29 ޖެނުއަރީ 2017
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނިންމުމާއެކު، އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ކުރީގެ ބައެއް ރައީސުންނާއި ކުރީގެ ވަޒީރުންނާއި ބައެއް ގާނޫނީ ވަކީލުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް، ނާޒިމްގެ އާއިލާ އިން އދ. ގެ ވޯކިން ގުރޫޕަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ ނާޒިމާ އެއްކޮޅަށް ނިންމި ނަމަވެސް އެންމެ ބޮޑު ސުވާލެއް އުފެދެނީ އެއާ އެއްގޮތަށް ސަރުކާރުން އަމަލުކުރުމާ މެދުގަ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ނިންމުމާއެކު، އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ކުރީގެ ބައެއް ރައީސުންނާއި ކުރީގެ ވަޒީރުންނާއި ބައެއް ގާނޫނީ ވަކީލުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް މެދުވެރިކޮށް، ނާޒިމްގެ އާއިލާ އިން އދ. ގެ ވޯކިން ގުރޫޕަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ ނާޒިމާ އެއްކޮޅަށް ނިންމި ނަމަވެސް އެންމެ ބޮޑު ސުވާލެއް އުފެދެނީ އެއާ އެއްގޮތަށް ސަރުކާރުން އަމަލުކުރުމާ މެދުގަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައިސްފައިވާއިރު، އެމަނިކުފާނު ދޫކޮށްލަން ވެސް އދ. ގެ ވޯކިން ގުރޫޕުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް ސަރުކާރުން އަންނަނީ އެކަމާ ސީދާ ދެކޮޅު ހަދަމުންނެވެ. އެހެންވީމާ ސުވާލު އުފެދެނީ ނަޝީދު ކަހަލަ ދުނިޔޭގައި މަޝްހޫރު އަދި އެތައް ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅަކު މިނިވަންކުރަން އދ. ގެ ވޯކިން ގުރޫޕުން ގޮވައިލުމުން ބީރު ކަންފަތެއް ދިން ސަރުކާރަކުން، ނާޒިމްގެ މައްސަލާގައި ދުލެއް ދީފާނެ ކަމާ ދޭތެރެ އެވެ.
މިހާރު ވެސް ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ އިއްޔެ މީޑިއާގައި ވިދާޅުވީ، އދ. ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ރިކޮމެންޑޭޝަނެއް ކަމަށް ވުމުން، އެއަށް އަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމް ނުކުރާ ކަމަށެވެ. ނަޝީދެކޭ އެއްފަދައިން ނާޒިމްގެ މައްސަލާގައި ވެސް އައީ ރިކޮމެންޑޭޝަނަކަށް ވާތީ، ވޯކިން ގުރޫޕުން ކަނޑައަޅާފައިވާ މުއްދަތުގައި އެއަށް ދިވެހި ސަރުކާރުން ޖަވާބުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ސިޔާސީ ހިމާޔަތް ހޯދައިގެން ހުރި، ޖޫލިއަން އަސާންޖް ވަގުތުން ދޫކޮށްލުމަށް އދ. ގެ ވޯކިން ގުރޫޕުން ގޮވައިލުމުން އިނގިރޭސިވިލާތުން ވެސް އެ ނިންމުން ގަބޫލު ނުކުރިކަން ޝައިނީ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝައިނީ ވާހަކަ ދައްކަވަނީ: ނާޒިމްގެ މައްސަލާގައި އދ. ގެ ވޯކިން ގުރޫޕުން ނިންމި ނިންމުމަށް އަމަލުކުރުން ރާއްޖެ އަށް ލާޒިމް ނޫން ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
އަސާންޖްގެ ވާހަކަ ޝައިނީ ފާހަގަކުރެއްވީ އދ. ގެ ވޯކިން ގުރޫޕުގެ ނިންމުންތަކަށް އަމަލު ނުކުރަނީ ހަމައެކަނި ރާއްޖެ އިން ނޫން ކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
