Roadha Mihaaru
ހޭންޑްބޯލް: ފިރިހެން ފައިނަލަށް ސިފައިންނާއި ޒެފްރޯލް

ހޭންޑްބޯލް އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަނުގެ ފައިނަލަށް ސިފައިންނާއި ޒެފްރޯލް

08 ޖޫން 2023

މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ކަޕް ގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް، ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޒެފްރޯލް ދަތުރު ކޮށްފި އެވެ.

މައިލޯ ހޭންޑްބޯލް އެސޯސިއޭޝަން ކަޕް ގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް، ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޒެފްރޯލް ދަތުރު ކޮށްފި އެވެ.

ޒެފްރޯލާއި ސިފައިން ވެސް ފައިނަލަށް ދަތުރު ކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ގުރޫޕް ސްޓޭޖުގައި ދެ ޓީމު ވެސް ވާދަކުރި ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބު ކުރި އިރު، ރޭ ކުޅުނު ސެމީ ފައިނަލްގައި ޒެފްރޯލް ވަނީ ވެލިދޫ ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ދެވަނަ ސެމީގައި ސިފައިން ވަނީ މިދިޔަ އަހަރުގެ ރަނަރަޕް ފިއުޗާ ސްޕޯޓްސް ކްލަބް އެކަޑަމީ ބަލިކޮށްފަ އެވެ.

ފުރަތަމަ ކުޅުނު ސެމީ ފައިނަލް މެޗުގައި ވެލިދޫއާ ވާދަކޮށް ޒެފްރޯލް މޮޅުވީ 45-24 އިންނެވެ. މުޅި މެޗު ވެސް ޑޮމިނޭޓް ކޮށްގެން ކުޅުނީ ޒެފްރޯލް އެވެ. ދެވަނަ ސެމީ ފައިނަލްގައި ސިފައިންނާއި ފިއުޗާ ސްޕޯޓްސް އެކަޑަމީ ވެސް ދާދި އެއްވަރު ކުޅުމެއް ފެނުނުއިރު، ސިފައިން ފައިނަލަށް ދިޔައީ 25-23 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފިރިހެން ޑިވިޝަނުގައި 10 ޓީމެއް ވާދަ ކުރި އެވެ. ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅެ، ސެމީ ފައިނަލަށް ހޮވުނީ ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5 ޖަހާއިރެވެ.

އަންހެން ޑިވިޝަނުގެ ފައިނަލަށް ހޮވޭ ޓީމުތައް މިރޭ ޔަގީން ވާނެ އެވެ. މިރޭ ކުޅޭ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ކުޅޭނީ މިދިޔަ އަހަރުގެ ފައިނަލް ކުޅުނު އޮރިކްސް ހޭންޑްބޯލް ކްލަބާއި ރެޑްހޯކްސް ސްޕޯޓްސް ކްލަބެވެ. އެއަށް ފަހު ދެވަނަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ތުޅާދޫ ޔަންގް އީގަލްސް އާއި ކީންސް ސްޕޯޓްސް ކްލަބެވެ.