Roadha Mihaaru
20 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމަށް ބްރޯންޒް މެޑަލް

20 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމަށް ބްރޯންޒް މެޑަލް

14 ޖުލައި 2024

އައިއެޗްއެފް ޓްރޮފީގައި ވާދަކުރި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ތިން ވަނަ ހޮވި މެޗުގައި 33-23 އިން ނޭޕާލްގެ މައްޗަށް ކުރި ހޯދައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު ތިން ވަނަ ހޮވި މެޗުގައި 33-23 އިން ނޭޕާލްގެ މައްޗަށް ކުރި ހޯދައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ޓީމުގެ ގޯލްކީޕަރު ހުސެއިން ޔަނާލް އަކްރަމް އެވެ. ލީގު ބުރުގައި ނޭޕާލް ބަލިކުރި މެޗުގައި ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭނާ އެވެ.

އިންޑިއާގެ ޖައިޕޫރުގެ ސަވާއީ މަން ސިންގް އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މުބާރާތުގައި، ގައުމީ 18 އަހަރުން ދަށުގެ ޓީމު ވެސް ވަނީ އިއްޔެ އެ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ކުޅެފަ އެވެ. އެ އުމުރުފުރާގެ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 31-29 އިން ބަލިވެފަ އެވެ.

ތިންވަނަ ހޯދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔަނާލް. -- ފޮޓޯ: ގާފު ސްޕޯޓްސް

ތިންވަނަ ހޯދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔަނާލް. -- ފޮޓޯ: ގާފު ސްޕޯޓްސް

ހަތަރު ޓީމު ވާދަކުރި އޭޝިއާގެ ޒޯން 2 ގައި ޒުވާން ދެ ޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފަ އެވެ. އަށާރަ އަހަރުން ދަށުގެ ޓީމު 36-31 އިން މޮޅުވި އިރު 20 އަހަރުން ދަށުގެ ޓީމު މޮޅުވީ 30-28 އިންނެވެ.

ނަމަވެސް ފަހު ދެ މެޗު ކާމިޔާބު ނުކުރެވި، ލީގު ބުރު ވެސް ނިންމާލީ ތިން ވަނައިގަ އެވެ. އެގޮތުން 18 އަހަރުން ދަށުގެ ޓީމު އިންޑިއާއާ ވާދަކޮށް 56-27 އިން ބަލިވިއިރު 20 އަހަރުން ދަށުގެ ޓީމު ބަލިވީ 51-28 އިންނެވެ.

އަދި ފަހު މެޗުގައި ބަންގްލަދޭޝް އިން 47-28 އިން ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު ބަލިކުރި އިރު، 38-30 ޕޮއިންޓުން 20 އަހަރުން ދަށުގެ ޓީމުގެ މައްޗަށް ކުރި ހޯދި އެވެ.