Roadha Mihaaru
އިބޫގެ ފުރަތަމަ ދަތުރު އައްޑު އާއި ފުވައްމުލަކަށް

އިބޫގެ ކެމްޕޭންގެ ފުރަތަމަ ދަތުރު އައްޑު އާއި ފުވައްމުލަކަށް

12 ޖުލައި 2018

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭންގެ ފުރަތަމަ ދަތުރުގައި އައްޑު އާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕޭންގެ ފުރަތަމަ ދަތުރުގައި އައްޑު އާއި ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެކަމަކު ރަސްމީކޮށް ކެމްޕޭން ދަތުރުތައް މި ފައްޓަވަނީ މި ހަފުތާ ބަންދުގަ އެވެ.

އެމްޑީޕީން ބުނިގޮތުގައި، މާދަމާ ހަވީރު، އިބޫ އައްޑު އަށް ވަޑައިގެން ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާނެ އެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ގެތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ ހޮނިހިރު ދުވަހެވެ.

މަރަދޫފޭދޫގައި ދޮރުން ދޮރަށް ކެމްޕޭން ލޯންޗުކޮށްދެއްވައި، އައްޑޫގެ ހުރިހާ އަވަށްތަކަކަށް އިބޫ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ފުވައްމުލަކަށް ވަޑައިގަތުން އޮތީ އައްޑޫގެ ކެމްޕޭން ނިންމާލެއްވުމަށް ފަހު އެވެ.

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ، ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމުންނެވެ. އެގޮތަށް، ނިންމެވީ އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް އެންގުމުންނެވެ.

އިބޫއާ އެކު އިންތިޚާބުގައި ވާދަކުރައްވާ ރަނިން މޭޓަކު ކަނޑައެޅުމުގެ ފުރުސަތު ދިނީ ޖުމްހޫރީ ޕާޓީ އަށެވެ. އެ ޕާޓީން މާދަމާ ރޭ ބޭއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުން ރަނިން މޭޓަކު ކަނޑައަޅާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި ރަނިން މޭޓަކު ކަނޑައެޅުމުން، އިދިކޮޅު ކޯލިޝަން އެކުގައި ކެމްޕޭން ދަތުރުތައް ފަށާނެ އެވެ.