Roadha Mihaaru
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

ކުނި ވަކިކުރަން ބޮޑު ލުޔެއް ގެނެސްދޭނެ މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

28 އޯގަސްޓް 2023

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ހުޅުވައިފި އެވެ.

އެތަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ތިމާވެެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އާއި ޗައިނާ އާއި ޖަޕާނުގެ ސަފީރުން އަދި މި ޕްރޮޖެކްޓަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުމަށް ވެމްކޯ ސައިޓުގައި ވަނީ ދެ އިމާރާތެއް ހަދައިފަ އެވެ. އެއީ ކުނި ޖަމާކުރަން ހެދި ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހެދި ހަތް ބުރީގެ އޮފީސް އިމާރާތެކެވެ.

މި ސްޓޭޝަން ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ. އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން މި ސްޓޭޝަނަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް މިކަހަލަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މި ސްޓޭޝަން ހުޅުވުމާ އެކު މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލުމަށް ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި ވަސީލަތްތައް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ކުނި މެނޭޖުކުރާ އިމާރާތުގެ މަތި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ކުނި މެނޭޖުކުރާ އިމާރާތުގެ މަތި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިރޭ މި އިފްތިތާހުކުރެވޭ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، ފުރިހަމަ ހައްލުކަން އަޅުގަނޑު ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލޭގައި ކުނި ވަކިކޮށްގެން އުކާލުމަކީ އުނދަގޫ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ފަރުދީ ފެންވަރުގައި އާންމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުން

• މި ޓްރާންސްފާ ސްޓޭޝަނަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ބަހައްޓާނެ ތަން.

• މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފެދޭ ކުނި، މި ސްޓޭޝަންތަކަށް ގެނެސް، ކުނި އުފުލަން މިތަނުގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ބަރުކުރާނެ.

• ކޮންޓެއިނަރުތަކަށް ކުނި އަޅާނީ އެކި ބާވަތްތަކުގެ ކުނި ތިން ބަޔަކަށް ބަހާލައިގެން.

• ކުނި އުފުލަން މި ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން އެ އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ހުއްޓުވުން.

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ކުނި މެނޭޖުކުރާ އިމާރާތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ކުނި މެނޭޖުކުރާ އިމާރާތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހަރަދުކުރި އެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ގޮތުން ފެށި ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ކުނި އެންދުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ރައްކާތެރި ގޮތުގަ އެވެ.

ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމާއި މާލެ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށިތައް ހަދާނެ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ވަރަށް ގިނަ ރަށްރަށުގައި ކުނި ކޮށި ހަދަން މިހާރު ވަނީ ހަވާލުކޮށްފަ އެވެ.