ނަމަވެސް މި މައްސަލާގައި ނާޒިމްގެ ދިފާއުގައި "މިހާރު" އާ ވާހަކަ ދެއްކެވި، ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އދ. ގެ ވޯކިން ގުރޫޕުން ވަކި ގޮތަކަށް ނިންމާނީ ނުހައްގުން ބަޔަކާ މެދު އަމަލުކުރުމުން ކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ނަޝީދާއި ނާޒިމްގެ މައްސަލާގައި ވެސް އެގޮތަށް އެ ޖަމާއަތުން ނިންމީ އެހެންވެ ކަން ސާފުކޮށް އެނގޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޔޫއެންގައި އަޅުގަނޑުމެން ތިބިހާ ދުވަހަކު އެއަށް އަމަލު ކުރަން ވާނެ. އެހެން ނޫނީ ދުނިޔެ އަށް ފެންނަމުން ދާނީ ޑިކްޓޭޓަޝިޕެއްގެ ސިފަތައް. އޭގެ އަސަރު ޓޫރިޒަމަށް ވެސް ކުރާނެ. ރާއްޖޭގެ އިގުތިސޯދަށް ވެސް ކުރާނެ. މީގެ ގެއްލުން ހުރިހާ ދިމާލަކަށް ވެސް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ނަޝީދާއި ނާޒިމްގެ މައްސަލަ އަޅާ ކިޔާލާއިރު ތަފާތު ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. އެއީ ނާޒިމް ޖަލަށް ލުމަށް ހުކުމްކޮށް، އަދި ހައި ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ވެސް ކުރި ފަހުން، ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުމެވެ.
އޭސީޕީ ނަވާޒް ޖޫން 21، 2016 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް މި ނިއުސް ބްރީފިންގައި ނަވާޒް ހާމަކުރެއްވި.---މިހާރު ފައިލް ފޮޓޯ
އެެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ޖޫން 21، 2016 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. އެކަމަކު އެ ފިސްތޯލައާ އަދީބާ ގުޅުން އޮތް ކަމަށް ބުނެވެން ނެތް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެހެންވެ އެއާ މެދު އިތުރަށް އެއްޗެއް ހާމަކުރެވެން ނެތް ކަމަށް ނަވާޒް މީގެ ހަތް މަސް ކުރިން ވިދާޅުވެފައިވާއިރު، ލިބުނު ކުރިއެރުމެއް މީޑިއާ އަށް އިތުރަކަށް ތިލައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދެން ފެނުނީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ނުބަލަން ފުލުހުން ނިންމި ތަނެވެ. އެގޮތަށް ނިންމީ އެއީ ޝަރީއަތް ނިމި ހުކުމް އިއްވާފައިވާ މައްސަލައަކަށް ވާތީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ނޮވެމްބަރު 15، 2016 ގައި ވިދާޅުވެފައި ވަނީ "ނާޒިމްއާ (ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލަ) ގުޅޭ އެއްވެސް މައްސަލައެއް މިހާރު ފުލުހުން ތަހުގީގު ކުރަމުން ނުދާ" ކަމަށެވެ. އޭގެ ސަބަބެއް ވިދާޅެއް ނުވި އެވެ. ނަމަވެސް ނާޒިމްގެ ކޭސް އެ ހިސާބުން ފައިލްކުރި ކަން ސާފެވެ.
މީގެ ދެ މަސް ކުރިން ފުލުހުން އެހެން ބުނިއިރު، ޖަވާބު ނުލިބޭ ސުވާލުތައް ހުއްޓެވެ. އަދިވެސް އެކަން އޮތީ އެހެންނެވެ.
ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ހާޒިރުކުރަނީ.---މިހާރު ފައިލް ފޮޓޯ
މި މައްސަލާގައި އެންމެ ފަހުން ފުލުހުން ވާހަކަ ދައްކާފައި ވަނީ އަދީބުގެ ޑީއެންއޭ ފެނުނުކަން އާންމު ކުރުމަށް ޖޫން 21، 2016 ގައި ބޭއްވި ޕްރެސް ބްރީފިންގައި އޭސީޕީ ނަވާޒެވެ. އެރޭ އޭނާ ވިދާޅުވެފައި ވަނީ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ނަތީޖާ ނުލިބޭ އެހެން ޕްރޮފައިލްތަކެއް އެބަހުރި ކަމަށާއި މީހެއްގެ ޑީއެންއޭ ފެނުމުން އެ ކަމެއް ނިސްބަތް ވަނީ އެ މީހަކަށް ކަމަށް ނުބުނެވޭނެ ކަމަށް ނަވާޒް ވިދާޅުވެފައިވެ އެވެ.
