީއެމުން ނުކުންނަނީ

އިންޑިއާ އައުޓް ހަރަކާތް އާ މިސްރާބަކަށް، މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނުކުންނަނީ

15 މެއި 2022

އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ހަރަކާތެއް ފެށުމަށް މިއަދު މަޝްވަރާތައް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ހަރަކާތެއް ފެށުމަށް މިއަދު މަޝްވަރާތައް ފަށައިފި އެވެ.

އެ ހަރަކާތް މިއަދު އިއުލާންކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

"އަވަށްޓެރި އިންޑިއާގެ ލޮބުވެތި މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި އަޑުއުފުލުމުގެ ހަރަކާތަކަށް ނުކުންނަން ތައްޔާރުވަނީ،" އަދުރޭ ޓުވީޓް ކުރެއްވި އެވެ.

އެ ހަރަކާތާ ގުޅޭ ގޮތުން އިދިކޮޅުގެ ތަރުޖަމާން ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ، އެއީ އިދިކޮޅުން ވަރަށް ފޯރީގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ވަކި ކަމެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ހަރަކާތެއް ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ހަރަކާތުގެ މަޝްވާރަތައް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވި ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އެތަނަށް އެއްވެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވި ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އެތަނަށް އެއްވެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސީދާ ހަމަ އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މި ހަރަކާތް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

އެ ހަރަކާތް ފެށިޔަސް، "އިންޑިއާ އައުޓް" ކެމްޕެއިން ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުން، އިންޑިއާ ދެކޮޅަށް އާ ހަރަކާތެއް ފަށަން އުޅޭ ކަމަށް ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިދިޔަ މަހު 21 ގައި ކަނޑައަޅާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރުވި އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.