Roadha Mihaaru
އައްޑޫން ޑިމޮކްރެޓްސްއަށް ސޮއިކުރީ 300 މީހުން:އިބުރޭ

އައްޑޫން ޑިމޮކްރެޓްސް އަށް ސޮއިކުރީ 300 މީހުން: އިބުރޭ

04 ޖޫން 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އަށްމުޅި އައްޑޫ އިން މިހާތަނަށް ސޮއިކުރީ 300 އެއްހާ މީހުން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އަށްމުޅި އައްޑޫ އިން މިހާތަނަށް ސޮއިކުރީ 300 އެއްހާ މީހުން ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިހާރު އައްޑު އަށް ވަޑައިގެން ހުންނެވި އިބުރޭ "މިހާރު" އަށް ވިދާޅުވީ އެ އަދަދު އެމްޑީޕީން ބަލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޭރު ބެލި އިރު ސޮއި ކުރީ 60 ވަރަކަށް މީހުން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ. ގާތްގަނޑަކަށް 300 އެއްހާ މީހުން މިހާރު ސޮއި ކުރާނެ ކަމަށް ލަފާ ކުރެވޭ މުޅި އައްޑޫ އިން،" ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިބުރޭ ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް "މިހާރު" އަށް ވިދާޅުވީ މީދޫ އޭނާގެ ދާއިރާ އިން ޑިމޮކްރެޓްސް އަށް މިހާތަނަށް ސޮއި ކުރީ 12 މީހުން ކަމަށެވެ.

މާލެ ފިޔަވައި އެމްޑީޕީ އަށް އެންމެ ގިނަ މީހުން ސޮއިކޮށްފައި ވަނީ އައްޑޫންނެވެ. މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި ރިޔާސީ ޕްރައިމަރީގައި ވެސް ވޯޓުލާ މީހުންގެ އާބާދީ ބޮޑަށް އޮތީ އައްޑޫގަ އެވެ. އެހެންވެ، އެ ދާއިރާގެ ތާއީދު ހޯދަން އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރެ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 3،500 މީހުންގެ ސޮޔާ އެކު އެވެ.

ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ، ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރެއްވިޔަސް އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ. އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތް މެމްބަރުންތަކެއް، ނަޝީދުގެ ކުރިފުޅުމަތީގައި އެ މަނިކުފާނު ހިތްވަރު ދެއްވައިގެން އެމްޑީޕީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވިޔަސް ފިޔަވަޅު ނާޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެ އެހެން މެމްބަރުންނާ މެދު ފިޔަވަޅު އަޅާއިރު ނަޝީދަށް އެ އުސޫލުން އަމަލުކުރަން "ހަމަ ދަތި" ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިއްބަވައި ސަރުކާރާއި ޕާޓީ އަށް ފާޑުވިދާޅުވަމުން އައި މެމްބަރުންތަކެއް ވަކިވުމަކީ މާބޮޑު ގެއްލުމެއްގެ ގޮތުގައި އެ ޕާޓީން ނުދެކެ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި، ނަޝީދު ވަކި ހަރަކާތެއް ހިންގަވައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވިޔަސް ވެރިކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ އެވެ.