Roadha Mihaaru
ކުނި މެނޭޖުކުރާ ސާމާނު ހޯދުން ލަންކާ ކުންފުންޏަކަށް

22 ރަށަކަށް ކުނި މެނޭޖުކުރާ ސާމާނު ހޯދަން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

06 ޖޫން 2023

ރާއްޖޭގެ 22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދުމަށް ސްރީ ލަންކާގެ ކުންފުންޏަކާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ 22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދުމަށް ސްރީ ލަންކާގެ ކުންފުންޏަކާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

މިނިސްޓްރީން ބުނީ މިއަދު އެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓާ ކަމަށެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. އަދި ސޯ އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ބަނޑުލަ ޖަޔަރަތުނަ އެވެ.

މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނީ ވޯލްޑް ބޭންކްގެ އެހީގައި އެ އިދާރާއިން ހިންގާ، މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން މި މަސައްކަތަށް 7.6 މިލިއަން ވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ ކަމަށެވެ. އެ އެއްޗެހި ގެންނަން ހަތަރު މަސް ދުވަސް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން މ. ފ. ދ. ތ. އަދި ލ. އަތޮޅު ހިމެނޭ ގޮތަށް 22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ސާމާނު ހޯދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ހޯދާ ސާމާނު

- މަލްޓި ޕާޕަސް މިނީ ބޭލާ

- ބިއްލޫރި ފުޅި ފުނޑުކުރާ މެޝިން

- ކުނި އަޅަން ބޭނުންކުރާ އެކި ސައިޒުގެ ޑަސްބިން

- ޕީޕީއީ ކިޓާއި އަދިވެސް އެހެން ސާމާނު

މިނިސްޓްރީން ބުނި ގޮތުގައި، މި ވަސީލަތްތައް ފޯރުކޮށްދޭން ހަމަޖެހިފައިވާ ރަށްތަކަކީ ކުނި މެނޭޖުކުރާނެ ސެންޓަރެއް ހުންނަ ނުވަތަ އެކަހަލަ ސެންޓަރެއް ހަދަމުން އަންނަ އަދި އެ މަސައްކަތް ކުރުމަށް ޕްރޮކިއުމެންޓް މަރުހަލާގައި ހުރި ރަށްތަކެވެ.

"ވުމާއެކު، މި މިނިސްޓްރީގެ ތަސައްވަރަކީ މި މަޝްރޫއު ނިމިގެންދާއިރު، މި ރަށްތަކަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމަށް ގާބިލު ރަށްތަކަކަށް ވެގެން ދިއުމެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށަކަށް ކުނި މެނޭޖުކުރާނެ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދާ ކަމަށެވެ.

ކުނި މެނޭޖުކުރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ހާއްސަ ގާނޫނެއް ހަދައި އެއަށް އަމަލުކުރަން ވެސް ފަށައިފަ އެވެ. އެ ގާނޫނުގެ ދަށުން ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވެ އެވެ.