"އަދިވެސް ނަތީޖާ ނުލިބޭ ޕްރޮފައިލް ހުރި ވާހަކަ ދަންނަވާލަން. އެއީ ސީދާ މިވެނި މީހަކާ ގުޅުނީއޭ މި ހިސާބުން ނިމުނީއޭ އެގޮތަށް ނުނަންގަވާތި. އަދި ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތު ލިބޭނެ ކަމަށް ގަބޫލުކުރަނީ،" މީގެ އަށް މަސް ކުރިން ނަވާޒު ވިދާޅުވެފައިވެ އެވެ.
އެކަމަކު ތަހުގީގު ވަކި ހިސާބަކުން ކުއްލި ގޮތަކަށް ވަނީ ނިންމައިފަ އެވެ. ނަތީޖާ ނުލިބި ހުރި ޕްރޮފައިލްތަކަށް ވީ ގޮތެއް ނޭނގެ އެވެ. ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބުނު ކަމެއް ވެސް އެނގޭކަށް ނެތެވެ. ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުނު ހިސާބުން ތަހުގީގު ނިމިއްޖެ އެވެ. އެކަމާ ގުޅޭ ގޮތުން އަދީބާ ސުވާލުކުރި ކަމެއް ނޭނގެ އެވެ.
މަޖިލިހުގެ ކޮމިޓީއެއްގައި މެމްބަރު ރިޔާޒް: ނާޒިމްގެ މައްސަލާގައި އަދިވެސް ޖަވާބު ނުލިބޭ ސުވާލުތައް އެބަހުރި ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
"އަދިވެސް މިއޮތީ ވަރަށް ބޮޑަށް ސުވާލު އުފެދޭ މަރުހަލާއެއްގައި. ކޮޓަރިން ފެނުނު ތަކެތިން ނާޒިމްގެ ފިންގަޕްރިންޓެއް ނުފެނޭ. އެ ތަކެތިން ފެނުނު ފިންގަޕްރިންޓާ ނާޒިމްގެ ފިންގަޕްރިންޓާ ދިމަލެއް ނުވޭ. އާއިލާގެ މީހެއްގެ ފިންގަޕްރިންޓާ ދިމަލެއް ނުވޭ. ނާޒިމްގެ ޑީއެންއޭ މެޗެއް ނުވޭ. ކޮޓަރިން ފެނުނު އެއްޗިއްސަކީ ނާޒިމްގެ އެއްޗެހިކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް. އެހެންވީމާ އަދިވެސް އޮތީ ހުސް ސުވާލު،" ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ނާޒިމާ ގާތް ގުޅުމެއް އޮންނަ އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީއެއްގައި އަލީ ހުސެން ވާހަކަ ދައްކަވަނީ: ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަންޖެހޭނެ ކަމަށް ވިދާޅުވި.--މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ތަހުގީގުގެ ވަކި ހިސާބަކުން އެހެން މީހެއްގެ ޑީއެންއޭ ފިސްތޯލަ އިން ފެނުމުން އެ ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި އާ ތަހުގީގެއްގެ ގޮތުގައި އެކަން ކުރިއަށް ގެންގޮސް ނަތީޖާ ފެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިސްތޯލަ އެ ތަނުގައި ބޭއްވި މީހާގެ ނަން ނާޒިމްގެ އާއިލާ އިން އެބަ ބުނޭ. އެކަމަށް ހެކިން އެބަތިބި ކަމަށް އާއިލާ އިން ބުނޭ. އެންވެއްޖިއްޔާ އެކަންކަން ބެލެން ޖެހޭނެ. ފިސްތޯލަ ކޮޓަރި އަށް ގެންދިޔަ ގޮތެއް ނުހޯދޭ. ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާއިރު އޭނާއާ ސުވާލު ކުރަންޖެހޭ. ފިސްތޯލަ ގެންދިޔަ ބަޔަކާ ދެކޮޅަށް ދައުވާކުރަން ޖެހޭ. އެހެން ނޫނީ މި މައްސަލަ އެއްކޮށް ނިމުނު ކަމަކަށް ނުބެލެވޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އދ. ގެ ވޯކިން ގުރޫޕުން ވެސް ކަނޑައަޅާފައިވާ ގޮތުގައި ބެލެވެނީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށެވެ. ޖެނުއަރީ 2015 މަހުގެ ތެރޭގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، ނާޒިމްގެ މައްޗަށް ހިންގީ މިނިވަން، އިންސާފުވެރި ޝަރީއަތެެއް ނޫން ކަމަށް ވޯކިން ގްރޫޕުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުން މިހާރު ވެސް ހުރި ގޮތުން ނާޒިމް މިނިވަން ވުމުގެ ފުރުސަތެއް ނެތެވެ.
ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝައިނީ މީޑިއާގައި އިއްޔެ ދެއްކެވި ވާހަކަތަކަށް އެކަނި ބެލި ނަމަވެސް ފެންނަނީ އެ މަންޒަރެވެ. ދަށު ކޯޓުގެ ނިންމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގެންފައިވާއިރު، ނާޒިމް ދޫކޮށްލުމުގެ ބާރު އޮތީ ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ އަށެވެ. ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެ ފުރުސަތު ރައީސަށް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. ސަބަބަކީ ނާޒިމްގެ ހުކުމްގެ ތިންބައިކުޅަ އެއްބައި ތަންފީޒު ވެފައި ނެތުމެވެ.
ޝައިނީ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވަނީ މިފަދަ ސަބަބުތަކާ ހެދި އެވެ. މާނަ އަކީ މަޝްވަރާގެ އަލީގައި ނާޒިމްގެ މައްސަލަ އަށް ވެސް އަލިމަގެއް ފެނުމެވެ. އެކަމަކު މަޝްވަރާގެ ކަންތައް ވެސް އޮތީ ވަކި ކޮޅެއްގައި ނުޖެހި އެވެ.
ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ނާޒިމް ދޫކުރަން ސަރުކާރުން ބޭނުން ނުވަނީ ސިޔާސީ ފައިދާއެއް ހާސިލް ކުރުމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނާޒިމަކީ ރައީސް ޔާމީނަަށް ބިރަކަށް ވުމުގެ ފުރުސަތު އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޝައިނީ ވިދާޅުވީ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރިއިރު، އެއީ ރައީސް ޔާމީން ދައުލަތުގެ ވަރަށް ގިނަ މަސައްކަތްތައް ހަވާލު ކުރައްވާފައިވާ އަދި އިތުބާރު ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ކެބިނެޓުގެ އެންމެ އިސް އެއް ބޭފުޅާ އެއީ. އެހެންވީމާ އެ ވިދާޅުވާ ވާހަކަތަކުގެ އަސާސެއް ނެތް. ނާޒިމަކީ ކެބިނެޓްގައި ހުންނެވިއިރު އޮޕޯނަންޓެއްގެ ގޮތުގައި ފެނިފައިވާ ބޭފުޅެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.
ނާޒިމަކީ ކެބިނެޓުގައި ހުންނެވިއިރު ރައީސް ޔާމީން ވަރަށް ގިނަ ކަންކަން ހަވާލުކުރެއްވި، އަދި ގައުމުގެ ޑިފެންސް މިނިސްޓަރެވެ. އެއީ ރައީސަކު އެންމެ އިތުބާރު ކުރައްވާނެ އެއް މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ނަމަވެސް ނާޒިމް ހައްޔަރުކޮށް، އެކި މަރުހަލާތައް ގޮސްފައިވާ ގޮތާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމް ދޫކޮށްލަން ގޮވާލުމަކީ އިހުތިރާމްު ކުޑަކޮށްލުން
އަދީބުގެ ޑީއެންއޭގެ މައުލޫމާތު ޕީޖީއަށް ފޮނުވަައިފި
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!
އާއިލީ ބައްދަލުވުންތައް ނުދޭތީ އަނބިން ކަރެކްޝަންސަށް
ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